ސިޔާސީ ޕާޓީތަކުގެ ދަފުތަރުން މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ "ސިޔާސީ ޕާޓީގެ ގާނޫނު" ގެ ދަށުން ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ގާނޫނު ލާޒިމުކުރާ 3،000 މެންބަރުން ހަމަކުރުމަށް އެ ދެ ޕާޓީއަށް ދީފައިވާ ތިން މަސް ދުވަހުގެ މުއްދަތުގައި އެ އަދަދަށް މެމްބަރުން ހަމަކުރެވިފައިނުވާ ކަމަށެވެ.
އެހެންވެ ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުގެ މަތިން އެ ދެ ޕާޓީ އުވާލުމަށް ނިންމައި، ދެ ޕާޓީގެ ދަރަންޏަށް ޒިންމާވާނެ ފަރާތެއް އެންގުމަށް ދެވުނު މުއްދަތުގައި، ދަރަންޏަށް ޒިންމާވާނެ ފަރާތެއް އަންގާފައިނުވާތީ އެ ދެ ޕާޓީގެ ދަރަންޏަށް ޒިންމާވާނީ "ސިޔާސީ ޕާޓީގެ ގަވާއިދު" ގައި ވާގޮތުގެ މަތިން އެ ދަރަންޏެއް އުފެދުނުއިރު ޕާޓީގެ އެންމެ އިސްފަރާތެއްގެ ގޮތުގައި ހުންނެވި ފަރާތްކަމުގައި ކަނޑައަޅާފައިވާ ކަމަށް އީސީން ބުންޏެވެ.
"ދެންނެވުނު ދެ ޕާޓީ ސިޔާސީ ޕާޓީގެ ދަފުތަރުން 2023 މާޗް 15 ވަނަ ދުވަހު އުނިކޮށް އުވާލާފައިވާކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ،" އީސީން ބުންޏެވެ.
ޑީއާރުޕީ އުވާލަން ނިންމައި، އެ ޕާޓީއަށް ފުރަތަމަ ނޯޓިސް ދިނީ މިދިޔަ އަހަރުގެ މެއި މަހުގެ 18 ވަނަ ދުވަހުއެވެ. ނަމަވެސް ގާނޫނުގައި ބުނާ ތިން މަސް ދުވަހުގެ ތެރޭގައި، އެ ޕާޓީން މެންބަރުން ހަމަކުރުމުން، މެންބަރުން ހަމަވިކަމުގެ ރަސްމީ ލިޔުން އީސީން ވަނީ އެ އަހަރުގެ ޖޫން މަހުގެ 17 ވަނަ ދުވަހު އެ ޕާޓީއާ ހަވާލުކޮށްފައެވެ.
އޭގެ ފަހުން އަނެއްކާވެސް އެ ޕާޓީގެ މެންބަޝިޕް 3،000 އަށްވުރެ މަދުވުމުން އީސީން އެ ޕާޓީއަށް ނޯޓިސް ފޮނުވިއެވެ. އީސީގެ ވެބްސައިޓުގައިވާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހާ ހަމައަށް ޑީއާރުޕީގެ މެންބަރުންގެ އަދަދަކީ 2،681 އެވެ.
މެންބަރުންގެ އަދަދު ހަމަނުވެގެން ޑީއާރުޕީ އުވާލަން ނިންމި މައްސަލަ މިދިޔަ މަހުގެ 23 ގައި އެ ޕާޓީގެ ލީޑަރު، ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހައިކޯޓަށް ހުށަހެޅުއްވިއެވެ. އެ ފަހަރު އެ މައްސަލަ ހުށަހެޅީ ސިޔާސީ ޕާޓީތަކާ ބެހޭ މައްސަލައެއްގެ ގޮތުގައެވެ.
ނަމަވެސް ހައިކޯޓުގެ ރަޖިސްޓްރާ މަރިޔަމް ހޫރުޝީދު ވަނީ އެއީ ހައިކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ނިންމަވައިފައެވެ. ނަމަވެސް ޖާބިރު ވަނީ އަލުން އެ މައްސަލަ ހައިކޯޓަށް ހުށަހަޅުއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު