އަންނަ މަހުން ފެށިގެން ކުނި ނެގުމުގެ ފީ ކަރަންޓު ބިލުގައި ހިމަނަން ނިންމައިފިއެވެ.
އެންވަޔަރުމެންޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާލޭގައި ކުނި މެނޭޖުކުރުމުގެ ހިދުމަތް ފޯރުކޮށްދެމުންދާ ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތަށް ބައެއް ފަރާތްތަކުން ފައިސާ ނުދެއްކުން ކަމަށެވެ.
ވެމްކޯއަށް ފައިސާ ނުދެއްކުމުގެ ސަބަބުން އެ ކުންފުނިން ކުނި އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ކުނި ޕްރޮސެސްކުރުމަށް ބޭނުންކުރާ އިކުއިޕްމެންޓުތައް އެކަށީގެންވާ ވަރަށް މަރާމާތު ނުކުރެވޭ ކަމަށް އެންވަޔަރުމެންޓުން ބުންޏެވެ.
"ވީމާ ވެމްކޯއިން މާލޭ ސަރަހައްދުގައި ދެމުންގެންދާ ކުނި މެނޭޖުކުރުމުގެ ހިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ސްޓެލްކޯގެ ބިލުގައި ހިމަނައިގެން 1 އެޕްރީލް 2023 އިން ފެށިގެން ނެގުމަށް ވެމްކޯއަށް ހުއްދި ދީފައިވާތީ އެކަން އެއްމެހާ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ދެންނެވީމެވެ،" އެންވަޔަރުމެންޓުން ބުންޏެވެ.
ކުނި މެނޭޖުކުރުމަށް ވެމްކޯއަށް ދިމާވާ ގޮންޖެހުންތައް ހައްލުވާނީ ފައިސާ ލިބިގެން ކަމަށާއި މާލޭ ސަރަހައްދުގައި 53،000 އަށް ވުރެ ގިނަ ގޭބީސީން ކުނި ނަގަން ޖެހޭއިރު، ގަވާއިދުން ވެމްކޯއަށް ފައިސާ ދައްކަނީ 20،000 ގޭބީސީއަކުން ކަމަށް އެންވަޔަރުމެންޓުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު