Close
ޚަބަރު

ތަމްރީނު ހޯދަން 20 ނޫސްވެރިން އިންޑިއާއަށް

ތަމްރީނާއި ތަޖުރިބާ ހާސިލުކުރުމަށް ދިވެހި އެޑިޓަރުންނާއި ނޫސްވެރިންގެ ޓީމެއް އިންޑިއާއަށް ފުރައިފިއެވެ.

"އިން ސާވިސް ޓްރެއިނިންގް އޮފް އެޓިޑާސް އެންޑް ޖާނަލިސްޓްސް އޮފް މޯލްޑިވްސް"ގެ ނަމުގައި އިންޑިއާގެ "އެމިޓީ ޔުނިވާސިޓީ، (ނޮއިޑާ)" އިން އިންތިޒާމުކޮށްގެން ބާއްވާ ތަމްރީނު ޕްރޮގްރާމެކެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނީ މި ޕްރޮގްރާމުގައި ރާއްޖޭގެ ހުރިހާ މީޑިއާ ހިމެނޭ ގޮތަށް 20 ފަރާތެއް ބައިވެރިވާ ކަމަށާއި މިއީ އަށް ދުވަހުގެ މުއްދަތަށް ބާއްވާ ފްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމަކީ މީޑީއާ ދާއިރާގައި މަސައްކަތްކުރާ އެޑިޓަރުންނާއި ނޫސްވެރިންނަށް ހާއްސަކޮށްގެން އިންޑިއާ ސަރުކާރުން ހިލޭ އެހީގައި ހިންގާ ޕްރޮގްރާމެކެވެ.

މި ޓީމުގެ ހެޑް އޮފް ޑެލިގޭޝަން ގޮތުގައި ހަރަކާތްތެރިވާނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރު އަލްފާލިލް އަޙްމަދު އާފް އަދި ޑެޕިއުޓީ ހެޑް އޮފް ޑެލިގޭޝަން ގޮތުގައި ހަރަކާތްތެރިވާނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ޑިރެކްޓަރު ޖެނެރަލް ޑރ. ފާތުމަތު މުނާ ކަމަށް އެކުންފުނިން ބުންޏެވެ.

އެމްއެމްސީން ބުނީ މި ޕްރޮގްރާމުގައި ޖާނަލިޒަމް އެތިކްސް އާއި މީޑިއާ ދާއިރާގެ މުހިއްމު ގާނޫނުތަކާއި ނޫސްވެރިކަމުގެ ބެސްޓް ޕްރެކްޓިސާއި ކޮންޕްލިކްޓް ހާލަތްތަކުގައި ރިޕޯޓުކުރާނެ ގޮތާއި ކުއްލި ހާލަތްތަކުގައި ރިޕޯޓުކުރުމުގައި ސުލޫކީ މިންގަނޑާއި ސިޓިޒަން ޖާނަލިޒަމާއި ވީޑިއޯ ޖާނަލިޒަމާ ގުޅޭ ސެޝަންތައް ނަގައިދޭނެ ކަމަށެވެ.

މީގެ އިތުރުން މޯބައިލް ރިޕޯޓިން، ކޮމިނިއުޓީ ބްރޯޑްކާސްޓިން، އިންވެސްޓިގޭޓިވް ޖާނަލިޒަމް، އިންތިހާބުތަކުގައި ރިޕޯޓްކުރާނެ ގޮތް، އާންމު މަސްލަހަތު ހިމެނޭ މުހިންމު ކަންކަން ފީޗަރު ރިޕޯޓެއްގެ ގޮތުގައި ގެނެސްދޭނެ ގޮތް، ޑިޖިޓަލް ޖާނަލިޒަމް ދުނިޔޭގައި ޓްވީޓާގެ މުހިންމުކަން، ފޭކް ނިއުސްއާ ގުޅޭ ސެޝަންތައްވެސް ނަގައިދޭނެއެވެ. އަދި ފެކްޓް ޗެކިން އުކުޅުތަކާއި މީޑިއާ ލިޓްރަސީގެ މުހިއްމުކަމާއި ހަބަރު ފެތުރުމުގައި ސަގާފީ ހުރަސްތަކާއި ކްރިޓިކަަލް ތިންކިން ކުޅޭ ދައުރާއި ނޫސްވެރިންގެ ޕްރޮފެޝަނަލް ސްކިލްސް ތަރައްގީކުރެވޭނެ ގޮތްތަކާ ގުޅޭ މައުލޫމާތުވެސް ދޭނެ ކަމަށް އެމްއެމްސީން ބުންޏެވެ.

އެ ދަތުރުގައި އިންޑިއާގެ އެކި މީޑީއާ ހައުސްތަކަށާއި ސަރުކާރުގެ އެކި މުއައްސަސާތަކަށް ބައިވެރިން ޒިޔާރަތްކޮށް، އެތަނުގެ އެޑިޓަރުންނާއި ނޫސްވެރިންނާއި މަސްއޫލުވެރިންނާއި ބައްދަލުކޮށް މައުލޫމާތާއި ތަޖުރިބާ ހޯދުމުގެ ސެޝަންތަކެއް ރާވާފައިވެއެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުވެސް ވަނީ "އިން ސާވިސް ޓްރެއިނިންގް އޮފް އެޓިޑާސް އެންޑް ޖާނަލިސްޓްސް އޮފް މޯލްޑިވްސް"ގެ ނަމުގައި އިންޑިއާގެ "އެމިޓީ ޔުނިވާސިޓީ، (ނޮއިޑާ)" އިން އިންޑީއާގައި ބޭއްވި ތަމްރީން ޕްރޮގްރާމެއްގައި 20 ނޫސްވެރިއަކު ބައިވެރިވެފައެވެ.