އިސްލާމީ ތާރީޚު

މާލެއިން ބުރުސާއިން އިސްތަންބޫލަށް - 37

އަބްދުﷲ ފާރޫގް ހަސަން

އިސްތަންބޫލު ފަތަޙަވުމުގެ ނަތީޖާ

(3 މާޗުގެ އަދަދާ ގުޅޭ)

މުސްލިމުން އިސްތަންބޫލު ފަތަޙަކުރުމުގެ ނަތީޖާއާ ބެހޭގޮތުންވެސް އިސްވެދެންނެވި މުޞަންނިފު ލިޔުއްވައިފައިވެއެވެ. "ޤުސްޠަންޠީނިއްޔާގެ ޢިބްރަތްތެރި ފަތަޙައިގެ ނަތީޖާއެއްގެގޮތުން އެއްކަމަކަށްވީ އެގާރަސައްތަ އަހަރުވަންދެން ދެމިއޮތް ބައިޒެންޓެއިން ރަސްކަން ނިމުމަކަށް އައުމެވެ. އަނެއްކޮޅުން މުސްލިމުންގެ ކުރިމަތީގައިވަނީ ޔޫރަޕުން އިތުރު ފުތޫޙާތު ޙާޞިލުކުރުމުގެ ދޮރު ހުޅުވިފައެވެ. މުސްލިމުން ވަރަށް އަވަހަށް ޑައިނޫބު ކޯރާ ހަމަޔަށް ކުރިއަރައިގެން ހިނގައްޖެއެވެ. އިރުމަތީ ޔޫރަޕުގައި އެބައިމީހުންގެ ވެރިކަން ޤާއިމުކޮށްފިއެވެ. ބޮސްފަރަސްއާއި ދަރުދާނިޔާލަށް ވެރިވެ ރޫސީން އިރުމަތީ ފަރާތުން ކުރިއަރައިގެން އައުމުގެ ދޮރު ބަންދުކޮށްލިއެވެ. އިރުމައްޗާއި ހުޅަނގު ގުޅުވައިދޭ މުހިންމު އެއްގަމު މަގުތަކާއި ކަނޑުމަގުތަކުގެ މައްޗަށް އެބައިމީހުންގެ ވެރިކަން ޤާއިމުކޮށްލިއެވެ. އޭގެސަބަބުން އެބައިމީހުންނަށްވަނީ ނުހަނު އަފޫރުއްބަ ފައިދާތަކެއް ޙާޞިލުވެފައެވެ. (سـلطـــان محمّـــد الــفــاتــــح، ޞަފުޙާ: 94)

އެމެރިކާގެ މަޝްހޫރު މުއައްރިޚު ވިލިޔަމް އެލް ލެންގަރ (William L. Langer) ލިޔުއްވައިފައިވެއެވެ. "ތުރުކިޔޭއިން އިސްތަންބޫލު ފަތަޙަކުރުމާ ވިދިގެން މުޅި ދެކުނު އިރުމަތީ ޔޫރަޕް އެބައިމީހުންގެ ވެރިކަމުގެ ދަށަށް ހިނގައްޖެއެވެ. ޔޫނާނާއި ބަލްގޭރިޔާއާއި ސާވިޔާއާއި ރޫމޭނިޔާއާއި ހަންގޭރީގެ މީހުން އެއްބަޔަކަށްފަހު އަނެއްބަޔަކު އެބައިމީހުންގެ ވެރިކަމުގެދަށަށް ހިނގައްޖެއެވެ. އަދި ކީއްހެއްޔެވެ؟ އެބައިމީހުން ވިޔެނާގެ ފާރުތަކާ ހަމަޔަށް ދަތުރުކޮށްފިއެވެ. (ވޯލްޑް ހިސްޓްރީ، ވޮލިއުމް II، ޞަފުޙާ: 287)

އިސްތަންބޫލް މުސްލިމުންގެ ބާރުގެދަށަށް ދިޔުމަކީ އާދައިގެ ކުޑަކުޑަކަމެއް ނޫނެވެ. ދުނިޔޭގެ ތާރީޚުގެ އަފޫރުއްބަ ހާދިސާއެކެވެ. ބުއްދިތައް ޙައިރާންކޮށް އަންތަރީސްކުރުވި ހާދިސާއެކެވެ. އިސްތަންބޫލަކީ އިރުމަތީގައި އޮތް މަސީޙިއްޔަތުގެ އެންމެބޮޑު މަރުކަޒެވެ. އެހެންކަމުން މުސްލިމުން އެރަށް ފަތަޙަކުރުމުން މުޅި ޔޫރަޕުގައި އިންތިހާދަރަޖައިގެ ހިތާމަޔާއި ކަންބޮޑުވުމާއި ރުޅިވެރިކަމުގެ ރާޅެއް ފެތުރިގެންދިޔައެވެ. ހަމައެއާއެކު މުސްތަޤްބަލުގައި ހިނގައިފާނެ ކަންތައްތަކަކާމެދު ފިކުރު ހިންގުމުން ޔޫރަޕް މުސްލިމުންދެކެ ވަރަށްބޮޑަށް ޖެހިލުންވެ ބިރުގެންފިއެވެ.

ޖަރުމަން މުޞަންނިފް ސްޓެފަން ސުވޭގު/ޒުވޭގު ލިޔުއްވައިފައިވެއެވެ. "އިސްތަންބޫލު ފަތަޙަވި ޚަބަރު މުޅި ޢީސާއީ ދުނިޔޭގައި ގުގުމައިލިއެވެ. އެޚަބަރުގެ ސަބަބުން މުޅި ހުޅަނގުޔޫރަޕަށްވެސް ގުޑުންއަރުވައިލިއެވެ. އެޚަބަރުގެ ސަބަބުން ރޫމާއި ޖެނީވާއާއި ވެނިހަށްވެސް ބިރުވެރިކަން ޢާންމުކުރުވިއެވެ. ދުރުގައިހުރެ ވިދައި ގުގުރަމުންދާ ވިލާގަނޑެއްގެ ގުގުރީގެ އަޑު ފަދައިން އެޚަބަރު ޕެރިހަށްވެސް ފޯރިއެވެ. އެޚަބަރު ރައިން (Rhine) ކޯރުވެސް ހުރަސްކޮށްފިއެވެ. ބިރުން ތުރުތުރުއަޅަމުންދިޔަ ޔޫރަޕަށް އިޙްސާސްވީ އެބައިމީހުންގެ ސުންޕާ ދެކޮޅުވެރިކަމުގެ ޢުންސުރުތައް ޤަރްނުތަކެއް ވަންދެން އެބައިމީހުންގެ ބާރުތައް ވާކޮށްލަން އިސްތަންބޫލަށް ވަދެއްޖެކަމެވެ. (ޞަފުޙާ: 67)

ވިލްޑްރަންޓް ލިޔުއްވައިފައިވެއެވެ. "ތުރުކިޔޭއިން އިސްތަންބޫލު ހިފުމުން ޔޫރަޕުގައި ގުޑުންނާރާ އެންމެ ގާކޮޅެއްވެސް ނެތެވެ. އެރަށުގެ ފާރުތައްވަނީ އެއްހާސް އަހަރަށްވުރެވެސް ދިގުމުއްދަތަކަށް އޭޝިޔާގެ ކިބައިން ޔޫރަޕް ޙިމާޔަތްކޮށްދީފައެވެ. ތުރުކިޔޭއިން އިސްތަންބޫލް ފަތަޙަކުރުމުން ވަނީ އެ ޙިމާޔަތީ ފާރު ވެއްޓިފައެވެ. ޞަލީބީން އޭޝިޔާގެ ތެރެޔަށް ގިއްގަޅުވައިލާން ޤަޞްދުކޮށްގެންތިބި އިސްލާމީ ވެރިކަމާއި އިސްލާމްދީންވަނީ ބައިޒެންޓެއިންގެ ހަށިކޮޅުގެ މަތީންލައިފައި ބަލްޤާނީ ދައުލަތްތަކުގެ ތެރެއިން ހަންގޭރީގެ ދޮރޯއްޓާ ހަމަޔަށްދާނެ މަގުހަދައިފައެވެ." (ތަހްޒީބުކީ ކަހާނީ، ޖިލްދު: 6، އިޞްލާޙެ މަޒްހަބެ ޢީސާއިއްޔަތު: 183)

މިސުރުގެ މުއައްރިޚަކު ލިޔުއްވައިފައިވެއެވެ. މަސީޙީ ބާރުތަކުގެ ދެކޮޅުވެރިކަމުގެ ޖަޒުބާ (ތަކުރާރުކޮށް ކުރިމަތިވަމުންއައި ނާކާމިޔާބުވުމުގެ ސަބަބުން) ވަނީ ފިނިވެފައެވެ. އެކަމަކު މުސްލިމުން ނުހަނު ފަސޭހަކަމާއެކު މަސީޙީ ރަސްކަމެއް "ދިރުވައިލުމަކީ ގްރީކް ޗާޗާމެދު އޮތް އިންތިހާދަރަޖައިގެ ދެކޮޅުވެރިކަމާއެކުވެސް އެބައިމީހުންނަށް ބަރުދާސްކުރެވުނުކަމެއް ނޫނެވެ. ކުރިޔަށްއޮތްތާނގައި މުސްލިމުން އެބައިމީހުންގެ ސަރަޙައްދާ ދިމާޔަށް ކުރިއަރަމުން އަތުވެދާނެތީ އެމީހުން ގަތީކީ އަމަށަކު ބިރެއްނޫނެވެ. އެބައިމީހުންނަކީ ރޫމުގެ ޗާޗަށް ތަބާވާ މީހުންނެވެ. ޕޯޕަކީ އެބައިމީހުންގެ ރޫޙާނީ އިމާމުކަމުގައި ޤަބޫލުކުރާ މީހުންނެވެ. އެފަދަ ޙާލަތެއްގައި ރޯމަން ކެތަލިކް ޗާޗުގެ ވެރިކަން ނެތިގެން ހިނގައިދާނެތީއެވެ. އެނުރައްކަލާ ކުރިމަތިލެއްވުމަށްޓަކައި ޕޯޕް ޕިޔުސް II (Pius II) އޭނާގެ ވާހަކަދެއްކެވުމުގެ ބާރާއި ސިޔާސީ ކުޅަދާނަފުޅުކަން ބޭނުންފުޅުކުރައްވައިގެން އައު ޞަލީބީ ހަނގުރާމައަކަށް ތައްޔާރުކުރައްވާން ފެއްޓެވިއެވެ. ތުރުކިޔޭއިންނާ ދެކޮޅަށް ޔޫރަޕު އެއްބައިވަންތަކުރައްވައި އެކަތިގަނޑަކަށް ހެއްދެވުމުގެ މަސައްކަތް ފެއްޓެވިއެވެ. އޭނާ އެންމެފުރަތަމަ ވިސްނައިވަޑައިގެންނެވީ ކޮންމެވެސްގޮތަކުން ތުރުކިޔޭއިން ޢީސާއިއްޔަތު ޤަބޫލުކުރުއްވޭތޯ ބައްލަވާށެވެ. އޭނާ އެބޭނުންފުޅުގައި ތުރުކިޔޭ ސަރަޙައްދުތަކަށް ދީން ފެތުރުމުގެ މިޝަން ފޮނުއްވުމުގެ ބަދަލުގައި سـلطـــان الــفــاتــــح އަށް ސީދާ ސިޓީފުޅެއް ލިޔުއްވިއެވެ. سـلطـــان ގެ "ފާފަތަކުން ތައުބާވެވަޑައިގެން ކްރިސްޓިޔަންދީނަށް ވެދެވަޑައިގެންނެވުމަށް ދަޢުވަތު ދެއްވިއެވެ. ޤުސްޠަންޠީނާއި ކްލޯނީސް ފަދައިން މަސީޙީ ދީން ޙިމާޔަތްކުރައްވާ ބޭފުޅަކަށް ވެވަޑައިގަންނަވާން ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ." އެނގިވަޑައިގަންނަވާނެ ފަދައިން ޕޯޕުގެ އެމަސައްކަތްޕުޅަކީ ނާކާމިޔާބީ ފިޔަވައި އެހެން ނަތީޖާއެއް ފެނިވަޑައިގަންނަވާނެ މަސައްކަތްޕުޅެއް ނޫނެވެ. ޕޯޕް އެ ނާކާމިޔާބީއަށްފަހު އޭނާގެ ދެވަނަ ހަތިޔާރު ބޭނުންފުޅު ކުރެއްވިއެވެ. މަސީޙީންގެ އާރާއި ބާރު ބޭނުންކުރައްވާނެކަމުގެ ބިރު ދައްކަވައިގެން ޢުޘްމާނީ ދައުލަތް ސިއްސައިލެއްވޭތޯ މަސައްކަތްޕުޅު ކުރެއްވިއެވެ. ހަމައެއާއެކު ޞަލީބީ ދައުލަތްތައް ޞަލީބީ އައު ހަނގުރާމަޔަކަށް ތައްޔާރުކުރައްވާން ބާރުއަޅުއްވާން ފެއްޓެވިއެވެ. އެއްގަމާއި ކަނޑުގެ ޙަމަލަތަކުގެ ޒަރީޢާއިން ތުރުކިޔޭއިންނާ ދެކޮޅަށް މަސައްކަތް ފަށައިގަތުމަށް ގޮވައިލެއްވިއެވެ. ތުރުކިޔޭއިން ޔޫރަޕުގައި އިތުރަށް ކުރިޔަށްދިޔުން ހުއްޓުވުމަށްޓަކައެވެ. މަސީޙީ ދީން ހުރިހައިގޮތަކުން އަމާންކަން ހޯދައިދީ ނަޞްރުވެރި ކުރުވުމަށްޓަކައެވެ.

"ނަމަވެސް މަސީޙީ ބާރުތަކުން ޚާއްޞަކޮށް އިޓަލީގެ ޖުމްހޫރިއްޔާތަކުން ޕޯޕުގެ މަޝްރޫޢުތަކުގައި ބައިވެރިވުމާމެދު ދެއްކީ ޢުޒުރުވެރިކަމެވެ. ތުރުކިޔޭއިންގެ ޙަމަލައިގެ ބިރު ކުރިމަތީން ފެންނަމުން ދިޔައިރުވެސްމެއެވެ. ޕޯޕާ ބައިވެރިވުމުގެ ބަދަލުގައި ޔޫރަޕުގެ ޤައުމުތަކުން މަސައްކަތްކުރީ ތުރުކިޔޭއިންނާ ގުޅުން ރަނގަޅުކުރެވޭތޯއެވެ. ބައެއް ޤައުމުތަކުން ޕޯޕާ ބައިވެރިވާނެކަމަށް ވަޢުދުވިއެވެ. އެކަމަކު އެ ޤައުމުތަކުންވެސް ވަގުތުޖެހުމުން ދާޚިލީ މައްސަލަތައް ޢުޒުރަކަށް ދައްކައިފައި ބޯދައިގަތީއެވެ. އިނގިރޭސީންނާއި ފަރަންސޭސީންގެ ދިގުލީ ހަނގުރާމަތައްވަނީ އެ ދެބާރު މުޅީން އިންދިރާސް ކޮށްލައިފައެވެ. އިނގިރޭސީން އަވަދިނެތި އުޅުނީ އެބައިމީހުންގެ ދުސްތޫރީ މައްސަލަތަކާއި ދާޚިލީ ހަނގުރާމަތަކުގައެވެ. ތުރުކިޔޭއިންނާ ހަނގުރާމަފަށައި އިތުރު ބޮލުގައިރިހުމެއް ބަރުދާސްކުރާކަށެއް ފަރަންސޭސީންގެ ދާޚިލީ ޙާލަތުވެސް ތަނެއް ނުދެއެވެ. ސްޕޭންމީހުން މުސްލިމުންގެ ކިބައިން ފަތަޙަ ހޯދައިގެން މަސައްކަތްކުރަމުން ގެންދިޔައީ އެބައިމީހުންގެ ދާޚިލީ ބާރުތައް ވަރުގަދަކުރެވޭތޯއެވެ. އަލުން އައު މައިދާނެއްގައި ހަނގުރާމަފަށައި އެއުރެންގެ ހަކަތަ ދެރަކުރާކަށެއް އެބައިމީހުން ބޭނުމެއް ނޫނެވެ. ޙަޤީޤަތުގައި އެދުވަސްވަރު މުޅި ޔޫރަޕުގައިވެސްވަނީ މަސީޙީ ދީން ޙިމާޔަތްކުރުމުގެ ރޫޙު ހީނަރުވެފައެވެ. އޭގެބަދަލުގައި އަމިއްލަ ޤައުމިއްޔަތާއި ވަޠަނިއްޔަތުގެ ޖަޒުބާރު އުތުރޭން ފަށައިފައެވެ.

"ޕޯޕުގެ ހިތްޕުޅާއި ސިކުނޑިފުޅަށްވަނީ އެ ނާކާމިޔާބީގެ ސަބަބުން ނުހަނު ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. ޕޯޕުގެ ޞިއްޙަތަށްވެސް އެކަމުގެ އަސަރު ފޯރިއެވެ. އެހިތާމަވެރި އަސަރު ހިތްޕުޅުގައި ބާއްވަވައިގެން ކުޑަދުވަސްކޮޅެއްގެ ތެރޭގައި ޕޯޕް މިދުނިޔެއަށް އަލްވަދާޢު ވިދާޅުވެއްޖެއެވެ. އެހައިތަނުން ތުރުކިޔޭއިންގެ ބާރާދެކޮޅަށް ކޮނޑުވިއްދާން މައިދާނުގައި ދެމިތިބީ ހަންގޭރީއާއި ވެނިސް ދައުލަތްތަކެވެ."

މިދެންނެވި މުއައްރިޚު އިތުރަށް ލިޔުއްވައިފައިވެއެވެ. "ޔޫރަޕުގެ ދައުލަތްތަކަށް މުސްލިމުންގެ އަތުން ޤުސްޠަންޠީނިއްޔާ ފިރުކައިގަނެވޭނީވެސް ކިހިނަކުންތޯއެވެ؟ އެހެނީ ޚުދު އެބައިމީހުންގެ ތެރޭގައިވަނީ ބޮޑެތި އަރާރުމާއި ދެކޮޅުވެރިކަން އުފެދިފައެވެ. އެއްބަޔަކު ތިބީ އަނެއްބަޔެއްގެ ޖާނީ ދުޝްމަނުންނަށްވެފައެވެ. 1454މ. (858ހ.) ގައި ޔޫރަޕުގެ ބާރުތަކާއި އިޓަލީގެ ޖުމްހޫރިއްޔާތައް ލޫދީގައި ތުރުކިޔޭއިންނާ ދެކޮޅަށް ގުޅިފައިވާ މަހާޛެއް އުފެއްދިއެވެ. އެކަމަކު އެ އިއްތިހާދު މާގިނަދުވަހަކު ދެމިއޮންނަގޮތެއް ނުވިއެވެ. އެންމެފުރަތަމަޔަށް އެ އިއްތިހާދުން ވަކިވީ ވެނިސްގެ ޖުމްހޫރިއްޔާއެވެ. އެބައިމީހުން ތުރުކިޔޭއިންނާއެކު ރަޙުމަތްތެރިކަމުގެ މުޢާހަދާއެއް ކޮށްފިއެވެ. ކައިރި އިރުމަތީގައިވާ އެބައިމީހުންގެ މަޞްލަޙަތުތައް ޙިމާޔަތްކުރުމަށްޓަކައެވެ. އަނެއްކޮޅުން އިޓަލީގެ ޖަޒީރާގައި ދާޚިލީ ހަނގުރާމައިގެ ހުޅުގަނޑު ފަޅައިގެން ހިނގައްޖެއެވެ. ކެތަލިކް މަޒްހަބުގެ މީހުން ތުރުކިޔޭއާ ދެކޮޅަށް ހަނގުރާމައަށް ތައްޔާރުވުމުގެ ބަދަލުގައި ފެށީ ޔޫހަންނާ (ޔުހަނެސްހުސް-ކެތަލިކްފައްޅި އިޞްލާޙުކުރާން މަސައްކަތްފެށި މީހެއް) އަށް ތަބާވާ މީހުންނަށް އަނިޔާކުރާށެވެ." (سـلطـــان محمّـــد الــفــاتــــح)

މިގޮތުން އިސްތަންބޫލުގެ އިރުއޮއްސުނު އޮއްސުމާމެދު ކެތްތެރިވެގެން ޔޫރަޕުންގެ މީހުން މަޑުން ތިބެއްޖެއެވެ. އެބައިމީހުންނަށް ހެދޭނެ އެހެންގޮތެއް ނުވެސްނެތެވެ. ތުރުކިޔޭއިންގެ ބާރުވަނީ އެހައިވެސް ގަދަވެފައެވެ. ޔޫރަޕަށް ލިބުނު އެބޮޑު ދުކަށް ދެވޭންއޮތް އެންމެރަނގަޅު ފަރުވާއަކީވެސް ކެތްތެރިވުމެވެ. އެއްގޮތަކުން ބަލާއިރު މަޖްބޫރީ ޙާލަތުގެ ދެވަނަ ނަމަކީވެސް ކެތްތެރިކަމެވެ.

"ދައުލަތެ ޢުޘްމާނިއްޔާ" ގައިވާގޮތުން އިސްތަންބޫލުގެ ފަތަޙައަކީ سـلطـــان محمّـــد الــفــاتــــح ގެ އެންމެ އައުދާނަ ފަތަޙައެވެ. އެންމެބޮޑު މަސައްކަތްޕުޅެވެ. އެމަނިކުފާނު ފާތިޙުގެ ނަންފުޅުން މަޝްހޫރުވެވަޑައިގެންނެވީވެސް އިސްތަންބޫލު ފަތަޙަކުރެއްވުމުގެ ސަބަބުންނެވެ. ނަމަވެސް އެމަނިކުފާނުގެ ރަސްކަމުގެ ތިރީސްއަހަރުގެ މުއްދަތުގައި ހޯއްދެވި އަފޫރުއްބަ ފުތޫޙާތުތަކަށް ނަޒަރު ހިންގާއިރު އިސްތަންބޫލުގެ ފަތަޙައަކީ އެމަނިކުފާނުގެ ފުތޫޙާތުގެ ބިޔަގަހުގެ އެންމެ "އިފަ" އެކެވެ. ގޮތްޕެކެވެ. އެމަނިކުފާނުގެ ވެރިކަމުގެ ތިރީސް އަހަރުގެ މުއްދަތު ހޭދަކުރެއްވީ މުޅީންވެސް ޖިހާދު ކުރެއްވުމުގައެވެ. އެމަނިކުފާނު އޭޝިޔާއާއި ޔޫރަޕުގައި ކުރެއްވި ކޮންމެ ހަނގުރާމައަކީވެސް ޢުޘްމާނީ ދައުލަތުގެ ވެރިކަމުގެ ދަށަށް އައު ސަރަޙައްދެއް އިތުރުކުރެއްވި ހަނގުރާމައެކެވެ. އެހެންކަމާއެކުވެސް އަޅުގަނޑަށް މި ސިލްސިލާގެ ސުރުޚީ އަޅައިލެވުނުގޮތުގެ ސަބަބުން އަޅުގަނޑަށް މަޖްބޫރުވެފައިވަނީ އަޅުގަނޑުގެ ޢާއިލާއާއި މި ސިލްސިލާ ވިދާޅުވާ ބޭފުޅުން ގޮވައިގެން އިސްތަންބޫލުގައި ދެދުވަހެއް ހޭދަކޮށްލުމަށްފަހު މާލެ އަންނާށެވެ.

ސްޕޭންގެ އިސްލާމީ ދައުރާބެހޭ ދެވާހަކައެއްގެ ތަރުޖަމާ "ވަން އޮންލައިން" ގައި އަޅުގަނޑު ޝާއިޢުކުރަމުން ގެންދިޔަ ދުވަސްވަރު އަޅުގަނޑުގެ ލިޔުންތަކަށް ތަރުޙީބުދެއްވާ ބޭފުޅަކުވަނީ އިސްތަންބޫލު ފަތަޙަ ލިޔެދޭން އެދިވަޑައިގެންފައެވެ. އެވަގުތު އަޅުގަނޑު ވަކި ޖަވާބެއް ނާރުވަމެވެ. އަޅުގަނޑަކަށް އެބޭފުޅަކުގެ ނަންފުޅެއްވެސް ނޭނގެއެވެ. އެބޭފުޅެއްގެ އަރިހުން މިހާރު ހިތްޕުޅު ހަމަޖެހިވަޑައިގެންފިތޯ ސީދާ ސުވާލުކުރެވޭކަށެއް ނެތެވެ. އެހެންކަމާއެކު ދަންނަވަމެވެ. އަޅުގަނޑުގެ މި ލިޔުމުގެ އެއްބަޔަކީ ތަރުޖަމާ ކަމުގައިވިޔަސް އަޅުގަނޑުވަނީ މި މައިގަނޑު ނަމާ ގުޅުންހުރި ހަތަރު ފޮތެއް ކިޔައިގެން އެ ހަތަރު ފޮތުގެ އެސެންސު މި ލިޔުމުގައި ހިމަނައިފައެވެ. އެހެންކަމުން ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާނެކަމުގައި ޔަޤީންކުރަމެވެ.

(ނުނިމޭ)