މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާނުކޮށްފި އެވެ.

ރިޔާސީ އިންތިހާބު ބާއްވަން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު ނުވައެއްގަ އެވެ. ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ ސެޕްޓެމްބަރު 30 ގައި ބާއްވަން އޮތީ ހަމަޖައްސާފައެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު "ވަން" އަށް މިއަދު ވިދާޅުވީ، ރިޔާސީ އިންތިހާބަށް ގާތްގަނޑަކަށް 5،600 އޮފިޝަލުން ނެގުމަށް ނިންމާފައިވާ ކަމަށެވެ.

  • ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް 1500ރ.
  • ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް 1200ރ.
  • ވޯޓުލާ މަރުކަޒެއްގެ އޮފިޝަލަކަށް 1000ރ.
  • ރިސާވް އޮފިޝަލަކަށް 500ރ.

އީސީން ބުނި ގޮތުގައި އެ ފައިސާ ލިބޭނީ ހަމައެކަނި ވޯޓުލާ ދުވަހުއެވެ. އެ ފައިސާގެ އިތުރުން ވޯޓުލާދުވަހު ކެއުމާއި ސައިގެ އިންތިޒާމް ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތިން ހަމަޖައްސާނެ އެވެ. އަދި ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފި ނަމަ ފޯނު އެލަވަންސްގެ ގޮތުގައި 100ރ. ލިބޭނެ އެވެ.

އީސީން ބުނި ގޮތުގައި އޮފިޝަލުންނަށް ކުރިމަތިލާ ފަރާތްތަކުން މި މަސައްކަތަށް ހާއްސަކޮށްގެން ހިންގޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހޭނެ އެވެ. ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށް އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ފުރިހަމަ ކުރުމުން ޓްރޭނިން އެލަވަންސްގެ ގޮތުގައި 300ރ ލިބޭނެ ކަމަށްވެސް ބުންޏެވެ.

އީސީން ވަނީ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާން ޝައުގުވެރިވާ ފަރާތްތަކުން ޖޫން 22 ވާ ބުރާސްފަތި ދުވަހުގެ ކުރިން އޮންލައިން ފޯމް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އެދިފަ އެވެ.