ރަމަޟާން މަހާ ކުރިމަތިލާއިރު އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ފުރިހަމަ ތައުބާއަކުން ތައުބާވުން ކަމަށާއި އަދި އަހަރެމެންގެ ހަޔާތުގައި ކުރެވެމުންދާ ކުށްފާފަތަކާ ދުރުހެލިވެ، އާހަޔާތަކަށް ބަދަލުކޮށް އިސްލާހުކުރުމާއެކު އެ މަތިވެރި މެހެމާނާއާ ބައްދަލުކުރުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
"ރަމަޟާންމަހަށް ތައްޔާރުވުން" މި މައުޟޫއަށް ދިން ހުކުރު ހުތުބާގައި ބުނީ، މުސްލިމުންނާ ކުރިމަތިވަމުން މި އަންނަނީ ހެޔޮކަމާއި ދަރުމައިން ފުރިގެންވާ މެހެމާނެއް ކަމަށާއި އެއީ ބަރަކާތުން ފުރިގެންވާ މެހެމާނެއް ކަމަށެވެ. އަދި އެ މަތިވެރި މެހެމާނަށް އެކަށީގެންވާ އިސްތިގުބާލަކުން އިސްތިގުބާލުކޮށް، މެހެމާންދާރީ އަދާކުރަންޖެހޭ އެންމެ ފުރިހަމަ ގޮތުގައި މެހެމާންދާރީ އަދާކުރަންޖެހޭ ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ، މި ބަރަކާތްތެރި މައްސަރުގެ ދުވަސްތަކާއި ކުރިމަތިލާންވާނީ، ފުރިހަމަ އީމާންކަމާއެކު އެ މައްސަރުގެ ފުރިހަމަ ދަރުމައާއި ސަވާބަށް އެދޭ ހާލުގައި ކަމަށެވެ.
އަދި ރޯދަމަހަށް ތައްޔާރުވާންވީ ހަމައެކަނި ގޭތެރެ ރީތިކުރުމާއި ފަރުނީޗަރުތައް ބަދަލުކުރުމާއި ކާބޯތަކެތި ގަނެ ޖަމާކުރުމަށް ނޫން ކަމަށާއި އެއަށްވުރެ ބޮޑު އިސްކަމެއް ދޭންޖެހޭނީ އެ މަހުގެ ފުރިހަމަ ދަރުމައާއި ސަވާބު ހާސިލުކުރެވޭނެ ގޮތަކަށް ކަންކަން ރާވައިގެން އެ މައްސަރާ ބައްދަލުކުރުމަށް ކަމަށާއި އެދުވަސްތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށް ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ، ރޯދައިގެ މަތިވެރިވެގެންދާ އަޖުރުން އެއްވެސް އެއްޗެއް އުނިނުވެ ރޯދަހިފޭނޭ ގޮތަކަށް އަހަރެމެން ރޯދަމަހާއި ބައްދަލުކުރުމަށް ތައްޔާރުވާންޖެހޭ ކަމަށެވެ. އަދި ރޯދައިގެ ދަރުމައާއި ސަވާބު މިހާ މަތިވެރި އިރު، ފުރިހަމަ ގޮތުގައި ރޯދަ ހިފޭތޯ ގަދައަޅައި މަސައްކަތް ކުރަންޖެހޭ ކަމަށް ބުންޏެވެ.
އެގޮތުން ރޯފައަށްހުރެ ފާފަތަކަށް އަރައިގަތުމާއި ނެތިމޮށުމާއި ދެބައޮޑުވުމާއި ދޮގުހެދުމާއި އަރާރުންވުމާއި މަލާމާތް ކުރުމާއި ފުރައްސާރަކުރުމާއި ބާތިލު ވާހަކަ ދެއްކުމާއި އެފަދަ ވާހަކަތައް އަޑުއެހުމަކީވެސް ރޯދައަށް އުނިކަން އަންނާނެ ކަންކަން ކަމަށް ބުންޏެވެ.
ހުތުބާގައި ވަނީ، ރަމަޟާން މަހަކީ ވިޔަފާރީގެ ފައިދާއާއި މަންފާ އިތުރަށް ހޯދުމުގެ މަހަކަށް ހެދުމުގެ ބަދަލުގައި މީސްތަކުން އަތްފޯރާފަދަ އަގުތަކުގައި ތަކެތި ފޯރުކޮށްދީ އެ މައްސަރުގެ ދަރުމަޔާއި ސަވާބު ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ގޮވާލައިފައެވެ.
އަދި މުވައްޒަފުންނަށް ފަސޭހަކޮށް، އެ މަތިވެރި މައްސަރުގެ ފުރިހަމަ ސަވާބާއި ދަރުމަ ލިބޭ ގޮތަށް އަޅުކަމުގެ ކަންކަމަށް ފުށުނާރާނެހެން މަސައްކަތުގެ މާހައުލު ބައްޓަންކުރުމަށްވެސް ގޮވާލިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު