ދުނިޔެ

ގުޅުން ގާއިމުކުރިއަސް އީރާނާއި ސައޫދީ އަރަބިޔާގެ އުދާސްތަކަށް ނިމުމެއް ނާންނާނެއެވެ.

އިމާދު ލަތީފު

އީރާނާއި ސައޫދީ އަރަބިޔާގެ މެދުގައި ޑިޕްލޮމެޓިކް ގުޅުން އަލުން އިއާދަކުރުމުގެ ރަސްމީ އެއްބަސްވުމެއްގައި މިދިޔަ ހުކުރު ދުވަހު ދެގައުމުން ވަނީ ސޮއިކޮށްފައެވެ. މިއީ ޗައިނާގެ މެދުވެރިކަމުގެ ދަށުން، ޗައިނާގެ ބާރުއެޅުމާއެކު ގާއިމުކުރެވުނު އެއްބަސްވުމެކެވެ. މީގައި ސޮއިކުރެވުނީވެސް ޗައިނާގެ ވެރިރަށް ބެއިޖިންގުގައެވެ. ގާތްގަޑަކަށް ހަތް އަހަރު ވަންދެން ހުރިހާ ގުޅުންތަކެއް ކަނޑާލައިގެން ތިބުމަށްފަހު އަލުން މިގުޅުން އިއާދަކުރުމާއެކު ލަސްތަކެއް ނުވެ އެމްބަސީތައް ހުޅުވައި ސަފީރުން އައްޔަންކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިހިސާބުން އުފެދޭ ސުވާލަކީ ގުޅުންތައް އަލުން ގާއިމުކުރެވުނީމާ މި ދެގައުމުގެ ހުރިހައި އަރާރުންތަކަށް ނިމުމެއް އަންނާނެ ބާވައެވެ. މި ގުޅުމުގެ މަތީގައި ސާބިތުކާއެކު ދެމިތިބެވިދާނެބާވައެވެ.

ދެގައުމުގެ ގުޅުން އަލުން ގާއިމުކުރެވުމަކީ އީރާނުގެ ރަސްމީ ފަރާތްތަކުން ގަބޫލުކުރާގޮތުގައި އެމެރިކާ އާއި އިޒްރޭލަށް ލިބުނު ބޮޑުވެގެންވާ ނާކާމިޔާބީއެކެވެ. އީރާނާއި ސައޫދީ އަރަބިޔާގެ ގުޅުން ގޯސްކޮށް އަލިފާން އަންދައި އެއަލިފާނަށް އަބަދުވެސް ދަރުއަޅަނީ އެމެރިކާ އާއި އިޒްރޭލުން ކަމަށްވާތީއެވެ. އީރާނާއި ސައޫދީންގެ ގުޅުން ބަދަހިވުމަކީ އެމެރިކާ ރުހޭނޭ ކަމެއް ނޫނެވެ. އެކަން ޔަގީނެވެ. ވަކިން ޚާއްސަކޮށް ޗައިނާގެ މެދުވެރިކަމުގެ ދަށުން މިވަރުގެ ކަމެއް ހާސިލްވުމަކީ އެމެރިކާއަށް ހަޖަމުކުރަން ފަސޭހަވާނޭ ކަމެއްވެސް ނޫނެވެ. އެހެންނަމަވެސް ދުނިޔޭގެ ލަދަށްޓަކައި ދެން އެންމެ ރަނގަޅޭ، ތިޔައީ ތިމަންނާމެންވެސް ބޭނުންވި ގޮތޭ، ސުލްހަވެރިކަމާއި ދެނެގަތުމާއެކު ދެބައިމީހުންނަށް ދެމިތިބެވޭތޯ ބަލަންތިބެމާހޭ، އީރާނަކީ އިތުބާރުކުރަން ފަސޭހަ ބައެއް ނޫނޭ ބުނެފައި މިވަގުތަކަށް އެމެރިކާއިން ފަރުޖައްސާލައިފިއެވެ.

ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން އީރާނާއި ސައޫދީ އަރަބިޔާއަށް ވަނީ މަރުހަބާ ކިޔައިފައެވެ. ދެގައުމުގެ ގުޅުން އިއާދަވުމަކީ މެދުއިރުމަތީގައި ސުލްހަޔާއި ހަމަޖެހުން ގާއިމުވުމަށް ހުޅުވިގެންދިޔަ ދޮރެއް ކަމަށްވެސް ވަނީ ސިފަކޮށްފައެވެ. ވަކިން ޚާއްސަކޮށް އިސްލާމީ ދުނިޔެއިން މިކަމަށް މަރުހަބާ ކިޔުން ބޮޑެވެ. ސައޫދީ އަރަބިޔާގެ ނުފޫޒުން އީރާނާ ގުޅުން ކަނޑައިލި ގައުމުތަކުންވެސް ވަނީ މިކަމަށް މަރުހަބާކިޔައި އުފާފާޅުކޮށްފައެވެ. އެގައުމުތަކުންވެސް ދެން ލަސްތަކެއްނުވެ އީރާނާ އަލުން ގުޅުން ގާއިމުކުރަން ބޭނުންވެގެންތިބި ކަމުގެ ސިގުނަލް ވަނީ ދީފައެވެ. އެހެންވީމާ ކުރިއަށްއޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އިތުރު ގައުމުތަކުންވެސް އީރާނާއެކު އަލުން ގުޅުން ގާއިމުކޮށް ކުރީގެ ހާލަތަށް ރުޖޫއަވާނޭ ކަމަށް ޔަގީންކުރެވެއެވެ.

އީރާނާއި ސައޫދީ އަރަބިޔާގެ ގުޅުމަކީ މީގެ ސާޅީސް ހަތަރު އަހަރު ކުރިން 1979 ވަނަ އަހަރު އީރާނަށް ގެނެވުނު އިސްލާމީ އިންގިލާބަށްފަހު ވަރަށް އަޑިގުޑަންކަން ބޮޑުގޮތެއްގައި ކުރިއަަށްދާ ގުޅުމެކެވެ. ކަންކަން ފާލުން ނެއްޓި މީގެ ހަތް އަހަރު ކުރިން ހުރިހާ ގުޅުންތައް ސައޫދީ އަރަބިޔާއިން ކަނޑައިލީ 2016 ވަނަ އަހަރު ހިނގައިދިޔަ ކަންތައްތަކާ ގުޅިގެންނެވެ. ސައޫދީ އަރަބިޔާއިންވަނީ އެގައުމުގެ ޝިޔާ ދަންނަބޭކަލެއްގެ މައްޗަށް މަރުގެ ހުކުމް އިއްވައި އެހުކުމް ތަންފީޒުކޮށްފައެވެ. އެ ދަންނަބޭކަލަކީ އީރާނުގެ ވަރަށް ގިނަބަޔަކު އިހުތިރާމްކުރާ އަދި ލޯބިވާ މީހެކެވެ. އެހެންވެ ސައޫދީ އަރަބިޔާއާ ދެކޮޅު ޝުއޫރުތައް އީރާނުގައި އާއްމުވެ އެންމެ ފަހުން ތެހެރާނުގައި ހުންނަ ސައޫދީ އެމްބަސީއަށް ގާއުކައި އެތަނުގެ ތެރެއަށްވެސް ވަދެގަތީއެވެ.

އެވަރަކުން އަދި ނުނިމެއެވެ. އީރާނުގެ ރޫހީ ލީޑަރު އާޔަތު ﷲ އަލީ ޚާމަނާއީ ވަނީ ސައޫދީ ރަސްގެފާނާއި ވަލީއަހުދު ކުށްވެރި ކުރައްވައި ވާހަކަފުޅުވެސް ދައްކަވައިފައެވެ. މިކަންކަމާ ނުރުހިގެން ސައޫދީ އަރަބިޔާއިން އީރާނާ ގުޅުން ކަނޑައިލީއެވެ. އަދި ބަސްއަހާ ރަހުމަތްތެރި އެހެން ގައުމުތަކުގައި އެދިގެން އެގައުމުތަކުންވެސް އީރާނާ ގުޅުން ކަނޑައިލީއެވެ. މިކަމުން ސައޫދީ އަރަބިޔާއިން ނެރެން ބޭނުންވި ނަތީޖާއަކީ ބައިނަލްއަގުވާމީ ގޮތުން އީރާނު މުޅިން އެކަހެރި ކުރުމެވެ. ނުފޫޒު ކަނޑުވައިލުމެވެ. ފާއިތުވި ހަތް އަހަރުގެ މަސައްކަތުން އެކަމެއް ނުވިއެވެ. އީރާނުގެ އާރާއި ބާރާއި ނުފޫޒު ކުރިއަށްވުރެވީ އިތުރެވެ. އަނެއްކޮޅުން ސައޫދީ އަރަބިޔާއަށް ކުރިމަތިވާ އުދާސްތައް ދަނީ އިތުރުވަމުންނެވެ. ޚާއްސަކޮށް ޔަމަނުގައެވެ. ޔަމަނުގެ ހަނގުރާމައިގައި ސައޫދީންވަނީ ރަނގަޅަށް ތާށިވެފައެވެ.

އީރާނާ އަލުން ގުޅުން ގާއިމުކުރުމަކީ ސައޫދީ އަރަބިޔާއިން ފަހަކަށް އައިސް ގެންގުޅެމުން އައި ސިޔާސަތަށް ބަލާއިރު "ޔޫ ޓާރނެއް" ނެގުމެކެވެ. އޮޑި އަނބުރައިލުމެކެވެ. މިފަދަ އަނބުރައިލުމެއް މީގެކުރިންވެސް އެއްފަހަރު ވަނީ ފެނިފައެވެ. އެއީ ގަތަރުގެ މައްސަލައިގައެވެ. އެފަހަރުވެސް ކުރަން ބޭނުންވި ކަންތައް ނުކުރެވި، ނެރެން ބޭނުންވި ނަތީޖާ ނުނެރެވުނީމާ ޔޫ ޓާރނެއް ނަގަން މަޖުބޫރުވީއެވެ. ކޮންމެ ސަބަބަކާލައިގެން ނެގި ޔޫ ޓާރނަކަށްވިޔަސް މިފަހަރު އީރާނުގެ މައްސަލައިގައި މި ނިންމި ނިންމުމަކީ އަރައިރުންތައް ކޮންމެވެސް ވަރަކަަށް ފިނިވެ މަސްރަހުގެ ނާމާންކަން ކުޑަވެގެންދާނެ ކަމެކެވެ. އެކަމަކު ދެގައުމުގެ މައްސަލަތަކަށް ދެންވެސް ނިމުމެއް ނާންނާނެއެވެ. މިތުރުން ކަމަކަށެއް ނުވާނެއެވެ. ޔަމަނުގެ ހަނގުރާމައަށް ވަގުތުން ނިމުމެއްވެސް ނާންނާނެއެވެ. ޔަމަނުގެ ހޫސީންނަށް އީރާނުން ކުރާ ތާއީދާއި ދޭ އެއްބާރުލުމަށް ނިމުމެއްވެސް ނުގެންނާނެއެވެ.