ޚަބަރު

ހޯރަފުށީ މުހައްމަދު ސަލީމަށް ހާޓް އެޓޭކެއް ޖެހި ކުއްލި އޮޕަރޭޝަނަކަށް

ރާއްޖޭގެ މަޝްހޫރު ލިޔުންތެރިޔާ އަދި ކުރީގެ މަޝްހޫރު ނޫސްވެރިޔާ ހޯރަފުށީ މުހައްމަދު ސަލީމަށް ހާޓް އެޓޭކެއް ޖެހި، ކުއްލި އޮޕަރޭޝަނެއް ކުރަން ޖެހިއްޖެއެވެ.

މުހައްމަދު ސަލީމުގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަދި ގިޔާޒުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ކުރީގެ ޕްރިންސިޕަލް ތޯހާ ސަލީމު "ވަން" އަށް މިއަދު ވިދާޅުވީ، ހާޓް އެޓޭކް ޖެހި ސަލީމުގެ ހާލު ގޯސްވީ ރޭ ފަތިހު ކަމަށެވެ. އަދި ވަގުތުން އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު މިއަދު ހެނދުނު ވަނީ އޮޕަރޭޝަނެއް ކުރަން ފަށައިފައެވެ.

"ބެލޫން ލައްވައިގެން ކުރާ ސާޖަރީއެއްކަމަށް އެނގިފަ އޮތީ،" ތޯހާ ވިދާޅުވިއެވެ.

އާންމުކޮށް ބެލޫން ލައްވައިގެން ކުރާ ހިތުގެ އޮޕަރޭޝަންތަކަކީ ކޮރޯނަރީ އެންޖިއޯޕްލާސްޓީއެވެ. އެއީ ހިތުގެ ނާރުތަކުގެ ތެރެއިން ބެދިފައި ހުންނަ ނާރުތައް ހުޅުވަން ކުރާ ސާޖަރީއެކެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން 2018 ވަނަ އަހަރު ދިން ނޫސްވެރިކަމުގެ އަލިމަސް ގަލަން ލިބިވަޑައިގެންނެވި ސަލީމަކީ "ހަވީރު" ގެ ސަބް އެޑިޓަރުކަމާއި "މިއަދު" ނޫހުގެ އެޑިޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. ބައެއް އެހެން ނޫސްތައް ވުޖޫދަށް ގެންނެވުމަށްވެސް މަސައްކަތް ކުރައްވާފައިވާ ސަލީމަށް ނޫސްވެރިކަމުގެ ރަން ޔޫބީލް ގަލަންވެސް ލިބިވަޑައިގެންފައިވެއެވެ.

ނޫސްވެރިކަމަށްފަހު ސަލީމް ބޮޑަށް ހަރަކާތްތެރިވެވަޑައިގަންނަވަނީ ދިވެހި ބަހުގެ ދާއިރާގަ އެވެ. ސަލީމަކީ ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު ޅެންވެރީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ހޯރަފުށީ އާދަމް ސަލީމްގެ ބޭފުޅެކެވެ. މި ފަހަކަށް އައިސް ސަލީމް ބޮޑަށް ފާހަގަވެފައިވަނީ ސްކޫލުތަކުގައި ޅެމާއި ވާހަކަދެއްކުން ދަސްކޮށްދެއްވާ ބޭފުޅެއްގެ ގޮތުގައެވެ.