ހަވަނަ އިންޓަ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ 17 އަހަރުން ދަށާއި 15 އަހަރުން ދަށުގެ ތަށިވެސް ޖަމާލުއްދީން ސްކޫލުން ހޯދައިފިއެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލު މެޗުތައް ރޭ ގައުމީ ހޭންޑް ބޯޅަ ކޯޓުގައި ކުރިއަށް ދިޔަ އިރު، ޖަމާލުއްދީނުން 17 އަހަރުން ދަށުގެ ފައިނަލުގައި ނުކުތީ އިސްކަންދަރު ސްކޫލާ ދެކޮޅަށެވެ. އެ މެޗު ޖަމާލުއްދީނުން ކާމިޔާބު ކުރީ 18-26 ގެ ތަފާތަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް އަލްދާން އިކޭ ރަމީޒެވެ.
އަލްދާން ވަނީ 17 އަހަރުން ދަށުގެ އެންމެ މޮޅު ތިން ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނިފައެވެ. އޭނާގެ އިތުރުން ޖަމާލުއްދީނުގެ އަބްދުﷲ ރަޒީފް މުހައްމަދުވެސް ގަދަ ތިނެއްގައި ހިމެނުނު އިރު، ދެން ގަދަ ތިނެއްގައި ހިމެނުނީ އިސްކަންދަރު ސްކޫލްގެ ސައްޔިދު ސަލާހުއްދީނެވެ.
އިންޓަ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ 15 އަހަރުން ދަށުގެ ޑިވިޝަނުގައި ޖަމާލުއްދީނުން ނުކުތީ އަމީނިއްޔާ ސްކޫލާ ދެކޮޅަށެވެ. އެ މެޗު 18-21 އިން ޖަމާލުއްދީނުން ކާމިޔާބުކުރި އިރު، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީ ޖަމާލުއްދީނުގެ އަހުމަދު އިކުމާލް ނަސީރެވެ.
އެ އުމުރުފުރާގެ ގަދަ ތިން ކުޅުންތެރިންނަކީ ޖަމާލުއްދީނުގެ އަލްހާން ފައިސަލް އަމީނާއި އިނާން ތޮލްހަތު މުހައްމަދު އަދި އަމީނިއްޔާގެ އާހިލް އިހުސާނެވެ.