ސިއްހަތު

އެސްފިޔަ ނުޖަހާ ނަމަ ވާނީ ކިހިނެއް؟

އާމިނަތު އިލްމާ ނަސީމް

1

އެސްފިޔަ ޖެހުމަކީ އަހަރެމެން އެންމެނަށްވެސް އިހުތިޔާރަކާ ނުލައި ކުރެވޭ ކަމެކެވެ. ކޮންމެ 5 ނުވަތަ 6 ސިކުންތަކުން އަހަރެމެން އެސްފިޔަ ޖަހަމުއެވެ. އެސްފިޔަ ޖަހަނީ ކީއްވެގެންކަން ބައެއް މީހުނަށް އެނގުނުނަމަވެސް އެސްފިޔަ ނުޖަހާނަމަ ވާނެ ގޮތަކާމެދު ވިސްނާލީ ކިތައް މީހުން ހެއްޔެވެ؟ އެސްފިޔަ ނުޖަހައި ހުރެވޭނެ ހެއްޔެވެ؟ އެސްފިޔަ ޖެހުމުން ވަނީ ކީއްހެއްޔެވެ؟

މިލިޔުމުގައި މި ބަލައިލަނީ އެސްފިޔަ ޖަހަނީ ކީއްވެގެން ކަމާއި އެސްފިޔަ ނުޖަހާނަމަ ދިމާވެދާނެ ބައެއް މައްސަލަ ތަކަށެވެ.

އެސްފިޔަ ޖެހުމަކީ ލޮލުގެ ފެނުމާއި ދުޅަހެޔޮ ކަމަށްޓަކައި ކޮންމެހެންވެސް ކުރަން ޖެހޭ ކަމެކެވެ. އެސްފިޔަ ނުޖަހާނަމަ ލޯ ހިކި ލޮލަށް އެކި ކަހަލަ އިންފެކްޝަންތައް ޖެހުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ. މާގިނައިން ލޯ ހިކިފައި ހުންނަ ނަމަ ލޮލަށް އެކި ކަހަލަ ސިއްހީ މައްސަލަތައް ދިމާވެ ބައެއް ހާލަތު ތަކުގައި ފެނުމަށް ވެސް އެކަމުން އަސަރުކޮށްފައިވާކަން ދިރާސާތަކުން އެނގެއެވެ.

އެސްފިޔަ ޖެހުމަށް ލޯ ހުޅުވި ލެއްޕޭ ކޮންމެ ފަހަރަކު ލޯ ސާފުކޮށްދެ އެވެ. ލޮލުގެ ތެރޭގައި ހުންނަ ހިރަފުސް، ބޭކާރު ކުނިބުނި ސާފުކޮށްދީ ދުޅަހެޔޮކޮށް ލޯ ބެހެއްޓުމަށް އެހީތެރިވެދެއެވެ. މި ގޮތަށް ހިނގާ ގުދުރަތީ ސާފުކުރުމުގެ މަރުހަލާއަކީ އަހަރެމެންގެ ލޮލަށް ނުހަނު ބޭނުންތެރި މަރުހަލާއެކެވެ.

އެސްފިޔަ ޖެހުން ހުއްޓާލުމުން އޭގެ އަސަރު ކުރަނީ ހަމައެކަނި ލޮލަކަށް ނޫނެވެ. ލޮލާ ގުޅިފައިވާ ސިކުނޑިއަށް ވެސް އެކަމުން އަސަރުކޮށް ލޮލާއި ބޮލުގައި ރިހުމުގެ ވޭން ތަހައްމަލު ކުރަން ޖެހޭ ފަހަރު އާދެއެވެ. އެކި ކަހަލަ ސްކްރީން ތަކަށް ބަލަހައްޓައިގެން ގިނަ ވަގުތު ހޭދަ ކުރުމުން މި އަސަރު ވަކީން ބޮޑަށް ކުރާކަމީ އެކަމުގެ ހެއްކެކެވެ. ފޯނާއި ލެޕްޓޮޕް ފަދަ ތަކެއްޗަށް ގެއްލި ގިނައިރު ތިބުމުން ބޮލުގެ ރިހުމާއި ލޮލަށް ތަދުވުން އަދި ލޯ ވަރުބަލިވުން ފަދަ ކަންކަން އިހުސާސް ވުމަކީ ވަރަށް އާންމު ކަމެކެވެ. ގިނަ އިރު ސްކްރީނަށް ބަލަހައްޓައިގެން އެޔަށް ގެއްލިގެން އިންނަ އިރު އެސްފިޔަ ޖެހުމުގެ ސްޕީޑަށް ބަދަލު އައުމަކީ އާންމު ކަމެކެވެ. އެހެންކަމުން އަހަރެމެންނަށް ނޭނގުނު ނަމަވެސް، މި އުނދަގޫ ތަކުގެ މައިގަނޑު އެއް ސަބަބަކީ ލޯ ހިކުމެވެ.

އެހެންކަމުން މިފަދަ ގެއްލުންތަކުން ލޯ ރައްކާތެރި ކުރުމަށްޓަކައި ސްކްރީން ބޭނުން ކުރުމުގައިވެސް ލޮލަށާއި ސިކުނޑިއަށް ބާރު ބޮޑު ނުވާ ގޮތަށް އެކަން ކުރަން ސަމާލުކަން ދޭން ޖެހެއެވެ.

އެސްފިޔަ ނުޖަހައި ދިރިއުޅެވިދާނެތޯ މިއީވެސް ބައެއް މީހުންގެ ހިތަށް އަރައިފާނެ ސުވާލެކެވެ. ދިރާސާކުރާމީހުން ބުނާ ގޮތުގައި، އެސްފިޔަ ނުޖަހައި އުޅޭން މީހަކު ދިމާކޮށްފި ނަމަ، އެމީހެއްގެ ލޯ އިންފެކްޓްވެ ލޮލުގެ ކޮއި ހަލާކުވެ، ލޮލަށް ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވުން އޮންނާނީ ވަރަށްވެސް ކައިރީގައެވެ.

މާ ލަހުން، ނުވަތަ ދޭތެރެ ދުރުކޮށް އެސްފިޔަ ޖަހާ މީހުން ފާހަގަވެފައި ހުރެދާނެ އެވެ. އެއް ލޮލަށްވުރެ އަނެއް ލޮލުގެ އެސްފިޔަ ޖެހުން ތަފާތު މީހުންވެސް ފާހަގަ ވާނެ އެވެ. އާންމު ގޮތެއްގައި މިހެން ދިމާވަނީ ލޮލާ ގުޅިފައިވާ ނާރެއް ނުވަތަ ނާރު ތަކަކަށް އަންނަ ބަދަލެއްގެ ސަބަބުން ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.

އެހެންކަމުން އަހަރެމެން ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ފަރުވާތެރިވެ ލޯބިދޭ ފަދައިން، ލޮލުގެ ދުޅަހެޔޮކަމަކީވެސް އެއަށް އަޅައިލުން ބޭނުންވާ ކަމެކެވެ.