ދިވެހިންނަށް ވިސާ ހޯދުމުގައި ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމާ ގުޅޭގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ޖަރުމަންވިލާތުގެ ރައީސް ފްރޭންކް ވޯލްޓާ ސްޓައިންމަޔާއާ އާއެކު މަޝްވަރާކުރައްވައިފިއެވެ.

ރައީސް ސޯލިހު މިއަދު ވަނީ ޖަރުމަނުގެ ބާލިންގައި ހުންނަ އޮފީސް އޮފް ދަ ފެޑެރަލް ޕްރެޒިޑެންޓްގައި ފްރޭންކް ވޯލްޓާ ސްޓައިންމަޔާއާ ބައްދަލުކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި ރައީސް ވަނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގައި ޖަރުމަނުން ދައްކާ ލީޑާޝިޕަށް ތައުރީފުކުރައްވައި، ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ އުފެއްދުންތަކަށް ޔޫރަޕުގައި ނަގާ ޓެރިފް ރޭޓާ ގުޅޭގޮތުންނާއި ދިވެހިންނަށް ވިސާ ހޯދުމުގައި ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.

ރާއްޖެ އާއި ޖަރުމަނީއާ ދެމެދު މިހާރަށްވުރެ އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނާއި މޫސުމަށް އަންނަ ބަދަލުތަކާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ހުރި ފުރުސަތުތަކާ ގުޅޭގޮތުން ދެ ގައުމުގެ ރައީސުން ވަނީ މަޝްވަރާކުރައްވައިފައެވެ.

ވައިގެ ދަތުރުފަތުރާއި ދަތުރުފަތުރުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ޝައުގުވެރިކަން ދެ ގައުމުގެ ރައީސުން ވެސް ވަނީ ފާޅުކުރައްވައިފައެވެ.

ރާއްޖެއިން ޖަރުމަނާއެކު ސިޔާސީ ގުޅުން ގާއިމްކުރީ 1966 ވަނަ އަހަރުގެ ޖުލައި މަހުގެ ފަސްވަނަ ދުވަހުއެވެ.