މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކޮންމެ 11 ދުވަހަކުން ޕްރޮޖެކްޓެއް ނިންމާފައިވާ ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ގދ. ފަރެސްމާތޮޑާ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މި ދައުރުގައި އެމްޓީސީސީން 140 އަށްވުރެ ގިނަ ޕްރޮޖެކްޓް ނިންމާފައިވާ ކަމަށެވެ. އަދި އެމްޓީސީސީން މިހާރުވެސް ގެންދަނީ 140 އަށްވުރެ ގިނަ ޕްރޮޖެކްޓުގެ މަސައްކަތް ކުރަމުން ކަމަށެވެ.
"ރައީސްގެ މި ދައުރުގައި އެމްޓީސީސީން ޖުމުލަކޮށް ކޮންމެ 11 ދުވަހަކު ޕްރޮޖެކްޓެއް ނިންމާފައިވާކަން މި ފާހަގަކޮށްލަނީވެސް ހަމަ އެހާމަ ފަހުރުވެރިކަމާއެކު،" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތަކީ އެމްޓީސީސީއަށް ކުރެވުނު ތަފާތު ތަޖުރިބާއެއް ކަމަށާއި އެ އެއާޕޯޓުގެ މަސައްކަތް ކުރީ ކޮވިޑް-19 ގެ ދަތި ދުވަސްވަރުގައި ކަމަށެވެ.
މީގެ އިތުރުން އާޒިމް ވިދާޅުވީ މ. މުލި އެއާޕޯޓުގެ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް މިއަހަރުގެ ޖޫން މަހުގައި އަދި ރ. އަލިފުށި އެއާޕޯޓުގެ އެއާޕޯޓުގެ ރަންވޭ ތާރު އެޅުމުގެ މަސައްކަތް މިއަހަރުގެ އޮގަސްޓް މަހު ފެށުމުގެ އިތުރުން ފ، މަގޫދޫ އެއާޕޯޓުގެ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށެވެ.
އެ ތިން އެއާޕޯޓުގެ މަސައްކަތް ރައީސް ސޯލިހުގެ ވެރިކަމުގެ ދައުރުގެ ތެރޭގައި ނިންމުމަށް މަސައްކަތްކުރަމުން އަންނަ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު