ޗައިނާގެ ސަންޔާގައި ކުރިއަށްދާ ހަވަނަ އޭޝިއަން ބީޗް ގޭމްސްގައި މިއަދު ރާއްޖޭގެ ފިރިހެން ހޭންޑްބޯޅަ ޓީމުން ދެއްކި ކުޅުމަށް ބަލާއިރު، ކުރިއަށް އޮތްތަނުގައި ނަތީޖާ ރަނގަޅު ކުރެވޭނެކަމުގެ އުންމީދު ބޮޑު ކަމަށް ކޯޗު، އަފްގާނިސްތާނުގެ ޒަބީއުﷲ އިސްލާމްޔާރު ބުނެފިއެވެ.

ގްރޫޕް ސްޓޭޖުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން ބަންގްލަދޭޝް ބަލިކުރީ 2-1 އިންނެވެ.

މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅުގައި ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް، އެ ސެޓްގެ ފަހުކޮޅުގައި ބަންގްލަދޭޝްއިން ވަނީ ލީޑު ނަގައި، ލީޑު ފުޅާވެސް ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އެ ސެޓު ބަންގްލަދޭޝްއިން ކާމިޔާބުކުރީ 12-21 އިންނެވެ. ފުރަތަމަ ސެޓު ރާއްޖެ އަތުން ދިޔަ ނަމަވެސް ދެވަނަ ސެޓުގައި ތަފާތު ދެއްކިއެވެ.

ރަނގަޅު ރޫހެއްގައި ދެވަނަ ސެޓަށް ނުކުމެ، މުހިއްމު ވަގުތުގައި ޕްރެޝަރުވެސް ހެންޑަލް ކޮށްފައިވެއެވެ. އެ ސެޓު ރާއްޖޭން 26-23 އިން ގެންގޮސްފައިވާ އިރު، ފަތުހުﷲ އާދަމް ވަނީ 10 ގޯލް ޖަހައިފައެވެ. އަދި މުހައްމަދު ޝަމްނޫޒް ނައީމް ވަނީ 14 ގޯލް ޖަހައިފައެވެ. މެޗު ޕެނަލްޓީއަށް ގޮސް މޮޅުވީ 7-4 އިންނެވެ. ޕެނަލްޓީގައި ރާއްޖޭގެ ކީޕަރު އަހުމީމް އަލީ ވަނީ މޮޅު ސޭވްތަކެއް ކޮށްފައެވެ.

ޖޯޑަން ކައިރިން ރާއްޖެ 2-0 އިން ބަލިވި ނަމަވެސް، އެމެޗުގައި ރަނގަޅު ވާދައެއްކޮށް، މޮޅަށް ކުޅެފައިވެއެވެ. އެގޮތުން، މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅުގައި ވެސް ދާދި ހަމަހަމަކޮށް ފެނިގެން ގޮސްފައިވާ އިރު، ރާއްޖޭން ވަނީ ގިނަ ވަގުތު ސްކޯ އެއްވަރެއްގައި ހިފަހައްޓައިފައެވެ. 6-6 އިން އެއްވަރުކޮށްފައިވެސްވާ އިރު، ޖޯޑަން އިން ރަނގަޅު ދަނޑިވަޅުގައި ސްކޯ ކޮށް، ސެޓު ގެންދިޔައީ 14-6 އިންނެވެ.

ދެ ވަނަ ސެޓުގައި ރާއްޖެ އިތުރަށް ކުޅުން ރަނގަޅުކުރިއެވެ. ފަށައިގެން 6-0 ގެ ލީޑެއްގައިވެސް އޮތް އިރު، 8-6 އިންވެސް ލީޑު ކުރިއެވެ. އޭގެ ފަހުން، ސެޓުގެ ފަހު ބައިގައި ރާއްޖޭން އުންމީދީ ކުޅުމެއް ދެއްކި ނަމަވެސް މުހިންމު ވަގުުތުތަކުގައި ގޯސްތަކެއް ހެދިގެން، ސެޓު ގެއްލުނީ 16-13 އިންނެވެ.

"ފުރަތަމަ މެޗުގައި އަހަރެމެން މޮޅުވި، އަލްހަމްދުﷲ. އެއީ ބަންގްލަދޭޝް ކައިރިން ހޯދުނު ވަރަށް ރަނގަޅު ނަތީޖާއެއް. ދެން ދެވަނަ މެޗުން މިދިޔައީ ވަރަށް ވަރަށް ގާތް ކޮށްފައި. އެއީ ޖޯޑަން ކައިރިން. އެއީ މޮޅުވެވޭނެ ކަހަލަ މެޗެއް. ވަރަށް ހިތްދަތިކޮށް މިދިޔައީ. ބައެއް ކުދިކުދި ގޯސްތަކުން ގެއްލުނު މެޗެއް. އެއީ ދެން ކުޅިވަރުގައި އޮންނާނެ ގޮތް،" މިއަދުގެ ދެމެޗަށްފަހު އެމްއޯސީ މީޑިއާ ޓީމަށް ދިން އިންޓަވިއުއެއްގައި އިސްލާމްޔާރު ބުންޏެވެ.

https://www.facebook.com/reel/1690554685279011

ކޯޗު އިތުރަށް ބުނީ ރާއްޖެއަށް މުބާރާތުގައި ކުރިއަށް ދާން ކުރިއަށް އޮތް މޮންގޯލިއާ މެޗު ބަލިކުރުން މުހިއްމު ކަމަށާއި، އެމެޗުން މޮޅުވާނެ ކަމުގެ ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ.

"އަހަރެމެންނަށް ރެސްޓެއް ލިބޭނެ މާދަމާ. އެއީ ލިބޭ ވަރަށް ބޮޑު ފަސޭހައެއް. އަރެމެންނަށް ދެން އަނެއް ދުވަހު މިއޮތީ މޮންގޯލިއާއާ ދެކޮޅަށް. އެެމެޗުން މޮޅުވެނޭނެ އިންޝާ ﷲ. އެއީ 100 ޕަސެންޓް މޮޅެއް އިންޝާﷲ. އަހަރެމެންނަށް އެމެޗުގައި ނަތީޖާ ނެރެވޭނެ،" ކޯޗު އިސްލާމްޔާރު ފާހަގަކުރިއެވެ.

ރާއްޖޭން މޮންގޯލިއާއާ ދެކޮޅަށް ކުޅޭ މެޗުގައި މާދަމާ އަނެއް ދުވަހު ވާދަކުރާ އިރު، އެމެޗު އޮންނާނީ ހެނދުނު 9:00 ގައެވެ. މިފަހަރު ސަންޔާގެ ގޭމްސްއަށް ދިޔުމުގެ ކުރިން ރާއްޖޭން ވަނީ ތައިލެންޑްގައި ތަމްރީނު ކޭމްޕެއް ފުރިހަމަ ކޮށްފައެވެ. އޭގެ ކުރިން ޓީމް ތަމްރީނު ކުރީ ކުޅުދުއްފުށި ސިޓީގައެވެ.