ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ކޯލިޝަންގައި މިހާރުވެސް އޮތް ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ ނުލައިވެސް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވޭނެ ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީން ވާދަކުރަން ނިންމައި، އެޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ވަނީ ހުޅުވާލައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިއުވާން ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރުމަކީ ރައީސް ސޯލިހަށް އެއްވެސް ގޮންޖެހުމެއް ނޫން ކަމަށެވެ.
ނަމަވެސް ޖޭޕީން އިންތިހާބަށް ކެންޑިޑޭޓެއް ނެރެފި ނަމަ، ކުރިއަށްދާނެ ގޮތަކާ މެދު ޖޭޕީ ހިމެނޭގޮތަށް އެޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހިމާއެކު، ރައީސް މަޝްވަރާކުރައްވާނެ ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރަން ޖޭޕީން ނިންމުމުން އެ ޕާޓީގެ ސްލޮޓުގައި ސަރުކާރުގައި ތިބި ބޭފުޅުންނާ މެދު އުފެދިފައިވާ ސުވާލުތަކާ ގުޅިގެން، މިއުވާން ވިދާޅުވީ ރައީސް ސޯލިހަށް މިވަގުތު މުހިއްމީ ރައްޔިތުންނަށް ހިދުމަތްކުރުން ކަމަށާއި އެކަމަށް އެއްބާރުލުން ދޭ ބޭފުޅުންނާއެކު ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.
ނަމަވެސް ސަރުކާރުގައި ތިބެގެން ރައީސްއާ ދެކޮޅަށް މަސައްކަތްކުރާ ނުވަތަ ވާދަވެރި ކެންޑިޑޭޓަކާ އެއްކޮށް ކުރިއަށް ދިއުމަށް ގޮންޖެހުންތަކެއް ހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު