ހއ. ހޯރަފުށީ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެއެވެ.

އެމްޓީސީސީން މިއަދު ބުނީ ހޯރަފުށި މަގު ހެދުމުގެ މަޝްރޫއޫގެ މަސައްކަތުގެ 80 ޕަސެންޓް ނިމިފައިވާ ކަމަށާއި ސަބްގްރޭޑް، ސަބްބޭސް، ތާރު އެޅުމުގެ މަސައްކަތުގެ 94 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ޖުމުލަ އަގަކީ 67.6 މިލިއަން ރުފިޔާއެވެ. އަދި މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.

މި މަޝްރޫއުގެ ދަށުން 5.3 ކިލޯ މީޓަރުގެ 11 މަގެއް ހެދުމާއި 25،909 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުއްވާ ސަރަހައްދު ގާއިމުކުރުމާއި 11،114 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނޭއެވެ.