ވަން މީޑިއާ ގުރޫޕުގެ ޑިޖިޓަލް ޓީވީ، "ވަން ޕްލަސް" އިން އަންނަ ރޯދަ މަހު ކުރިއަށްގެންދަން ނިންމާފައިވާ މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ވަން އޮންލައިންގެ ޑެޕިއުޓީ އެޑިޓަރު، އަދި މަދަހަ މުބާރާތުގެ ޕްރޮޑިއުސަރު، އިބްރާހީމް ޒަކީ ވިދާޅުވީ، މި މަދަހަ މުބާރާތަކީ، ބަރަކާތްތެރި ރަމަޟާން މަހުގެ މުނާސަބަތުގައި، ދީނީ ޝުއޫރު ފާޅުކޮށް، މަދަހަ ކިއުމުގެ ޝައުގުވެރިކަން ކުދިންގެ ހިތްތަކުގައި އިތުރުކޮށް ދީނީ ލޯބި ޖެއްސުމުގެ މަގުސަދުގައި ގެނެސްދޭ މުބާރާތެއް ކަމަށެވެ.

މި މުބާރާތް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ ތިން އުމުރު ފުރަޔަކަށެވެ. އެއީ ހަތް އަހަރާއި 10 އަހަރާ ދެމެދުގެ އުމުރުފުރާ އާއި، 11 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރައިގެ އިތުރުން 15 އަހަރާ 17 އަހަރާ ދެމެދުގެ އުމުރުފުރާއެވެ. މިއިން ކޮންމެ އުމުރު ފުރަޔަކުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވައި ޓްރޮފީ އާއި ހަނދާނީ ލިޔުން ދިނުމަށް ވަނީ ނިންމައިފައެވެ. މީގެ އިތުރުން މި މުބާރާތުގައި ހުރިހާ ބައިވެރީންނަށް ވެސް މުބާރާތުގައި ބައިވެރިވިކަމުގެ ހަނދާނީ ލިޔުން ދިނުމަށް ނިންމާފައިވާ ކަމަށް ޒަކީ ވިދާޅުވިއެވެ.

އެ ކުއްޖެއްގެ އުމުރު ބަލާނީ މިމަހުގެ 23 ގެ ނިޔަލަށް އެ ކުއްޖަކަށް ފުރިފައިވާ އުމުރެވެ. މި މުބާރާތަށް އޮންލައިންކޮށް އަމިއްލައަށް ރެކޯޑުކޮށްގެން ވެސް މަދަހަ ފޮނުވޭނެއެވެ. އަދި ވަންގެ ސްޓޫޑިއޯ އިން ރެކޯޑުކުރަން ބޭނުންވާ ކުދިންނަށް ވެސް އެ ފުރުސަތު ލިބިގެންދާނެއެވެ. ކޮންމެ މަދަހައެއްގެ ވީޑިއޯގެ ދިގުމިން ހުންނަންވާނީ ތިން މިނެޓާއި ފަސް މިނެޓާ ދެމެދުގައެވެ. މިއަށްވުރެ ދިގުވެއްޖެ ނަމަ އެ މަދަހައެއް ބަލައެއް ނުގަނެވޭނެއެވެ.

މަދަހަ ރެކޯޑުކޮށް ފޮނުވަން ޖެހޭނީ ލޭންޑްސްކޭޕްކޮށް، ކުއްޖާގެ އުނަގަނޑުން ފެށިގެން މަތި ފެންނަ ގޮތަށެވެ. ރެކޯޑިންގައި އެއްވެސް އިފެކްޓެއް ހުރެގެން ނުވާނެއެވެ. އަދި މަދަހަ ކިޔާއިރު ނަގާ ވީޑިއޯގެ ބެކް ހުންނަން ޖެހޭނީ ޕްލެއިންކޮށެވެ.

މި މުބާރާތަށް ފޮނުވާ މަދަހަ އަކީ އެހެން އެއްވެސް މުބާރާތަކަށް ނުވަތަ ޓީވީ ރޭޑިއޯއަކަށް ފޮނުވާފައިވާ މަދަހައަކަށް ވެގެން ނުވާނެއެވެ. މުޅިން އަލަށް ހަދާފައިވާ މަދަހައެއް ނަމަ އެ މަދަހަ ހެދި މީހާ ނުވަތަ އެ މަދަހައިގެން ކޮޕީރައިޓްސް އޮތް މީހާގެ އިއުތިރާޒެއް ނެތްކަމުގެ ސިޓީއެއް ވަން އޮންލައިންއަށް ހުށަހަޅަން ޖެހޭނެއެވެ.

ރެކޯޑުކޮށް ފޮނުވާ މަދަހައިގެ ވީޑިއޯގައި އެއްވެސް މިޔުޒިކެއް ހުރެގެން ނުވާނެއެވެ. ފޮނުވާ މަދަހައިގެ ރެކޯޑިން ވާން ޖެހޭނީ އަޑު ސާފު ރެކޯޑިންއަކަށެވެ. ބަލައިގަނެވޭނީ ލޭންޑްސްކޭޕް ވީޑިއޯތަކެވެ. އަދި ވީޑިއޯގެ ކޮލިޓީ އެންމެ ކުޑަވެގެން "480 ޕީ"ގައި ހުންނަން ވާނެއެވެ. މަދަހަ ރެކޯޑުކޮށް ވީޑިއޯ ފޮނުވަން ޖެހޭނީ ޓެލެގްރާމް މެދުވެރިކޮށް ވަން އޮންލައިންގެ ހޮޓަލައިން ނަމްބަރު 7943663 އަށެވެ. މުބާރާތުގައި ބައިވެރިވުމަށް މިމަހުގެ 15 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރީން މަދަހަތައް ފޮނުވަން ވާނެއެވެ.

މި މުބާރާތަށް މަދަހަ ފޮނުވާއިރު މަދަހައާއެކު، މުބާރާތުގައި ބައިވެރިވާން އެދި ހުށަހަޅާ ފޯމު ވެސް ފުރިހަމަކުރުމަށްފަހު ފޮނުވަން ވާނެއެވެ. މި ފޯމު 7 މާޗް 2023 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ފެށިގެން ވަން މީޑިއާ ގުރޫޕުން ލިބެން ހުންނާނެއެވެ. ވަން ގެ ހޮޓްލައިން ނަމްބަރު 7943663 އަށް ގުޅުމުން ވެސް މި ފޯމު ލިބޭނެ ގޮތް ހަމަޖައްސައިދެވޭނެއެވެ.

މި މުބާރާތް ކުރިއަށްދާނީ ދެ ބުރަކަށެވެ. މި މުބާރާތުގައި މަދަހަތައް ޖަޖު ކުރާނީ ވަން ޕްލަސް އިން ހުރިހާ މަދަހައެއް ދެއްކުމަށްފަހުގައެވެ.

ފުރަތަމަ ބުރުގައި ހުރިހާ މަދަހައަކަށް ފަނޑިޔާރުންގެ ޕެނަލަކުން މާކްސް ދޭނެއެވެ. އޭގެ އިތުރުން "ވަން އޮންލައިން"ގެ ފޭސްބުކް ޕޭޖުގައި ހުރިހާ މަދަހައެއް ޕްލޭ ކުރެވޭނެއެވެ. އަދި ޖަޖުންގެ 50 ޕަސަންޓް މާކްސް އާއި އާންމުންގެ ވޯޓުގެ 50 ޕަސެންޓާއެކު އެންމެ ރަނގަޅު ދިހަ މަދަހަ ހޮވިގެންދާނެއެވެ. އާންމުންގެ 50 ޕަސެންޓް ވޯޓު ނެގުމުގައި ބަލާނީ އެ ވީޑިއޯއަކަށް ޝެއާ ލިބޭ ނިސްބަތެވެ. އެގޮތުން ކޮންމެ ޕްރައިމަރީ އެކައުންޓަކުން ވެސް ގުނާނީ އެއް ޝެއާއެވެ. ފޭކް އެކައުންޓެއް، ނުވަތަ އެފަދަ އެހެންވެސް ގޮތަކުން ހަގީގަތާ ހިލާފަށް އޮޅުވާލަން މަސައްކަތް ކޮށްފައި ހުރި ކަމަށް ޝައްކު ވެގެން ވަން އިން އޭގެ ތަފްސީލު ބޭނުންވެއްޖެ ނަމަ، އެއީ އަސްލު އެކައުންޓެއްކަން ސާބިތުކޮށްދޭން ޖެހޭނެއެވެ.

ދެވަނަ ބުރުގައި، އެންމެ ރަނގަޅު ދިހަ މަދަހައަށް "ވަން އޮންލައިން"ގެ ފޭސްބުކް ޕޭޖުން ވަކިން ވޯޓަށް ހުޅުވައިލެވޭނެއެވެ. ދެވަނަ ބުރުގައި އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވާނީ ޖަޖުންގެ 50 ޕަސަންޓް މާކްސް އާއި އާންމުންގެ ވޯޓުގެ 50 ޕަސަންޓާއެކުއެވެ. މި ބުރުގައި ވެސް އާންމުންގެ 50 ޕަސެންޓް ވޯޓު ނެގުމުގައި ބަލާނީ އެ ވީޑިއޯއަކަށް ޝެއާ ލިބޭ ނިސްބަތެވެ. އެގޮތުން ކޮންމެ ޕްރައިމަރީ އެކައުންޓަކުން ވެސް ގުނާނީ އެއް ޝެއާއެވެ. ފޭކް އެކައުންޓެއް، ނުވަތަ އެފަދަ އެހެންވެސް ގޮތަކުން ހަގީގަތާ ހިލާފަށް އޮޅުވާލަން މަސައްކަތް ކޮށްފައި ހުރި ކަމަށް ޝައްކު ވެގެން ވަން އިން އޭގެ ތަފްސީލު ބޭނުންވެއްޖެ ނަމަ، އެއީ އަސްލު އެކައުންޓެއްކަން ސާބިތުކޮށްދޭން ޖެހޭނެއެވެ.

މުބާރާތުގެ ދެވަނަ ބުރަކީ މުޅި މުބާރާތުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ކަނޑައެޅިގެންދާނެ ބުރެކެވެ. އެ ވަނަތަކަށް ވަން މީޑިއާ ގްރޫޕުން ދޭ ހާއްސަ އިނާމާއި، ޓްރޮފީގެ އިތުރުން ހަނދާނީ ލިޔުން ދެވޭނެއެވެ.

މުބާރާތަށް ލިބޭ މަދަހަތަކުގެ ތެރެއިން ޝަރުތު ހަމަވާ މަދަހަތައް ވަން ޕްލަސް އިން ދައްކަން ފަށާނީ މި އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.