ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ހަދަމުން އަންނަ މ. މުލީ އެއާޕޯޓުގެ ރަންވޭއާއި ފ. މަގޫދޫ އެއާޕޯޓުގެ ރަންވޭއާއި އަލިފުށީ އެއާޕޯޓުގެ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި ފަށާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ހެދި ގދ. ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، މުލީ އެއާޕޯޓުގެ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށާއި މަގޫދޫ އެއާޕޯޓުގެ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ފަށާނެ ކަމަށެވެ.
"އަދި ހަމަ އެހެންމެ، އެމްޓީސީސީން މަސައްކަތް ނިންމަމުން މި ގެންދާ، އަލިފުށީ އެއާޕޯޓުގެ ރަންވޭގަ، ތާރު އެޅުމުގެ މަސައްކަތް ވެސް، އޮގަސްޓު މަހުގެ ތެރޭގަ ފަށާނެ" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، އެމްޓީސީސީން މަސައްކަތް ކުރަމުން އަންނަނީ މި ސަރުކާރުގެ ދައުރުގެ ތެރޭގައި އެ ތިން އެއާޕޯޓުވެސް ނިންމުމަށް ކަމަށެވެ.
"އެ ތިން އެއާޕޯޓު މި ދައުރުގެ ތެރޭގާ ހުޅުވިގެންދާއިރު، މަނިކުފާނު ވެވަޑައިގަންނަވާނީ، އެއް ދައުރެއްގެ ތެރޭގައި، ހަ އެއާޕޯޓު ތަރައްގީކޮށް ހުޅުއްވައި ދެއްވާ، ފުރަތަމަ ރައީސަށް" ރައީސް ސޯލިހަށް އިޝާރާތްކުރައްވައި އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭ ދިއްލެން އަންނަނީ، ރަންވޭގެ ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ނިންމައިގެން ކަމަށާއި އެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އާޒިމް އިތުރަށް ވިދާޅުވީ، ނ. މާފަރު އެއާޕޯޓު އެކްސްޕެންޝަން ޕްރޮޖެކްޓު އަހަރެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު