"އަހަރެން ހުރީ މިތާ ކެފޭ ޓެލެންޓު ކައިރީ. އެތާ ހުއްޓާ އިމާރާތުގެ މަތިން މި އިވެނީ ބަޔަކު ވަރަށް ބާރަށް ހަޅޭ ލެވި އަޑު. ހަމަ އެ ވަގުތު އެ އިމާރާތުން އަންހެނަކު ބަނޑުވަތަށް ވެއްޓުނީ" މިއީ، ހ. ކާސިންޖީ މަގުގައި ހުންނަ ލިލީނައިޓްއާގޭގެ ހަ ވަނަ ފަންގިފިލާގެ ކުޑަދޮރުން ރޭ ވެއްޓި މަރުވި ފުވައްމުލަކު ސިޓީ، ދޯޅަބުގެ، ހަދީޖާ އަލި ދީދީ 32އ ވެއްޓުނު ވަގުތު އެ މަންޒަރު ދުށް މީހަކު "ވަން" އާ ހިއްސާކުރި ވާހަކަތަކެވެ.
ލިލީނައިޓްއާގޭގެ ހަ ވަނަ ފަންގިފިލާގެ ކުޑަ ދޮރުން ހަދީޖާ ވެއްޓުނީ ރޭ 8:03 ހާއިރުއެވެ. އޭނާ ވެއްޓި ފުރަތަމަ ޖެހުނީ އެ މަގުން ދުއްވާފައި ދިޔަ ޕިކަޕެއްގައެވެ. ޕިކަޕުގައި ޖެހިފައި މަގުމައްޗަށް ބަނޑުވަތަށް ވެއްޓުނީއެވެ. އެއިރު ބޮލާއި މޫނުގެ އެއްފަޅި "ޗިސް"ވެ، އެއް އަތް ބިންދައިގެންގޮސްފައިވާ ކަމަށް މަންޒަރު ދުށް މީހުން "ވަން" އަށް ކިޔައިދިނެވެ. ހަދީޖާގެ ބޮލުން އައި ގިނަ އަދަދެއްގެ ލޭ މަގުމައްޗަށް ފައިބައިފައި ހުއްޓެވެ. ފުރަތަމަ ފެނުނު މީހުން ގޮސް ބެލިއިރު، ހަދީޖާގެ ހަރަކާތް ހުއްޓެވެ. ނަމަވެސް ނަގައިގެން އައިޖީއެމްއެޗަށް ގެންދިޔައިރު އޮތީ މަރުވެފައެވެ.
"ވެއްޓި ޖެހުނު ވަގުތު ކޮންމެވެސް ވަރަކަށް ތެޅިލި. އެއަށް ފަހު ހަރަކާތެއް ނެތް." ރަތް ކުލައިގެ ހެދުމެއް ލައިގެން އޮތް ހަދީޖާ ވެއްޓުނު މަންޒަރު ދުށް އަދި އެ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ފުރަތަމަ ކުރި މީހާ "ވަން" އަށް ކިޔައިދިނެވެ.
ހަދީޖާ ވެއްޓުނު އެޕާޓްމަންޓަކީ ދެ ކޮޓަރީގެ އެޕާޓްމަންޓެކެވެ. "ވަން" އަށް އެނގިފައިވާ ގޮތުގައި އެގޭގައި އުޅެނީ ހަދީޖާގެ ބޭބެއާއި ފަހަރިއާއި އެމީހުންގެ ދަރީންނެވެ. އެ ގޭގައި ބެލްކަންޏެއް ނުހުންނައިރު ސިޓިން ރޫމުން ބަދިގެއާ ދިމާގައި ސީދާ މަގަށް ކަހާލެވޭ ވައްތަރުގެ ބިއްލޫރި ކުޑަދޮރެއް ހުރެއެވެ. ހަދީޖާ ވެއްޓުނީ އެތަނުންނެވެ.
"އެ ގޭގައި އުޅޭނީ އޭނާ (ހަދީޖާ)ގެ ފަހަރިމެން. އެމީހުން ބޭރަށްދާންވެގެން ހަދީޖާ ކައިރީ ބުނެފަ ކޮޓަރިއަށް ވަން ގަޑީގަ މިކަމެއް ދިމާވިކަމަށް މިވަނީ" ހަދީޖާގެ އާއިލާގެ މީހަކު އައިޖީއެމްއެޗުގައި ހުރެ "ވަން"ގެ ނޫސްވެރީންނަށް ކިޔައިދިނެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ހަދީޖާއަކީ ސިކުނޑީގެ ބައްޔެއް ކަމަށްވާ "ސިޒޮފޭނިއާ" އަށް ފަރުވާ ހޯދަމުން އަންނަ މީހެކެވެ. ސިޒޮފޭނިއާ ޖެހިފައިވާ މީހުންނަށް ބައެއް ފަހަރު ހީތައް ހީވުމާއި އެހެން މީހުންނަށް ނުފެންނަ މަންޒަރުތައް ފެނުން ފަދަ ކަންކަން ކުރިމަތިވެއެވެ. މިއީ ނުރައްކާތެރި ނަފުސާނީ ބައްޔެކެވެ.
ހަދީޖާ މަރުވިއިރު އޭނާގެ ފިރިއަކާއި ކުޑަ ކުޑަ ދެ ދަރީން ދުނިޔޭގައި އެބަތިއްބެވެ. ހަދީޖާ މީގެ ދުވަސްކޮޅެއް ކުރީން ފިރިމީހާއާއެކު މާލެއަށް އައީވެސް ފުވައްމުލަކު ހޮސްޕިޓަލުން މާލެ އައުމަށް ބުނުމުންނެވެ. އެންމެ ފަހުން ފުވައްމުލަކު ހޮސްޕިޓަލުން ހަދީޖާ މާލެއިން ފަރުވާ ހޯދުމަށް ބުނެފައިވަނީ މިދިޔަ ފެބުރުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ. އެ ފަހަރު އެ ހޮސްޕިޓަލުން ރިފަރ ކޮށްފައިވަނީ ހަދީޖާއަކީ "ބައިޕޯލާ އިފެކްޓިވް ޑިސްއޯޑާ" ހުންނަ މީހެއްކަމުން މާލެއިން ފަރުވާ ހޯދުމަށެވެ. ބައިޕޯލާ ޖެހިފައިވާ މީހަކަށް އެމީހެއްގެ ހަށިގަނޑުގެ ތެރޭގައި އެހެން ބަޔަކު އުޅޭހެން ހީވާފަހަރު ވެސް އާދެއެވެ. އެކަމުގެ ސަބަބުން "މޫޑް" އަށް ބަދަލުތައް އާދެއެވެ. ބައެއް ފަހަރު އަމިއްލަ ނަފުސު ކުށްވެރިކުރެވޭއިރު އަމިއްލަ ނަފުސާ މެދު ޝައްކު އުފެއްދެއެވެ.
އެނގިފައިވާ ގޮތުގައި ފުވައްމުލަކުގައި ހަދީޖާ ވަނީ މީގެ ކުރީން އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައެވެ. ނަމަވެސް އެއީ ކިތައް ފަހަރުކަމެއް ޔަގީނެއް ނޫނެވެ. ހާދިސާ ހިނގި ސަރަހައްދަށާއި އައިޖީއެމްއެޗަށް ދިޔަ "ވަން"ގެ ނޫސްވެރީންނަށްވެސް ހަދީޖާ ފުންމާލަނިކޮށް އެ މަންޒަރު ފެނުނު މީހަކާ ދިމައެއް ނުވެއެވެ. އެހެން ނަމަވެސް އައިޖީއެމްއެޗުން ބައްދަލުވި އެ އާއިލާގެ އެންމެންވެސް ބުނީ ބެލެވޭ ގޮތުގައި ހަދީޖާ ފުންމާލީ ކަމަށެވެ. އެއީ މީގެ ކުރީންވެސް އެކި ފަހަރު މަތީން ހަދީޖާގެ ފުށުން އެފަދަ ކަންކަން ފެނިފައިވާތީ ކަމަށްވެސް ވެދާނެ އެވެ.
ގޭގެ ކުޑަދޮރުން ވެއްޓި ހަދީޖާ މަރުވިއިރު، އޭނާގެ އާއިލާއިން "ވަން"އާ ވާހަކަ ދެއްކި ބައެއް މީހުން ބުނާ ގޮތުގައި ކުޑަދޮރުން އޭނާ ފުންމާލީއެވެ. ފަހަރުގައި އެއީ، ގަސްތަކާ ނުލައިކަމަށްވެސް ވެދާނެއެވެ.