ރިސޯޓުގެ ގޮތުގައި ތަރައްގީކުރަން ކުއްޔަށް ދޫކުރާ ރަށްތަކުގެ ފަޅު ކަމަށް ބަލާ ސަރަހައްދުގެ ބޮޑުމިން 1،000 މީޓަރަށް އިތުރުކުރާ ގޮތަށް ގަވާއިދު އިސްލާހުކޮށްފިއެވެ.
ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާ ބެހޭ ގަވާއިދުގައި ހިމަނައިގެން މި ބަދަލު ގެނައުމުގެ ކުރިން، އެ ފަދަ ރަށްރަށުގެ ފަޅު ކަމަށް ބަލާ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައި އޮންނަނީ 500 މީޓަރެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ ގެޒެޓުކުރި އެ ގަވާއިދުގައިވާ ގޮތުން، ރިސޯޓު ތަރައްގީކުރަން ދޫކޮށްފައިވާ ރަށެއްގެ ފަޅުގެ ސަރަހައްދު ކަނޑައަޅާނީ މެދު ދިޔައިގައި އެ ރަށެއްގެ ހިކިފަސް ހުންނަ ހިސާބުން ފެށިގެން ކަމަށެވެ.
އެހެން ނަމަވެސް ރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި، ފަޅުގެ ސަރަހައްދު ކަނޑައަޅާފައިވާ ނަމަ އެ ރަށެއްގެ ފަޅުގެ ސަރަހައްދަކީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ފަޅުގެ ސަރަހައްދު ކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ފަޅުތެރޭގައި ފިނޮޅެއް ނުވަތަ އެހެން ރަށެއް ހިމެނޭ ރަށްތައް ފިޔަވައި އެހެން ރަށްރަށުގެ ފަޅުގެ ސަރަހައްދުގެ ގޮތުގައި ބަަލާނީ، ރަށުގެ މެދު ދިޔައިގައި ހިކިފަސް ހުންނަ ހިސާބުން ފެށިގެން ފަރުގެ ބޭރު ކައިރިއާ ހަމައަށް 500 މީޓަރަށް ވުރެ ބޮޑު ފަޅެއް އޮންނަ ނަމަ، މެދު ދިޔައިގައި ހިކިފަސް ހުންނަ ހިސާބުން 500 މީޓަރާ ހަމައަށް އޮންނަ ފަޅުގެ ސަރަހައްދު ކަމަށްވެސް ގަވާއިދުގައި ވެއެވެ.
ނަމަވެސް މެދު ދިޔައިގައި ހިކިފަސް ހުންނަ ހިސާބުން ފެށިގެން 500 މީޓަރަށް ވުރެ އިތުރުވާ ސަރަހައްދު އިތުރުކުރަން ބޭނުންނަމަ އެރަށުގެ މެދު ދިޔައިގައި ހިކިފަސް ހުންނަ ހިސާބުން ފެށިގެން 1،000 މީޓަރަށް ފަޅުގެ ސަރަހައްދު ބޮޑުކުރެވިދާނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި އެގޮތަށް އިތުރުކުރާ ސަރަހައްދު ރަށް ކުއްޔަށް ހިފުމުގެ އެއްބަސްވުމުގައި ހިމަނަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް، ފަޅުގެެ ބޭރު ކައިރިއަށް ވުރެ ފަޅުގެ ސަރަހައްދު ބޮޑު ނުކުރެވޭނެ ކަމަށާއި، އިތުރުކުރާ 500 މީޓަރަށް ފީގެ ގޮތުގައި 100،000 ޑޮލަރު ދައްކަން ޖެހޭނެ ކަމަށްވެސް ގަވާއިދުގައިވެއެވެ.
މެދު ދިޔައިގައި ހިކިފަސް ހުންނަ ހިިސާބުން، ފަރުގެ ބޭރު ކައިރިއަށް 500 މީޓަރަށް ވުރެ އިތުރު ނުވާ ނަމަ، އެ ރަށެއްގެ ފަޅުގެ ސަރަހައްދަކީ އެ ރަށެއްގެ މެދު ދިޔައިގައި ހިކިފަސް ހުންނަ ހިސާބުން ފެށިގެން ފަރުގެ ބޭރު ކައިރިއާ ހަމައަށް އޮންނަ ސަރަހައްދު ކަމަށް ވެސް ގަވާއިދުގައި ވަނީ ކަނޑައަޅައިފައެވެ.
ނަމަވެސް، ޓޫރިޒަމް މިނިސްޓްރީގެ ހުއްދައާ އެކު ރިސޯޓުތަކުގެ ފަޅުން ބޭރުގައި ކޮޓަރިތަކާއި ތަންތަން ތަރައްގީކޮށްފައިވާ ރަށްރަށުގެ ފަޅުގެ ސަރަހައްދުގެ ގޮތުގައި ބަލާނީ އެ ތަންތަނުން ފެށިގެން 50 މީޓަރާ ހަމައަށް ކަމަށްވެސް ބުނެފައިވެއެވެ.
ފަޅުގެ ސަރަހައްދު ކަނޑައެޅުމުގައި އިސްތިސްނާވާ ހާލަތްތަކެއްވެސް ގަވާއިދުގައި ހިމަނާފައިވެއެވެ.
އެގޮތުން ރިސޯޓު ފަޅުގެ ސަރަހައްދު ކަނޑައަޅާ އިރު، ފަޅުގެ ސަރަހައްދާއި މީހުން ދިިރިއުޅޭ ރަށެއްގެ އިހުތިސޯސްއާ ދެމެދު ފުށުއަރާ ނަމަ، ރިސޯޓުގެ ފަޅުގެ ސަރަހައްދު ކަނޑައަޅާނީ މީހުން ދިިރިއުޅޭ ރަށުގެ އިހުތިސޯސްގައި ހިމެނޭ ސަރަހައްދު ނިމޭ ހިސާބަށް ކަމަށްވެސް ވަނީ ހިމަނައިފައެވެ.
ރިސޯޓުގެ ފަޅާ އެއް ފަޅެއްގައި އެހެން ރަށެއް ނުވަތަ ރިސޯޓެއް އޮވެފައި، އެ ރަށުގެ މެދު ދިޔައިގައި ހިކިފަސް ހުންނަ ހިސާބުން ފެށިގެން ޖެހިގެން އޮންނަ ރަށުގެ މެދު ދިޔައިގައި ހިކިފަސް ހުންނަ ހިސާބާ ދެމެދު 1،000 މީޓަރު ހަމަނުވާ ނަމަ، ރިސޯޓުގެ ފަޅުގެ ސަރަހައްދުގެ ގޮތުގައިި ބަލާނީ ދެ ރަށް ދޭތެެރޭގައި، ދެ ފަރާތް އެއްވަރުވާ ގޮތަށް ރޮނގެއް ދަމާލުމުން އެ ރޮނގުން ފެށިގެން ރިސޯޓާއި ރަށާ ދޭތެރޭ އޮންނަ ސަރަހައްދު ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.
ރިސޯޓުގެ ފަޅުގެ ސަރަހައްދުގެ ތެރޭގައި ޑައިވިން އާއި، ސާފިން ޕޮއިންޓުތަކާއި، ޓޫރިސްޓް އެޓްރެކްޝަންގެ ގޮތުގައި ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ ސަރަހައްދުތަކާއި ތަންތަން ހިމެނޭ ނަމަ، ރިސޯޓުގެ ފަޅުގެ ސަރަހައްދު ކަނޑައަޅާނީ އެ ތަންތަން ނުހިމެނޭހެން ކަމަށްވެސް ބުނެފައިވެއެވެ.
ރިސޯޓުގެ ފަޅުގެ ސަރަހައްދުގައި އިމާރާތް ނުކުރެވޭނެ ނުވަތަ، ނޯ ޑިވެލޮޕްމެންޓު ޒޯނުތައް ވެސް އެ ގަވައިދުގައި ވަނީ ބަޔާންކޮށްދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު