މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެ ކުންފުނީގެ މަސްލަހަތުވެރިންގެ ތެރޭގައި ހިމެނޭ ޝިޕިން އޭޖެންޓުންނާއި އިމްޕޯޓަރުންނާއި މާލޭ ވިޔަފާރި ބަނދަރު ސަރަހައްދުގައި މަސައްކަތްކުރާ މަޖޫރީންނާ މަޝްވަރާކޮށް ހިޔާލު ހޯދުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.
"ސްޓޭކް ހޯލްޑާ މީޓިން"ގެ ނަމުގައި އިއްޔެ ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި ބައްދަލުވުމުގައި މަސްލަހަތުވެރިންނާ ބައްދަލުކުރި ޕެނަލުގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ އާއި ޑެޕިއުޓީ ސީއީއޯ އިބްރާހިމް އަބްދުﷲ އާއި ޗީފް އޮޕަރޭޓިން އޮފިސަރު މުހައްމަދު މަސީހް އަބްދުލް ސައްތާރާއި ޗީފް ފައިނޭންޝަލް އޮފިސަރު މުހައްމަދު މުއިއްޒާއި ޗީފް ރިސްކް އޮފިސަރު އިބްރާހިމް ޒާހިރުގެ އިތުރުން ހާބާ މާސްޓާ ހަސަން ޒަރީރު ބައިވެރިވެވަޑައިގަތެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، ރަމަޟާން މަހަކީ މާލޭގެ ވިޔަފާރި ބަނދަރަށް ގެންނަ މުދަލުގެ އަދަދުތައް މަތިވާ މަހަކަށްވާ އިރު، އެ ކުންފުނީގެ އަމާޒަކީ ކުރިން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުގެ ރަމަޟާން މަހުވެސް ވިޔަފާރިވެރިންނަށް ވީހާވެސް އަވަހަކަށް މުދާ ކްލިއާ ކުރެވޭނެ އިންތިޒާމްތައް ރޭވުން ކަމަށެވެ.
މި ބައްދަލުވުމުގައި ޝާހިދު ވަނީ އަވަހަށް މުދާ ކްލިއާ ކުރުމަށް އެމްޕީއެލްއިން ވަމުންދާ ތައްޔާރީތަކުގެ މައުލޫމާތު ހިއްސާކުރައްވައިފައެވެ. އަދި މަސްލަހަތުވެރިން ވަނީ އެމީހުންގެ ހުރި ކަންބޮޑުވުންތަކާއި ހިޔާލުތައް އެމްޕީއެލްގެ މެނޭޖުމަންޓާ ހިއްސާކޮށްފައެވެ.
އެމްޕީއެލުން ބުނީ މި ބައްދަލުވުމަކީ ސްޓޭކް ހޯލްޑަރުންނާ އޮތް ގުޅުން ބަދަހިކޮށް އެ ފަރާތްތަކުގެ ހިޔާލާއި ކަންބޮޑުވުން ހޯދައި، އިތުރަށް އެކުންފުނީގެ ހިދުމަތްތަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ. އަދި މިއަހަރު މިފަދަ އިތުރު ބައްދަލުވުންތައްވެސް ބާއްވާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު