ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، ޖަރުމަނު ވިލާތުގެ ބާލިންގެ މެސޭ ބާލިންގައި މިހާރު ކުރިޔަށްދާ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑުފެއާ ކަމުގައިވާ، އިންޓަނޭޝަނަލް ޓުއަރިޒަމް ބޯސޭ (އައިޓިބީ) ބާލިން ފެއާއަށް ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސްގެ ދެކަނބަލުން އައިޓީބީ ފެއާއަށް ކުރެއްވި ޒިޔާރަތުގައި، ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތް ކުރައްވައި އެސްޓޭންޑުން ދައްކުވައިދޭ ދިވެހިންގެ މެހެމާންދާރީގެ ކަންކަމާއި ފޯރުކޮށްދޭ ހިދުމަތްތައް ބައްލަވާލެއްވި ކަމަށެވެ.

ރައީސް ދެކަނބަލުން އެތަންތަނަށް ޒިޔާރަތް ކުރެއްވުމުން، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ފަރާތުން ވަނީ، ރައީސް ސޯލިހަށް އެސްޓޭންޑުގެ މޮޑެލްއެއް ވެދުމަށް އަރުވައިފައެވެ.

އައިޓީބީ ބާލިންއަކީ، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއްތަނަކުން ބައްދަލުވެ ވިޔަފާރި ކުރިއެރުވުމަށް ހުޅުވާލާފައިވާ ޕްލެޓްފޯމެކެވެ. މިއަހަރުގެ ފެއާގައި އެމްއެމްޕީއާރްސީ، މިނިސްޓްރީ އޮފް ޓޫރިޒަމް އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 91 ކުންފުންޏަކުން، 233 މީހުން ވަނީ ބައިވެރިވެފައެވެ.

މިއީ 2019 ވަނަ އަހަރަށް ފަހު، އެމްއެމްޕީއާރުސީ އާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބާލިންއަށް ގޮސް މިފެއާގައި ބައިވެރިވި ފުރަތަމަ އަހަރެވެ. ފާއިތުވި ތިން އަހަރު ރާއްޖެއަށް ވިދިވިދިގެން ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑް ލިބުނު ފަހުންވެސް ރާއްޖެއިން އައިޓީބީގައި ބައިވެރިވި މިއީ ފުރަތަމަ ފަހަރެވެ.

ރައީސް ސޯލިހް، އައިޓީބީ ފެއާއަށް ޒިޔާރަތް ކުރެއްވުމަށް ޖަރުމަނަށް ވަޑައިގެންނެވީ ގަތަރުގެ ވެރިރަށް ދޯހާގައި ކުރިޔަށް ދިޔަ، އދ. ގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ފަސް ވަނަ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހުއެވެ.

ރައީސް ސޯލިހު ޖަރުމަނަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ފްރޭންކް ވޯލްޓާ ސްޓައިންމަޔާއާ ބައްދަލު ކުރައްވައި ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރެއްވުމުގެ މަޝްވަރާތައް ކުރިޔަށް ގެންދަވާނެއެވެ. ރައީސްގެ އެ ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.