ޚަބަރު

ސިލްސިލާ މާރާމާރީތަކާ ގުޅިގެން އިތުރު މާރާމާރީތައް ހިންގުމަށް ދަނީ ރާވަމުން: ފުލުހުން

ރިފާ ހަލީލު

މާލޭގައި ހިންގަމުންދާ ސިލްސިލާ އެކިއެކި މާރާމާރީތަކާ ގުޅިގެން، އިތުރަށްވެސް މާރާމާރީ ހިންގުމަށް ރާވަމުން އެބަދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ މިދިޔަ މަހު މާލޭގެ ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި، ތ. ގާދިއްފުށީ، ގުލޭނޫރަންމާގެ އުމުރުން 20 އަހަރުގެ ސިރުހާން އަލީގެ ބަންދުގެ މަޖިލީހުގައެވެ.

މި މައްސަލައިގައި ސިރުހާން ހައްޔަރުކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އެދުވަހު އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން ޖެހިއެވެ. އެ މުއްދަތު ހަމަވުމުން ކޯޓުން އިއްޔެ ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ. ސިރުހާނުގެ އިތުރުން ފުލުހުން އަންނަނީ މި މައްސަލައިގައި ހިމެނޭ އިތުރު މީހަކު ހޯދުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

ސިރުހާން ބަންދުކުރުމަށް ނެރުނު އަމުރުގައި ބުނެފައިވަނީ، ތުހުމަތުކޮށްފައިވާ ކުށް ކުރި ކަމަށް ބެލެވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވާ ކަމަށެވެ. އޭނާއާ ދެކޮޅަށް އިންޓެލިޖެންސް ރިޕޯޓަކާއި ކްރައިމް ސީންގެ ފޮޓޯތަކާއި ސީސީޓީވީ ފުޓޭޖް ހުށަހަޅާފައިވާ ކަމަށްވެސް އެ އަމުރުގައި ވަނީ ބުނެފައެވެ.

އޭގެ އިތުރުން ބަންދުގެ މަޖިލީހުގައި ފުލުހުން ވަނީ މާލޭގައި ހިންގާ އެކިއެކި މާރާމާރީތަކާއި ގުޅިގެން އިތުރަށްވެސް މާރާމާރީތައް ހިންގުމަށް ރާވަމުންދާ ކަމަށް ބުނެފައެވެ. އެހެން ކަމުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައި އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ގާޒީ ވަނީ އަމުރުކޮށްފައެވެ.

މާފަންނު ކްރާސާ ނަމަކަށް ކިޔާ ފިހާރައެއް ތެރޭގައި މިދިޔަ މަހުގެ 24 ވަނަ ދުވަހުގެރޭ ހިނގި މި މާރާމާރީގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުންދަނިކޮށް މަރުވީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މަރުވެފައިވަނީ އައްޑޫސިޓީއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ މުހައްމަދު އަހުމަދު ދީދީއެވެ.