ލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް މީގެކުރީން ހަވާލުކޮށްފައިވާ، "ނައިންޓީ 9 ހޯލްޑިންގްސް" އާ އެކު މާލޭ ސިޓީ ކައުންސިލުން ހެދި އެއްބަސްވުން އުވާލަން ނިންމި ނިންމުމަށް އަމަލުކުރުން މަޑުޖައްސާލަން އަންގައި ވަގުތީ އަމުރެއް މިއަދު ސިވިލް ކޯޓުން ނެރެފިއެވެ.
މި މައްސަލައަކީ ވިލިމާލޭގައި ތިމާވެއްޓާ ރައްޓެހި ވެހިކަލްގެ ހިދުމަތް ދިނުމަށް "ނައިންޓީ 9 ހޯލްޑިންގްސް" އަށް 16 ޖެނުއަރީ 2014 ވަނަ ދުވަހު ހަވާލުކުރި، އެއްބަސްވުމާ އެއްގޮތަށް އެ ކުންފުނިން ބަގީގެ ހިދުމަތް ނުދޭ ކަމަށް ކަނޑައަޅައި 25 އޯގަސްޓް 2022 ގައި އެއްބަސްވުން ބާތިލުކޮށް އެ އެއްބަސްވުމުގެ ދަށުން ކުންފުންޏަށް ދޫކޮށްފައިވާ ބިންތައް ހަތް ދުވަހުގެ ތެރޭގައި ހުސްކުރުމަށް މާލޭ ސިޓީ ކައުންސިލުން އެންގި މައްސަލައެކެވެ.
އެ މައްސަލައިގައި "ނައިންޓީ 9 ހޯލްޑިންގްސް"ގެ ފަރާތުން ވަނީ މާލެ ސިޓީ ކައުންސިލާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ. އެ ކުންފުނިން ބުނެފައި ވަނީ، އެއްބަސްވުމުގައިވާ ގޮތަށް ހިދުމަތް ދެވިފައި ނުވަނީ އެއްބަސްވުމުގެ ދަށުން ގާއިމުކުރަންޖެހޭ ތަންތަން މާލެ ސިޓީ ކައުންސިލުން ގާއިމުކޮށްދީފައި ނުވާތީ ކަމަށެވެ.
އެހެންވެ އެ އެއްބަސްވުމުގެ ދަށުން ބަގީގެ ހިދުމަތް ދިނުމަށް ކަނޑައަޅަންޖެހޭ ވެހިކަލް ދުއްވުމުގެ ރޫޓުތަކާއި ވެހިކަލް ހުއްޓިތައް ގާއިމުނުކޮށް، މާލެ ސިޓީ ކައުންސިލުން އެއްބަސްވުން ބާތިލުކުރުމަށް ކަނޑައެޅީ އެއްބަސްވުމުގެ މަގުސަދުތަކާއި ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް އެ ކުންފުނިން އެދުނެވެ.
އެއްބަސްވުމާ އެއްގޮތަށް ހިދުމަތް ދެވޭނީ އަދި އެ ކުންފުނީގެ ޒިންމާ ފެށޭނީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓްރީން ހަދާފައިވާ "އާއްމު ދަތުރުފަތުރުގެ ގޮތުގައި ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމުގެ ގަވާއިދު" ގެ ދަށުން ވެފައިވާ އެއްބަސްވުގައި ކަނޑައަޅާފައިވާ ވަކި ރޫޓުތަކެއްގެ ދަށުން ވެހިކަލް ހުއްޓިތަކެއް މެދުވެރިކޮށް އެ ހިދުމަތް ދެވޭނެ އިންތިޒާމު ސިޓީ ކައުންސިލުން ގާއިމުކުރުމުން ކަމަށާއި އެކަންކަން ފެސިލިޓޭޓުކޮށް، ސިޓީ ކައުންސިލުން އަދާކުރަންޖެހޭ ޒިންމާތައް އަދާކޮށް ނިމިފައިވާ ކަމަށް ބެލޭނެ ހަމައެއް ނެތް ކަމަށް ކަނޑައަޅައި ދިނުމަށްވެސް އެދިފައިވެއެވެ.
އަދި އެއްބަސްވުމާ އެ ކުންފުނިން ހިލާފުވެފައިނުވާ ކަމަށް ކަނޑައަޅައި ދިނުމަށާއި ވިލިމާލެ ރައްޔިތުންނަށް ފަސޭހަކޮށް ހިދުމަތް ދިނުމުގެ ގޮތުން އެ ކުންފުނިން ވެހިކަލްގެ ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށް ކަނޑައަޅައި ދިނުމަށްވެސް އެދިފައިވެއެވެ.
މީގެ އިތުރުން ގެސްޓްހައުސްއެއް ތަރައްގީކޮށް ހިންގުމަށް ދިވެހި ދައުލަތާއި އެ ކުންފުންޏާ ދެމެދު ފަހެއް ޖޫން 2018 ގައި ވެފައިވާ އެއްބަސްވުމަށް ސިޓީ ކައުންސިލުން އިހުތިރާމުކޮށް ދަމަހައްޓަންޖެހޭ ކަމަށް ކަނޑައަޅައި ދިނުމަށާއި އެއްބަސްވުން ބާތިލު ކުރެވޭނީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ އިންތަކާއި މިންތަކުގެ ތެރެއިން އެކަނި ކަމަށް ކަނޑައަޅައި ދިނުމަށާއި އެއްބަސްވުންތަކުގައިވާ މުއްދަތުތައް ދެމެހެއްޓުމަށް މާލޭ ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށްދިނުމަށްވެސް އެ ކުންފުނިން އެދިފައިވެއެވެ.
މި މައްސަލައިގައި މައުލޫއީގޮތުން ކޯޓުން ހުކުމް ކުރަންދެން މާލެ ސިޓީ ކައުންސިލްގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށްވެސް "ނައިންޓީ 9 ހޯލްޑިންގްސް"ގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅިއެވެ.
އެ ކުންފުނިން ހުށަހަޅާފައި ވަނީ، މި މައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކުރަންދެން ނުވަތަ އެ ކޯޓުން ވަކިގޮތެއް އަންގަންދެން ހަތް ދުވަހުގެ ތެރޭގައި ބިންތައް ހުސްކުރުމަށް 25 އޯގަސްޓް 2022 ގައި މާލެ ސީޓި ކައުންސިލުން އެންގި އެންގުމަށް އަމަލުކުރުން ފަސްކުރުމަށް ސިޓީ ކައުންސިލްގެ މައްޗަށް އަމުރެއް ނެރެދިނުމަށެވެ.
އެ ކުންފުނިން އެދުނު ގޮތަށް ބިންތައް ހުސްކުރުމަށް އަމުރުކޮށް 25 އޯގަސްޓް 2022 ގައި މާލެ ސިޓީ ކައުންސިލުން "ނައިންޓީ 9 ހޯލްޑިންގްސް" އަށް ފޮނުވި ސިޓީގައި ބަޔާންކުރާ އެއްވެސް ކަމެއް ތަންފީޒު ނުކުރުމަށް މާލެ ސިޓީ ކައުންސިލްގެ މައްޗަށް ސިވިލް ކޯޓުން ވަނީ މިދިޔަ ޖެނުއަރީ މަހު އަމުރުކޮށްފައެވެ.
ސިވިލް ކޯޓުގެ އެ ހުކުމާ ގުޅިގެން މާލެ ސިޓި ކައުންސިލުން އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. މި މައްސަަލަ ބެލުމަށްފަހު ހައިކޯޓުން ވަނީ މިދިޔަ ޖެނުއަރީ މަހު ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު ބާތިލުކޮށްފައެވެ. އަދި އެމައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް އަމުރުކޮށްފައެވެ.
އެހެންވެ "ނައިންޓީ 9 ހޯލްޑިންގްސް" ގެ ފަރާތުން ވަނީ ބަގީގެ ހިދުމަތް ދިނުމަށް ސިޓީ ކައުންސިލުން އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލްކުރަން ނިންމި ނިންމުމަށް އަމަލުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް ސިވިލް ކޯޓުގައި އެދިފައެވެ.
އެ ކުންފުނިން އެދިފައިވާ ވަގުތީ އަމުރުގައި ވަނީ އެ މައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކުރަންދެން ނުވަތަ ވަކި ގޮތެއް އަންގަންދެން ސިޓީ އަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކަށެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި އެއްބަސްވުން ބާތިލުކުރި މައްސަލައިގައި ކޯޓުން ގޮތެއް ނުނިންމަނީސް ސިޓީ ކައުންސިލުގެ އަމަލުތަކުން އެ ކުންފުންޏަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށެވެ.
އެ މައްސަލައިގައި ސިވިލް ކޯޓުން މިއަދު ނެރުނު ވަގުތީ އަމުރުގައި ބުނީ އެ މައްސަލައިގައި ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ކޯޓުން ގޮތެއް ކަނޑައަޅަންދެން، އެއްބަސްވުން ބާތިލުކުރަން ނިންމި ނިންމުމާއި އެ ނިންމުމަށް އަމަލުކުރުން މަޑުޖައްސައިލަން މާލޭ ސިޓީ ކައުންސިލުގެ މައްޗަށް އަމުރުކުރާ ކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ތައާރަފްކުރާ ބަގީގެ ހިދުމަތް މި މަހު 16 ގައި ފެށުމަށް މިހާރު އެ ކައުންސިލުން ވަނީ ތައްޔާރުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު