ރިޕޯޓް

ފިޔޯރީ ޖަމީލުގެ "ކުޅި ބިލެތް" ރަހަވެސް ތަފާތު، ކޮލިޓީވެސް ތަފާތު!

އަލީ ޔާމިން

ގދ. ފިޔޯރީ މުހައްމަދު ޖަމީލު 63އ، ދަނޑިވެރިކަން ކުރާތާ 14 ވަރަކަށް އަހަރު ވެއްޖެއެވެ. ކަރައާއި މިރުހާއި ބަރަބޮލާއި މި ނޫންވެސް އެތައް ބާވަތެއް އޭނާ ހައްދައި އުޅެއެވެ. އޭގެ ތެރެއިންވެސް އެންމެ ތަފާތު ބާވަތަކީ ބިލެތެވެ. ބިލެތަކީ، ވެލެއްގައި ހެދޭ އެއްޗެއް ކަމުން މާ ބޮޑު ބެލެއްޓުމަކާއި ނުލައިވެސް ބިލެތް ހެދެއެވެ. އާއްމުކޮށް ރާއްޖޭގައި ގިނައިން ހައްދައި އުޅެނީ ވެޔޮ ބިލެތް ނުވަތަ ފެން ބިލެތެވެ. ހޮޓާ/ރެސްޓޯރެންޓުތަކާއި ބާޒާރުމަތިންވެސް އާއްމުކޮށް ލިބެނީ މި ބާވަތުގެ ބިލެތެވެ. ނަމަވެސް ޖަމީލު ހައްދަނީ ތަފާތު ވައްތަރެއްގެއްގެ ބިލެތެވެ. އޭނާ ހައްދާ ބިލެތުގައި ކުޅި ރަހައެއް އެކުލެވޭއިރު، އެ ބިލެތަށް "ކުޅި ބިލެތް"ވެސް ކިޔައި އުޅެއެވެ.

ފިޔޯރީ ސިއްހީ މަރުކަޒުގައި ފެމިލީ ހެލްތު އޮފިސަރެއްގެ ވަޒީފާ އަދާކުރަމުން، ދަނޑުވެރިކަން ކުރާ ޖަމީލު ބުނިގޮތުގައި ކުޅި ބިލެތަކީ ފިޔޯރީގެ މުޑުވަކެކެވެ. އެ ބިލެތް އެ ރަށުގައި ހައްދަން ފެށިއިރެއް ޖަމީލުގެ ހަނދާނުގައިވެސް ނެތްއިރު، އޭނާ ބުނި ގޮތުގައި މީގެ އެތައް އަހަރެއް ކުރީން ފެށިގެންވެސް ފިޔޯރީގައި އެ ބާވަތުގެ ބިލެތް ހުރެއެވެ.

ޖަމީލު މިހާރު ބިލެތް ހައްދަނީ، މިރުސް ހެއްދުމަށް އެޅި ކޮށީގައެވެ. އެ ކޮށީގައި، 80 ވަރަކަށް ވަޅުގައި ބިލެތް ހައްދާފައިވާއިރު، ކޮންމެ ވަޅެއްގެ ބޮޑުމިނުގައި ދެ ފޫޓު ހުންނާނެއެވެ. ކޮންމެ ވަޅެއްގައި ބިލެތް ވެޔޮ އެރުވުމަށް ދަނޑިތައް ޖަހާފައިވާއިރު ހަތަރު ވަރަކަށް ފޫޓު އުހުގައި ވަނީ ދަނޑިން ފައްތަރުކޮށްގެން ކޮށި ހަދައިފައެވެ. އެ ކޮށިތަކުގެ މައްޗަށް ބިލެތް ވެޔޮ ދެމިލާފައި އޮންނައިރު ކޮޅަށް ހުރެވެސް ބިލެތް ބިނދެލެވެއެވެ.

ޖަމީލް ބުނި ގޮތުގައި ރާއްޖޭގައި އާއްމުކޮށް ހައްދާ ފެން ބިލެތާއި އޭނާ ހައްދަމުން އަންނަ ކުޅި ބިލެތް ބަލައިލަން ދާދި އެއްގޮތަސް، އެ ބިލެތުގެ ތަނޑިތަކުގެ ކުލަ ތަފާތެވެ. ފެން ބިލެތުގެ ތަނޑީގައި މަޑު ރީނދޫ ކުލައެއް ހުންނައިރު، ކުޅި ބިލެތުގެ ތަނޑުގައި ހުންނަނީ ބިލެތުގައި ހުންނަ ކަހަލަ ފެހި ކުލައެކެވެ. އެ ދެ ވައްތަރުގެ ބިލެތުގެ ރަހަވެސް ވަރަށް ބޮޑަށް ތަފާތެވެ.

"މީގެ ކުޅި ބިލެތްގަނޑެއް އެއްފަހަރާ ކާން އުނދަގޫވާނެ، އެކަމު ފެންބިލެތް ކިތަންމެ ބައިވަރެއްވެސް ލެވިދާނެ. އެއީ އޭގައި ފެން ރަހަ ލާތީ" ޖަމީލު ބުންޏެވެ.

ޖަމީލު ފާހަގަކުރާ ގޮތުގައި އޭނާ މި ހައްދާ ކުޅި ބިލެތުގެ ކޮލިޓީވެސް ތަފާތެވެ.

"މީގެ ބިލެތް ކޮތަޅަކަށް ލާފަ ބަހައްޓައިފިއްޔާ 15 ވަރަކަށް ދުވަހު ހަލާކުނުވެ ހުންނާނެ، ފުރިޖުގައި ވެއްޖެއްޔާ އެއަށްވުރެ ގިނަ ދުވަހުވެސް ހުންނާނެ. ކުލަޔަކަށް ރަހަޔަކަށް ބަދަލެއް ނާންނާނެ" ޖަމީލު ބުންޏެވެ.

ޖަމީލު ބިލެތްގަނޑެއް ވިއްކަނީ ދެ ރުފިޔާ އަށެވެ. ފަންސާސް ގަނޑުގެ ބިލެތް ބޮނޑިއެއް 100 ރުފިޔާއަށް ވިއްކާއިރު، ގދ އަތޮޅުގައި އޭނާގެ ބިލެތަށް އޮންނަ ޑިމާންޑު ބޮޑެވެ. އެގޮތުން މަހެއްގެ މައްޗަށް ބިލެތް ވިއްކައިގެން އެވްރެޖު ގޮތެއްގައި 10،000 ރުފިޔާގެ ފައިދާއެއް ލިބޭ ކަމަށް އޭނާ ބުންޏެވެ. ބައެއް ފަހަރު ދުވާލަކަށް 1000-2000 ރުފިޔާވެސް ލިބޭ ދުވަސްތައްވެސް އާދެއެވެ.

ބިލެތް ހެެއްދުމުގެ މަސައްކަތް ޖަމީލު ކުރާއިރު އޭނާގެ އެންމެ ބޮޑު ޝަކުވާއަކީ ހައްދާ ބިލެތް މާކެޓުކުރަން ހުރި ދަތިކަމެވެ. އެއީ މާލޭގައި އާއްމުކޮށް ހޮޓާ/ރެސްޓޯރެންޓުތަކުގައިވެސް ބޭނުންކުރަނީ އާދައިގެ ފެން ބިލެތް ކަމުން އޭނާ ހައްދާ ބާވަތުގެ ބިލެތަށް މާލޭގައި ޑިމާންޑެއް ނެތެވެ. އަތޮޅަށާއި ކައިރި ހިސާބުތަކަށް ވިއްކައިގެން ފުދޭވަރެއްގެ އާމްދަނީއެއް ލިބުނު ނަމަވެސް ޖަމީލުގެ އުންމީދަކީ އެ ވިޔަފާރި ފުޅާކޮށް ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ބިލެއް ފޯރުކޮށްދިނުމެވެ.