އެއްބަސްވުމާ ހިލާފަށް، ޝަރުތު ހަމަނުވާ ބަސްތަކެއް ބަލައިގަންނަން ނިންމި މައްސަލައިގައި ރީޖަނަލް އެއާޕޯޓްސްގެ ކުރީގެ ޑިރެކްޓާ ޖެނެރަލް ސާމީ އަގީލަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
އޭސީސީން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ 2019 ވަނަ އަހަރު ރީޖަނަލް އެއާޕޯޓްސްއަށް ބޭނުންވާ ބަސްތަކެއް ސަޕްލައިކުރުމަށް ކުންފުންޏަކާ އެކު ވެފައިވާ އެއްބަސްވުމުގައި ބަސްތަކުގައި ހުންނަންވާނެ ކަމަށް ޝަރުތުކޮށްފައިވާ ކަންކަން ފުރިހަމަވެފައިނުވާ އިރު، އެއްބަސްވުމަށް ރިއާޔަތް ކުރުމެއްނެތި އެ ބަސްތައް ބަލައިގަންނަން ސާމީ އާގިލް އަންގާފައިވާ ކަމަށެވެ.
އެ މައްސަލައިގައި އޭނާގެ މައްޗަށް "ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު"ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި "ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު" ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ހުށަހަޅާފައިވާ ކަމަށް އޭސީސީން ބުންޏެވެ.
ސާމީގެ މައްޗަށް ކޮރަޕްޝަން ތުހުމަތުކުރެވުމުން 2021 ވަނަ އަހަރު އޭނާ ވަނީ ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރުގެ މަގާމުން ސަސްޕެންޑް ކޮށްފައެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ޕީއެސްއަކަށް އޭނާ އައްޔަން ކުރުމަށް މަސައްކަތް ކުރުމުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އެކަމަށް ދެކޮޅު ހެދުމުން، އޭނާ އެ މަގާމަށް އައްޔަން ކޮށްފައެއް ނުވެއެވެ.
ސާމީ އަގީލް ޓްރާންސްޕޯޓް މިނިސްޓްރީގެ ޕީއެސްއަކަށް އައްޔަން ކުރުމާ ދެކޮޅަށް އެ މިނިސްޓްރީގެ މުވައްޒަފުންވެސް ވަނީ ޕެޓިޝަނެއް ހަދައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު