އެސްޓީއޯގެ ތެޔޮ ބިލްތަކަށް ފެނަކައިން ދައްކަން ޖެހިފައިވާ ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާއަށް އަރައިފައިވާކަން "ވަން" އަށް އެނގިއްޖެއެވެ.
އެސްޓީއޯގެ އޮފިޝަލަކު ނަން ނުޖަހާ ގޮތަށް ޝަރުތުކޮށް "ވަން" އަށް މިއަދު ވިދާޅުވީ، އެސްޓީއޯއިން ފޯރުކޮށްދޭ ތެލަށް ފެނަކައިން ގަވައިދުން ފައިސާ ނުދައްކާތާ މިހާރު ދެއަހަރަށްވުރެ ގިނަދުވަސްވެފައިވާ ކަމަށާއި ބިލްތަކަށް ފައިސާ ދެއްކުމަށް އެތައް ފަހަރަކު އެ ކުންފުންޏަށް ހަދާންކޮށްދީފައިވާނެ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެ ފައިސާ ދައްކާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"2021 އިން ފެށިގެން ފެނަކައިން އެއްވެސް ފައިސާއެއް ދައްކާފައެއް ނެތް. ތެޔޮ ބިލްތަކަށް ފެނަކައިން ދައްކަން ވެފައި އޮތް އަދަދު 1.8 ބިލިއަން ރުފިޔާއަށް މިހާރު ވަނީ އަރާފަ. މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ކޭޝްފްލޯއަށް ދަނީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުން." އޮފިޝަލު ވިދާޅުވިއެވެ.
އެސްޓީއޯއިން ބުނެފައިވާ ގޮތުގައި، ފެނަކައިން އެންމެ ފަހުން ފައިސާ ދައްކާފައިވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ.
އެކަމާ ގުޅޭ ގޮތުން ފެނަކައިގެ ބަހެއް ހޯދުމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދަށާއި އެ ކުންފުނީގެ މީޑިއާ އޮފިސަރަށް "ވަން" އިން ގުޅި ނަމަވެސް އެ ބޭފުޅުން ފޯނަށް ޖަވާބެއް ނުދެއްވަ އެވެ. އަދި މެސެޖުން ސުވާލު ފޮނުވުމުންވެސް ޖަވާބެއް ނުދެއްވައެވެ. އެހެންވެ މި ކަމުގައި އެ ކުންފުނީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
އެސްޓީއޯއިން ފެނަކަ ކޯޕަރޭޝަނަށް ފޯރުކޮށްދޭ ތެލަށް ފެނަކައިން އެސްޓީއޯއަށް ފައިސާ ނުދެއްކި ނަމަވެސް އެ ތެލެކީ ކަރަންޓު ދިނުމަށް ބޭނުންކުރާ ތެލަށް ވެފައި އެއީ ރައްޔިތުންގެ އަސާސީ ހިދުމަތެއް ކަމަށްވާތީ، މެދުނުކެނޑި ތެޔޮ ފޯރުކޮށްދޭނެ ކަމަށްވެސް އެސްޓީއޯއިން ބުންޏެވެ.
މި މައްސަލަ ހައްލުކުރުމަށް ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީން އެހީތެރިކަން ލިބެމުން އަންނަ ކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.