ބަގީ އާއި ރަށު ޕިކަޕު ރަޖިސްޓަރީ ކުރެވޭ ގޮތަށް "އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދު" އަށް ޓްރާންސްޕޯޓް މިނިސްޓްރީން ބަދަލު ގެނެސްފިއެވެ.
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދަށް ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ގެނައި ތިންވަނަ އިސްލާހުގައި، ރާއްޖޭގައި ރަޖިސްޓަރީ ކުރެވޭ އެއްގަމު އުޅަނދުގެ ބަޔަށް ދެ ކެޓަގަރީއެއްގެ އުޅަނދު ވަނީ އިތުރު ކޮށްފައެވެ.
އޭގެ ތެރެއިން އެއް ކެޓަގަރީއަކީ ބީ ތިނެއްގެ ކެޓަގަރީއެވެ. އެ ކެޓަގަރީގައި ހިމެނޭ އުޅަނދު ފަހަރަކީ، މީހުން އުފުލުމަށް ބޭނުންކުރާ، އިށީނުމުގެ ޖާގަ ތިން މީހުންނަށްވުރެ އިތުރުނުވާ، ފަސިންޖަރުން އުފުލާ ތިން ފުރޮޅުލީ އުޅަނދު ފަހަރެވެ. އަދި ބީ ހަތަރެއްގެ ގޮތުގައި މީހުން އުފުލުމަށް ބޭނުންކުރާ، އިށީނުމުގެ ޖާގަ ހަތަރު މީހުންނަށްވުރެ އިތުރުވާ، ފަސިންޖަރުން އުފުލާ ތިން ފުރޮޅުލީ އުޅަނަދުވެސް ގަވާއިދަށް ވަނީ އިތުރުކޮށްފައެވެ.
މީގެ އިތުރުން އެއްޓަނަށްވުރެ ދަށުގެ ޓްރައި ސައިކަލް އާއި، އެއްޓަނުން ފެށިގެން މަތީގެ ޓްރައިސައިކަލް ރަޖިސްޓަރީ ކުރެވޭނެ ކަމަށްވެސް ގަވާއިދުގައި ވަނީ ހިމަނައިފައެވެ.
މިނިސްޓްރީން އެ އިސްލާހު ގެނެސްފައިވަނީ ތިން ފުރޮޅުލީ އުޅަނދުފަހަރަށް ލައިސަންސް ދެމުންގެންދާ އިރު، އެ އުޅަނދުތަކަކީ ކޮބައިކަން ރަޖިސްޓްރޭޝަން ގަވާއިދުން ބަޔާންކޮށް އެ ކެޓަގަރީތައް ރަޖިސްޓަރީތަކުން ފެންނާނެގޮތަށް ކެޓަގަރައިޒްކުރުމަށެވެ.
މިނިސްޓްރީން ބުނީ އެކަން އެގޮތަށް ކަނޑައެޅުމުގެ ކުރިން ލައިސަންސް ގަވާއިދާއި ރަޖިސްޓްރޭޝަން ގަވާއިދާ ފުށުއެރުންތައް ހުރުމާއި އަދި ތިން ފުރޮޅުލީ މީހުން އުފުލާ ބަގީ އުޅަނދު ރަޖިސްޓަރީ ކުރުމުގައި ބޮޑެތި ފުށުއެރުންތަކެއް ރަޖިސްޓްރޭޝަން ސިސްޓަމުގައި ފާހަގަކުރެވިފައިވާ ކަމަށާއި ގަވާއިދުން ތިން ފުރޮޅުލީ ބަގީތަކަށް ވަކި ކެޓަގަރީއެއް ނެތި އޮތް އޮތުމުގެ ސަބަބުން ރިޒޯޓުތަކުގައާއި ރަށްރަށުގައި މިހާރުވެސް ބޭނުންކުރަމުން އަންނަ އެފަދަ އުޅަނދުތައް ރަޖިސްޓަރީކުރެވިފައި ނުވާ ކަމަށެވެ.
ތިން ފުރޮޅުލީ އުޅަނދު ރަޖިސްޓަރީ ކުރެވޭ ގޮތަށް ގަވާއިދަށް ބަދަލު ގެނެސްފައިވީ ނަމަވެސް، "އޮޓޯ ރިކްޝޯ" އަދި "އޮޓޯ" ގެ ގޮތުގައި ބެލެވޭ އުޅަނދުފަހަރު ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ނެތް ކަމަށާއި ތިން ފުރޮޅުލީ އުޅަނދުގެ ގޮތުގައި "އޮޓޯ ރިކްޝޯ" އަދި "އޮޓޯ" ގެ ގޮތުގައި ބޭނުންކުރާ އުޅަނދުތައް ރާއްޖޭގެ އެއްވެސް ރަށެއްގައި މިހާތަނަށް އޮޕަރޭޓް ކުރުމަށް ހުއްދަ ދީފައިނުވާ ކަމަށެވެ. އަދި ކުރިއަށް އޮތްތާނގައިވެސް އެފަދަ އުޅަނދު ރަޖިސްޓަރީ ކުރުމަށް ހުއްދަކުރެވިގެން ނުދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
- ކުރޮޅި ނުވަތަ އޮޓޯ ރަޖިސްޓަރީ ކުރެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފައިވާ ކަމަށް ލިޔެވިފައިވަނީ އޮޅުމަކުން. އެހެންކަމުން ހަބަރު ވަނީ އިސްލާހުކުރެވިފައި.
- ތިން ފުރޮޅުލީ އުޅަނދު ރަޖިސްޓަރީ ކުރެވޭ ގޮތަށް ގަވާއިދަށް ބަދަލު ގެނެސްފައިވީ ނަމަވެސް، "އޮޓޯ ރިކްޝޯ" އަދި "އޮޓޯ" ގެ ގޮތުގައި ބެލެވޭ އުޅަނދުފަހަރު ރަޖިސްޓަރީ ކުރުމުގެ ފުރުސަތު އަދިވެސް ނެތް ކަމަށް މިނިސްޓްރީން މައުލޫމާތުދޭ.
ޚަބަރު
ޚަބަރު
ޚަބަރު