ޚަބަރު

ބޮޑު އަގުގައި ޑޮލަރު ގަންނަން ކުރާ ހަރަދު ޓެކްސް ފައިލް ކުރާއިރު ހިމެނޭނެ: އަމީރު

އިބްރާހިމް ޒަކީ

ރަސްމީ ރޭޓަށްވުރެ ބޮޑު އަގުގައި ޑޮލަރު ގަންނަ ވިޔަފާރިވެރިން، ފައިސާ ހޭދަކޮށްފައިވާކަމުގެ ހެކި ހުރިނަމަ، އެކަމަށް ކުރާ ހަރަދު ޓެކްސް ފައިލްކުރާއިރު ހިމެނުމަށް ހުރަހެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ލިޔުމުން ޖަވާބު ހޯއްދެއްވުމަށް ކުރެއްވި ސުވާލަކަށް ލިޔުމުން ޖަވާބު ދެއްވަމުންނެވެ.

ބޮންޑޭ، މިނިސްޓަރު އަމީރާ ސުވާލުކުރެއްވީ، ޓެކްސް ސަބްމިޝަންގެ ގޮތުގައި މީރާއިން ބަލާ މިންގަނޑަކީ ޑޮލަރަކަށް 15.42 ރުފިޔާގެ ރޭޓު ކަމަށާއި ނަމަވެސް ބްލެކް މާކެޓުގައި ޑޮލަރެއް ލިބެނީ 17 ރުފިޔާ ނުވަތަ އެއަށްވުރެ ބޮޑުކޮށް ކަމަށެވެ.

އެހެންކަމުން ވިޔަފާރިތަކުން އަސްލު ދައްކަންޖެހޭ ވަރަށްވުރެ އިތުރަށް ޕްރޮފިޓް ޓެކްސް ދައްކަން ޖެހި، ގެއްލުންވަމުން އަންނަ ކަމަށާއި އެކަން ހައްލުކުރުމަށް މިނިސްޓްރީން އަޅާ ފިޔަވަޅަކީ ކޮބައިތޯވެސް މެމްބަރު ސުވާލުކުރެއްވިއެވެ.

މި ސުވާލަށް މިނިސްޓަރު ލިޔުމުން ދެއްވި ޖަވާބުގައި ވިދާޅުވީ، ޑޮލަރު ގަތުމުގެ ހަރަދުތައް ލިޔެކިޔުމުން ބަލަހައްޓާފައިވާ ނަމަ، އެ ހަރަދު ޓެކްސް ފައިލްކުރާއިރު ހިމެނުމަށް ހުރަހެއް ނެތް ކަމަށެވެ. އަދި ފޮރިން އެކްސްޗޭންޖް ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް އެމްއެމްއޭ އާއެކު ޑީ ޑޮލަރައިޒޭޝަން ސްޓްރެޓަޖީއެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.