ފީފާ

ފުޓުބޯޅަ ކަލަންޑަރަށް ފާޑުކިޔާތީ އިންފަންޓީނޯގެ ރައްދު: "ފުޓުބޯޅަ އަދިވެސް ކުރަންވީ އިތުރު"

ފުޓުބޯޅަ ދުވަހަކުވެސް ގިނަ ނުވާނެ ކަމަށާއި، ފުޓުބޯޅަ އަދިވެސް އިތުރުކުރަން ޖެހޭ ކަމަށް ފީފާގެ ކުރިއަށް އޮތް ދައުރުގެ ރައީސް ކަމަށް މިއަދު އިންތިހާބުވި، އެ އިދާރާގެ ކުރީގެވެސް ރައީސް ޖިއާނީ އިންފަންޓީނޯ ބުނެފިއެވެ.

ފީފާގެ ކުރިއަށް އޮތް ދައުރަށް ރަސްމީކޮށް މިއަދު އިންފަންޓީނޯ އިންތިހާބު ކުރީ ރުވާންޑާގެ ކިގަލީގައި ބޭއްވި 73 ވަނަ އާންމު ބައްދަލުވުމުގައެވެ. ރާއްޖެވެސް ހިމެނޭހެން ފީފާގެ އާންމު ބައްދަލުވުމުގައި މެމްބަރު ގައުމުތަކުން ބައިވެރިވެފައިވާ އިރު، މިފަހަރުގެ އާންމު ބައްދަލުވުމުގައި ބޮޑެތި ބަދަލުތަކެއް ކުރިއަށް އިއުލާނު ކޮށްފައިވެއެވެ.

އެގޮތުން 2026 ވަނަ އަހަރުން ފެށިގެން ފީފާ ވޯލްޑް ކަޕް 48 ގައުމުގެ ވޯލްޑް ކަޕަކަށް ބޮޑު ކުރުމަށް ނިންމަންވެސް ތައްޔާރުވެފައިވާ އިރު، މިފަހަރުގެ އާންމު ބައްދަލުވުމަށް އާ ކްލަބު ވޯލްޑް ކަޕްގެ ފޯމެޓްވެސް ހުށަހަޅާފައިވެއެވެ. އެ ހުށަހެޅުންވެސް ފާސްކުރަން ވަނީ ނިންމައިފައެވެ. އާ ކްލަބު ވޯލްޑް ކަޕް 2026 ވަނަ އަހަރުން ފެށިގެން އަންހެން އަދި ފިރިހެން ޑިވިޝަނަށް ބާއްވަން ފީފާއިން ވަނީ ތާވަލުކޮށްފައެވެ.

ފީފާގެ ކަލަންޑަރަށް މުބާރާތްތައް އިތުރުކުރުމުގެ ސަބަބުން އެކަމަށް ބައެއް ފާޑުކިޔުންތައްވެސް އަމާޒުވެފައިވެއެވެ. އެގޮތުން ކުޅުންތެރިންގެ ޔޫނިއަނާއި ލަލީގާއިންވެސް ވަނީ ކުޅުންތެރިންނަށް ބުރަބޮޑުވާތީ އެކަމަށް ފާޑުކިޔުން އަމާޒުކޮށްފައެވެ.

މިއަދުގެ އާންމު ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިންފަންޓީނޯ ވިދާޅުވީ ފުޓުބޯޅަ އިތުރުވެގެން އެކަމާ ހާސްވެގެން އުޅެން ނުޖެހޭ ކަމަށާއި، ފުޓުބޯޅަ އަދިވެސް މަދު ކަމަށެވެ.

"އަހަންނަށް އަޑު އިވޭ ފުޓުބޯޅަ މާ ބޮޑަށް އިތުރުވެއްޖެ ކަމަށް ދެކެވޭ ވާހަކަ. ތެދެއް، ބައެއް ސަރަހައްދުތަކުގައި ފުޓުބޯޅަ ވަރަށް ގިނަ. އެކަމަކު ދުނިޔޭގައި އަދިވެސް ފުޓުބޯޅަ އިތުރުކުރަން ޖެހޭ އެތައް ސަރަހައްދެއް އެބައޮތް. އަހަންނަށް ޔަގީން ދުނިޔޭގެ ބޮޑު ބައެއްގައި އަދިވެސް އޮތީ ފުޓުބޯޅަ އިތުރުކުރަން ޖެހިފައި. މުބާރާތްތައްވެސް އިތުރުކުރަންވީ. އަހަރެމެން ބޭނުންވަނީ މުޅި ދުނިޔޭގައި ފުޓުބޯޅަ އާންމުވާން،" ގައުމުތަކުގެ ބޮޑު ސަޕޯޓަކާއެކު މަގާމަށް މިއަދު އިންތިހާބުވި އިންފަންޓީނޯ ވިދާޅުވިއެވެ.

އިންފަންޓީނޯ ވިދާޅުވީ އަންހެން ކްލަބު ވޯލްޑް ކަޕާއި، ފީފާ ވޯލްޑް ސީރީސްގެ ނަމުގައި ފިރިހެން ވޯލްޑް ކަޕް ދެ އަހަރުން އެއް އަހަރު މާޗު މަހު ބާއްވަން ވިސްނާ ކަމަށާއި، އެ ދުވަސްވަރަކީ ގައުމީ ޓީމުތަކުގެ ކޮލިފިކޭޝަން މެޗުތައް ކުޅުންތެރިންނަށް ކުޅެން ނުޖެހޭނެ ދުވަސްތަކެއް ކަމަށެވެ.

އޭގެ އިތުރުން އިންފަންޓީނޯ މިއަދު ވަނީ އާ ވޯލްޑް ކަޕް ފޯމެޓަށްވެސް ވާހަކަ ދައްކަވައިފައެވެ.

މިއަދުގެ އާންމު ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިންފަންޓީނޯ ވަނީ ޓްރާންސްފާ ޕޮލިސީއާއި ކުޅުންތެރިންގެ މުސާރަތަކަށްވެސް އަލިއަޅުއްވާލައިފައެވެ. އެގޮތުން އިންފަންޓީނޯ ވިދާޅުވީ ޓްރާންސްފާތައް ގާތުން ބެލެހެއްޓުމަށް އުސޫލުތައް މުރާޖާ ކުރަން ޖެހިފައިވާ ކަމަށާއި، ކުޅުންތެރިންގެ މުސާރައިގެ ކެޕަކަށް ފީފާއިން ވިސްނާ ކަމަށެވެ.

އޭގެ އިތުރުން އިންފަންޓީނޯ ވަނީ މިއަހަރު އޮސްޓްރޭލިއާގައި އޮތް ފީފާ އަންހެން ވޯލްޑް ކަޕުގެ ފައިސާގެ އިނާމު ބޮޑުކުރިކަންވެސް ރަސްމީކޮށް އިއުލާނުކުރައްވައިފައެވެ. އޭނާ ވިދާޅުވީ ކުރިން އަންހެން ވޯލްޑް ކަޕް ޗެމްޕިއަނުންނަށް ދޭ 15 މިލިއަން ޑޮލަރު، 150 މިލިއަން ޑޮލަރަށް އިތުރުކޮށްފައިވާނެ ކަމަށެވެ.

މިދިޔަ އަހަރު ބޭއްވި ގަތަރު ވޯލްޑް ކަޕްގައި ޗެމްޕިއަން ޓީމަށް 440 މިލިއަން ޑޮލަރު ދީފައިވާ އިރު، މިއަދު އިންފަންޓީނޯ ވިދާޅުވީ ފައިސާގެ އިނާމު ދިނުމުގައި މިންތީގެ ހަމަހަމަކަން ގެންގުޅެން ކުރިއަށް އޮތް ތަނުގައި ފީފާއިން ވިސްނާނެ ކަމަށެވެ.