ޖަރުމަނުގައި ބަލިވެފައި އޮތް ނަތީޖާ އަނބުރާލައި ޗެލްސީން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ޔަގީންކުރި އިރު، ރޭ ކުޅުނު ދެވަނަ ލެގު ބޮޑު ތަފާތަކުން ކާމިޔާބުކޮށް ބެންފިކާއިންވެސް ކުއާޓާއަށް ދަތުރު ކޮށްފިއެވެ.

ޗެލްސީން ރޭ އަމިއްލަ ދަނޑުގައި ޑޯޓުމަންޑް ބަލިކުރީ 2-0 ގެ ނަތީޖާއަކާ އެކުގައެވެ. ފުރަތަމަ ލެގު ޑޯޓުމަންޑުން 1-0 އިން ކާމިޔާބު ކޮށްފައިވާ އޮތް ނަމަވެސް، ޗެލްސީން ވަނީ ރޭ ދެ ގޯލު ޖަހައި އެގްރިގޭޓް 2-1 ގެ ނަތީޖާއަކުން ކުރި ހޯދައިފައެވެ.

ރޭގެ މެޗަށް ޗެލްސީން ނުކުތީ އުނދަގޫ ހާލަތެއްގައި އޮވެގެންނެވެ. ކޯޗު ގްރަހަމް ޕޮޓާ ހުރީ ބޮޑު ޕްރެޝަރެއްގައެވެ. މިއަހަރަށް ބޮޑެތި ޓްރާންސްފާތަކަކާއެކު ނުކުތް ޗެލްސީން އިނގިރޭސި ލީގު ތާވަލުގެ 10 ވަނައިގައި އޮތް އިރު، ރޭގެ މެޗަކީ އެޓީމުން މިއަހަރު ތެރޭ އެއް ގޯލަށްވުރެ އިތުރަށް ގޯލު ޖެހި ހަމައެކަނި މެޗުވެސް މެއެވެ. ރޭ ކޮންމެހެންވެސް ނަތީޖާ ނެރެން ޖެހުނު މެޗެއްގައި ޗެލްސީގެ ފަރާތުން ރަނގަޅު ޑިފެންސިވް ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، އެޓީމުން މެޗަށް ނުކުތީ އަނިޔާގައި ހުރި ތިއާގޯ ސިލްވާ ނުލައެވެ.

ސިލްވާ ނެތްތަން ފޫބެއްދުމަށް ރޭގެ މެޗުގައި ކަލިދޫ ކުލިބާލީއާއި މާކް ކުކުރޭލާ ރަނގަޅު ކުޅުމެއް ދެއްކި އިރު، ޗެލްސީގެ ދެ އަރިމަތިން ބެން ޗިލްވެލްއާއި ރީސް ޖޭމްސް ރޭގެ މެޗުގައި މުހިއްމު ކުޅުމެއް ދެއްކިއެވެ.

މެޗުގެ ފުރަތަމަ ކޮޅުގައި ޑޯޓުމަންޑުން ރަނގަޅަށް ފަށައި، އެމްރޭ ޗޭންގެ ހިލޭ ޖެހުމަކުން ނުރައްކާ ކުރި ނަމަވެސް، އެ ހަމަލާ ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރީޒާބަލާގާ ވަނީ މަތަކޮށްފައެވެ. އަނެއްކޮޅުން ޗެލްސީގެ ކައި ހަވާޓްސް ފޮނުވާލި ހަމަލާ ބޭރަށް ދިޔައީ ދަނޑީގައި ޖެހިފައެވެ.

ޗެލްސީ ލީޑު ނެގީ ހާފު ނިމެން މަދު ވަގުތުކޮޅަކަށްވެފައި ވަނިކޮށެވެ. ޗިލްވެލް ކަނޑާލި ބޯޅައިގައި އޭރިއާ ތެރެއިން ޑޯޓުމަންޑް ޑިފެންސް ނައްޓާލައި ގޯލަށް ބޯޅަ ވައްދާލީ ރަހީމް ސްޓާލިންނެވެ.

ޗެލްސީން ރަނގަޅު ޓެމްޕޯއެއްގައި ފުރަތަމަ ހާފު ނިންމާލައި، ދެވަނަ ހާފަށް ނުކުމެ ކުޅުން އިތުރަށް ރަނގަޅު ކުރިއެވެ. ހަވާޓްސްގެ އިތުރުން ހަމަލާއެއްގެ އިތުރުން ޖާއޯ ފެލިކްސްއަށް ލިބުނު ފުރުސަތެއް ފާހަގަވި އިރު، އެޓީމުން ދެވަނަ ގޯލު ޖެހީ 52 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއްގައެވެ.

ޑޯޓުމަންޑްގެ ޑިފެންޑަރު މާރިއަސް ވުލްފް އަތުގައި އޭރިއާ ތެރެއިން ބޯޅައިން ޖެހުމުން ވީއޭއާރް އެހީ ހޯދައި ރެފްރީ ދިން ޕެނަލްޓީ ހަވާޓްސް ފޮނުވާލި ނަމަވެސް ދަނޑީގައި ޖެހިފައި ނުކުތީ ބޭރަށެވެ. އެ ޕެނަލްޓީ ވީއޭއާރް ރިވިއުކޮށް އަލުން ޖަހަން ރެފްރީ އެންގީ ޕެނަލްޓީ ޖެހި ވަގުތު ޑޯޓުމަންޑްގެ ޑިފެންޑަރުން އޭރިއާ ތެރެއަށް ވަނުމުންނެވެ. އަލުން ޖެހި ޕެނަލްޓީގައި ހަވާޓްސް ޗެލްސީއަށް ނަތީޖާ އަނބުރާލައި ދިނެވެ.

ރޭ ޗެމްޕިއަންސް ލީގު ގަދަ 16 ގައި ބެންފިކާއިން ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި 5-1 އިން ކްލަބު ބްރޫޖް ބަލިކޮށްފައިވާ އިރު، އެޓީމުން ކުއާޓާ ޔަގީންކުރީ އެގްރިގޭޓް 7-1 ގެ ނަތީޖާއަކުންނެވެ.

ރޭފެ މެޗުގައި ބެންފިކާގެ ޕޯޗުގަލް ފޯވަޑް ކޮންސާލޯ ރާމޯސް ދެ ގޯލު ޖެހި އިރު، އަނެއް ގޯލުތައް ޖަހައިދިނީ ރަފާ ސިލްވާއާއި ޖާއޯ މާރިއޯ އަދި ޑޭވިޑް ނެރެސްއެވެ.