ސަރުކާރުން އަލަށް ހަދަން ފަށާފައިވާ އެއާޕޯޓުތަކުގެ 80 ޕަސަންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ފަރެސްމާތޮޑާގެ އެއާޕޯޓް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި އަސްލަމް ވިދާޅުވީ މި ސަރުކާރުން ވަނީ ރާއްޖެ ތަރައްގީކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލައިފައި ކަމަށާއި، ރާއްޖޭގެ އެކި ސަރަހައްދުތައް ތަރައްގީކުރުމަށް އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ. އެގޮތުން މިހާރު ވަނީ ވައިގެ ދަތުރުފަތުރުގެ ނިޒާމު ތަރައްގީކުރުމުގެ މަސައްކަތް ނިމެން ކައިރިވެފައިކަމަށް އަސްލަމް ވިދާޅުވިއެވެ.

"މިހާތަނަށް އައި އިރު އަޅުގަނޑުމެންނަށް މިހާރު މިވަނީ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ބޭނުންވާ އިންފްރާސްޓްރަކްޗާގެ 80 ޕަސެންޓު ނިމިފައި،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މިހާރު ހަދަމުން އަންނަ އެއާޕޯޓުތަކުގެ މަސައްކަތް ނިމުމުން ރާއްޖެއަށް އިތުރަށް އެއާޕޯޓް ބޭނުންނުވާނެ ކަމަށެވެ. ނަމަވެސް މީގެ ކުރީގެ ސަރުކާރުތަކުން ހަދައިފައިވާ އެއާޕޯޓުތައް ތަރައްގީކުރުމުގެ މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

ވައިގެ ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅުވައިލުމަށްފަހު ދެން އެންމެ ބޮޑު އިސްކަމެއްދީގެން ކުރާނީ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ނިޒާމުން ރާއްޖެ ގުޅުވައިލުމުގެ މަސައްކަތްކަމަށް އަސްލަމް ވިދާޅުވިއެވެ.

"އެ ޕްރޮގްރާމްގެ ދަށުން މިހާރު އެ ވަނީ ހއ. އދ. ށ އަދި ޅ. އަތޮޅުގައި ދަތުރުތައް ފަށާފައި" އަސްލަމް ވިދާޅުވިއެވެ.

ގއ އަދި ގދ. ގައި އާރްޓީއެލް ފެރީތަކުގެ ހިދުމަތް މިއަހަރުގެ ޖުލައި މަހުން ފެށިގެން ލިބެން ހުންނާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.