Close
ޚަބަރު

ރާއްޖޭގައި އުފެއްދި ފުރަތަމަ މޫދުގައި ދުއްވާ ކާރު އަންނަ މަހު ދައްކާލަނީ

ރާއްޖޭގައި އުފެއްދި ފުރަތަމަ މޫދުގައި ދުއްވާ ކާރު އަންނަ މަހުގެ ތެރޭގައި ދައްކާލަން ތައްޔާރުވެއްޖެއެވެ.

މި ކާރު ދައްކާލާނީ އަންނަ މަހުގެ 27 އިން 29 އަށް ހުޅުމާލޭގައި ކުރިއަށްގެންދަން ނިންމާފައިވާ މޯލްޑިވްސް ވޯޓާ ސްޕޯޓްސް ފެސްޓިވަލްގައެވެ. އެ ކާރު ދައްކާލާނީ ޔުނިކް ސްޕޯޓިންގެ ފަރާތުންނެވެ.

ޔުނިކް ސްޕޯޓިންގެ މާކެޓިން މެނޭޖަރު ޝައުނާ ހުސައިން "ވަން" އަށް މިއަދު ވިދާޅުވީ، މޫދުގައި ދުއްވާ ކާރު ހަދަނީ ރާއްޖޭގެ ބޯޓް ބިލްޑިން ކުންފުންޏަކާ ހަވާލުކޮށްގެން ކަމަށާއި އެ ކާރަށް ބޭނުންވާ އިންޖީނު ގެންނަނީ ރާއްޖޭން ބޭރުން ކަމަށެވެ.

"ކޯވެޓް ބްރޭންޑްގެ ވޯޓާ ކާރެއް އަޅުގަނޑުމެން މި ތައާރަފުކުރަނީ. މި ކާރަށް އެރޭނީ ދެ މީހުންނަށް. މިއީ ހަމަ އެންމެ ޒަމާނީ ވޯޓާ ކާރެއް،" ޝައުނާ ވިދާޅުވިއެވެ.

އިތުރު ބްރޭންޑްތަކުގެ ވޯޓާ ކާރުތައްވެސް ރާއްޖެއަށް ތައާރަފުކުރުމުގެ ވިސްނުން ގެންގުޅޭކަން ފާހަގަކުރައްވައި އޭނާ އިތުރަށް ވިދާޅުވީ، ވޯޓާ ސްޕޯޓްސް ފެސްޓިވަލުގެ ތެރެއިން ވޯޓާ ކާރު ދުއްވާލުމުގެ ފުރުސަތު ބައެއް މީހުންނަށް ލިބޭނެ ކަމަށެވެ. އަދި އެކަމަށް އެއްވެސް އަގެއް ނުނަގާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި ބާއްވާ ފުރަތަމަ ވޯޓާ ސްޕޯޓްސް ފެސްޓިވަލްގައި ވޯޓާ ސްޕޯޓްސްއާ ގުޅޭ އެކި ސްޓޯލްތައް ހުންނާނެއެވެ. އަދި ޖެޓްސްކީ ރޭހަކާއި ފެތުމުގެ މުބާރާތަކާއި ފްލައިބޯޑް މުބާރާތް ފަދަ މޫދު ކުޅިވަރުގެ އެކިއެކި މުބާރާތްތައް ބާއްވާނެއެވެ.