ޕެރިސް އެގްރީމެންޓުގެ ދަށުން 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކާބަން އެމިޝަންސް، ނެޓް ޒީރޯއަށް ހެދުމަށް ހިފާފައިވާ އަމާޒު ފުރިހަމަކުރުމަށް ރާއްޖޭގައި އޮނުގަސް އިންދުމަށް ހަމަޖެހިފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފިއެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ނެޓް ޒީރޯގެ ލަނޑުދަނޑި ހާސިލުކުރުމަށް، އެޓްމޮސްފެއާ ފައުންޑެންޝަނާއެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމުގެ ދަށުން ރާއްޖޭގައި އޮނުގަސް އިންދާ އާލާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"އޮނު ގަހަކީ ވަރަށް އަވަހަށް ހެދޭ އަދި އަމިއްލައަށްވެސް އާލާވާ ޒާތުގެ ގަހެކެވެ. އަދި އޮނަކީ އެހެން ވައްތަރުގެ ގަސްގަހާގެއްސަށް ވުރެ ޖައްވުން ކާބަންޑައިއޮކްސައިޑް އިތުރަށް ހިފަހައްޓާކަން ފާހަގަކުރެވިފައިވާ ބާވަތެއްގެ ގަހެކެވެ. އަދި މިބާވަތުގެ ގަސް އެހެން ގަސްތަކަށް ވުރެ 35 ޕަސަންޓް ގިނަ އޮކްސިޖަން ރޭގަނޑު އުފައްދައެވެ. އޮނުގަސް ކާބަންޑައިއޮކްސައިޑް ހިފަހައްޓަނީ ގަހުގެ ގަސްގަނޑުގައި (ޓްރަކުގައި) ކަމަށްވުމުން ކާބަންޑައިއޮކްސައިޑް ވަރަށް ގިނަ އަހަރުތަކަށް ރައްކާކޮށްފައި ބަހައްޓައެވެ..،" މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގައި އޮނުގަސް އިންދުމަކީ ރާއްޖެ ނެޓް ޒީރޯ ގައުމަކަށް ވާސިލުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ވަރަށް މުހިންމު ދައުރެއް އަދާކުރާނެ މަސައްކަތަކަށްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ 2030 ވަނަ އަހަރުގެ ކުރިން ރާއްޖެ ނެޓް ޒީރޯ ގައުމަކަށް ހެދުމަށް އަމާޒު ހިފައި، 2021 ވަނަ އަހަރު ކްލައިމެޓް އެމަޖެންސީ ގާނޫނެއްވެސް ފާސްކޮށްފައިވާ ކަމަށެވެ. އަދި ތަރައްގީގެ އެކިއެކި މަޝްރޫއުތަކާއި އާބާދީ އިތުރުވުމުގެ ސަބަބުން ރާއްޖޭގެ ރަށްތަކުގެ ފެހިކަން ގެއްލެމުންދާ ކަމަށާއި ހިއްކާފައިވާ ގިނަ ބިންތައްވެސް ހަނަފަސް ސަހަރާއެއްގެ ގޮތުގައި ދޫކޮށްލެވިފައިވާ ކަމަށް ވެސް ބުންޏެވެ.
މީހުން ދިރިއުޅޭ ރަށްރަށުގެ ފެހިކަން ހުރި މިންވަރު ބެލުމަށް ކުރިއަށްގެންދިޔަ ސާވޭގައިވާ ގޮތުން 30 ޕަސަންޓަށްވުރެ މަދުން ފެހިކަން ހުރީ ހަ ރަށެއްގައިކަން އެނގިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގެ ރަށްތަކުގެ ފެހިކަން އިތުރުކޮށް، ރުއްގަސް ދިރުވައި އަލާކުރުމުގެ ބޭނުމުގައި 2018 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 15 ވަނަ ދުވަހު ސަރުކާރުން "ރަށްފެހި ޕްރޮގްރާމް" އިފުތިތާހުކޮށްފައިވާކަން ވެސް މިނިސްޓްރީން ފާހަގަކުރިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު