"އަންހެނަކަށްވީތީއޭ ކިޔާފަ ވަޑާން ނުކުރެވޭނެޔޭ ބުންޏަސް ގަބޫލެއް ނުކުރަން. ކުރެވޭނެ. މިއީ އަޅުގަނޑު ކުޑައިރު ބައްޕަ ފަރާތު މާމަވެސް ކޮށް އުޅޭ މަސައްކަތެއް. އެހެންވީމަ މި މަސައްކަތް ކުރަން ވަރަށް ބޭނުންވޭ. ދެން އެމްޕީއެލުން އެޕްރެންޓިސްޝިޕަށް ހުޅުވާލިއިރު ކާޕެންޓަރަކަށް ފުރުސަތު އޮތީމަ ބައިވެރިވީ. އެ ފުރުސަތުގެ ބޭނުން ހިފީ."

ލ. ގަމަށް އުފަން އުމުރުން 34 އަހަރުގެ ފާތިމަތު ޝިރުފާ އޭނާގެ މަސައްކަތް ފެށިގޮތް "ވަން" އާ ހިއްސާކުރަމުން ބުންޏެވެ.

މީގެ ކުރިން ގޭގައި ކޭކު އެޅުމާއި ކުދި ކުދި މަސައްކަތްކޮށްގެން އާމްދަނީ ހޯދަމުން އައި ނަމަވެސް ވަޑާން ކުރުމަކީ ޝިރުފާ އަބަދުވެސް އުއްމީދުކުރިކަމެކެވެ. ކައިވެންޏަށް 12 އަހަރުވެފައިވާއިރު، ޝިރުފާ ބުނި ގޮތުގައި އޭނާގެ ފިރިމީހާގެ އެއްބާރުލުން ހުރިހާ ކަމެއްގައިވެސް ލިބެއެވެ. އެގޮތުން އެމްޕީއެލުން ހުޅުވާލި ފުރުސަތުގައި ބައިވެރިވީވެސް ފިރިމީހާގެ ފުލް ސަޕޯޓާއެކު ކަމަށް ބުންޏެވެ.

"ހަސްބެންޑްވެސް ވަރަށް ސަޕޯޓިވް ވާނެ. އަޅުގަނޑު ކުރަން ބޭނުންވެގެން ކުރާ ހުރިހާ ކަމަކަށް ވަރަށް ސަޕޯޓިވް ވާނެ." ޝިރުފާ ބުންޏެވެ.

ޝިރުފާ ބުނީ މީގެ ތިން މަސްދުވަސް ކުރިން އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވިއިރުވެސް އެއްވެސް ވަރަކަށް ޖެހިލުންވާން ނުޖެހޭ ކަމަށާއި އަބަދުވެސް ވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ. މަސައްކަތްކުރާ އެހެންމީހުންގެ އެހީތެރިކަންވެސް ވަރަށް ބޮޑަށް ލިބެމުން އަންނަ ކަމަށެވެ.

"އަސްލު ބުނަންޏާ އަންހެން ކުއްޖަކަށްވީމަ މާ ފަސޭހަ. ވަރަށް ވަރަށް ހެލްޕްފުލް މިތާ އެކުގަ އުޅޭ ކުދިން. ވަރަށް ރަނގަޅު، ނޭނގޭ އެއްޗެއް ބުނެވެސް ދޭނެ. އަޅުގަނޑު އެކަނި އަންހެނަކަށް އުޅުނަސް ދިމާވާ އެއްވެސް ދައްޗެއް ނެތް." އޭނާ ބުންޏެވެ.

ޝިރުފާ މިހާރު އުޅެނީ ފުލްޓައިމް ވަޒީފާގައެވެ. އެޕްރެންޓިސްޝިޕް ޕްރޮގުރާމް ނިމުމުން އެމްޕީއެލުން އޭނާއަށް ވަޒީފާ ހަމަޖައްސައިދިނީ އަންހެނުންނަށް ފަހި ފުރުސަތުތަކެއް އެކުންފުނީގައި ކޮންމެ ދާއިރާއަކުންވެސް އޮތުމުންނެވެ.

ޝިރުފާގެ ރަސްމީ މަސައްކަތްތަކުގެ ތެރޭގައި ކަބަޑު ޖެހުމާއި، ރޭނުމާއި، ސިމެންތި ޖެހުމާއި، ކުލަ ލުމާއި، ދަގަނޑު ގެތުންފަދަ ކަންކަން ހިމެނެއެވެ. މިއިން އެއްވެސް ކަމެއް ކުރާއިރު އަންހެނަކަށްވީތީ ދިމާވާ ގޮންޖެހުމެއްވެސް ނެތް ކަމަށް އޭނާ ބުންޏެވެ.

ޒުވާނުން ވަޒީފާއަށް ނެރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެމްޕީއެލުން ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގުރާމުތަކުގައި ގިނަ އަންހެނުންތަކަކަށް ފުރުސަތު ހުޅުވާލައެވެ. އެގޮތުން ހެވީ ވެހިކަލް އޮޕަރޭޓުކުރުމަށާއި ވަޑާންކުރުމާއި އެހެނިހެން ދާއިރާތަކަށްވެސް އަންހެނުންނަށް އެކުންފުނިން ވަނީ ފުރުސަތުތަކެއް ހުޅުވައިލައިފައެވެ.

މިވަގުތު އަންހެން ކާޕެންޓަރެއްގެ ވަޒީފާގައި ޝިރުފާ އެކަނި އުޅުނު ނަމަވެސް އެމްޕީއެލުން ބުނީ ކުރިއަށް އޮތްތާނގައި މިދާއިރާއިންވެސް ޝިރުފާ ފަދަ އެތައް އަންހެނުންނެއް ފެނިގެންދާނެ ކަމަށެވެ.