ޚަބަރު

ދަރުމަވަންތަ ހޮސްޕިޓަލްގެ ލެބޯޓަރީގެ ހިދުމަތް މެދުކެނޑިއްޖެ

ދަރުމަވަންތަ ހޮސްޕިޓަލުގެ ލެބޯޓަރީގެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑިއްޖެއެވެ.

އައިޖީއެމްއެޗުން މިއަދު ހެނދުނު ކުރި ޓުވީޓެއްގައި ބުނީ، ލެބޯޓަރީގެ ހިދުމަތް މެދުކެނޑުނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ފެނުގެ ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރެވުނުހާ އަވަހަކަށް ލެބޯޓަރީގެ ހިދުމަތް އަލުން ފަށައި އެކަން އިއުލާނު ކުރާނެ ކަމަށް ބުންޏެވެ.

އައިޖީއެމްއެޗް ތެރޭގައި ހުންނަ ލެބޯޓަރީން ޓެސްޓުތަކަށް ސާމްޕަލް ނެގި ނަމަވެސް، އެ ސާމްޕަލްތައް ޕްރޮސެސް ކުރަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ނުވަވަނަ ފަންގިފިލާގައި ހުންނަ ލެބޯޓަރީންނެވެ.

އައިޖީއެމްއެޗުން ބުނި ގޮތުގައި ލެބޯޓަރީގެ ހިދުމަތް މި ވަގުތު ދެވެން ނެތުމުން، އެ ތަނުގައި މިހާރު އެޑްމިޓްކޮށްފައި ތިބި ބަލިމީހުންގެ ލޭގެ ޓެސްޓުތައް ހަދާނީ ހުޅުމާލޭ ހޮސްޕިޓަލުންނެވެ.