ކުޑަކުދިންނާއި މީހުން ގެއްލިގެން ރިޕޯޓު ކުރަމުންދާ މިންވަރު އިތުރުވާ ކަމަށާއި، ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އެއް ކުއްޖަކު 11 ފަހަރު ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އއ. މަތިވެރިން ގެއްލިގެން ހޯދަމުން އަންނަ އެ ރަށު، ރިހިވެލި/ ހަސަން އަލީ (ހަސަންފުޅުބެ) އާއި، އާސިރު އިސްމާއީލް ގެއްލުނު މައްސަލަ ބެލުމަށް މަޖިލީހުގެ 241 ކޮމިޓީއަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ފުލުހުންގެ އިސްބޭފުޅުން ހާޒިރުކޮށްގެން މިއަދު ކުރިއަށްގެންދިޔަ އެ ކޮމިޓީގެ ބައްދަލުވުމުގައި ސީޕީ ހަމީދު ވިދާޅުވީ، ގެއްލިގެން ރިޕޯޓު ކުރުމާ ގުޅިގެން ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ފުލުހުން ހޯދާފައިވާ ކުދިންގެ އަދަދު 31 އަށް އަރާ ކަމަށެވެ.
އެއީ ބޮޑު ކަންބޮޑުވުމެއްކަން ފާހަގަކުރައްވައި ހަމީދު ވިދާޅުވީ، ގިނައިން ރިޕޯޓުކުރަނީ ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުން ގެއްލޭ މައްސަލަތައް ކަމަށެވެ.
އޭނާ ވިދާޅުވީ، 2021 ވަނަ އަހަރާއި މިދިޔަ އަހަރާ ދެމެދު 18 އަހަރު ނުފުރޭ 31 ކުދިން ގެއްލިގެން ހޯދާފައިވާ ކަމަށާއި އެފަދަ 63 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އޭގެ ތެރެއިން ބައެއް ކުދިންނަކީ ތަކުރާރުކޮށް ގެއްލިގެން ހޯދާފައިވާ ކުދިން ކަމަށާއި ދޮށީ އުމުރުގެ މީހުން ގެއްލިގެން ހުށަހެޅި 30 މައްސަލަ ރެޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އަދި އެފަދަ މައްސަލަތަކުގައި ބޮޑަށް ފާހަގަވަނީ އިހުމާލުގެ މައްސަލަތަކެއް ކަމަށް ވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.
ސީޕީ ހަމީދު ވިދާޅުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު މާލެ ސަރަހައްދުގައި މުހައްމަދު އަޒްހާން ގެއްލުނު މައްސަލަ ފެންމަތިވި ފަހުން ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ގޮތަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
އަޒްހާން ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ފެނިފައިވަނީ ހުޅުމާލެއިންނެވެ.
އެއަށްފަހު މީހުން ގެއްލިގެން އަމަލުކުރާނެ އުސޫލު ރިވިއުކޮށް އެކުލަވާލާފައިވާ ކަމަށާއި، މާލެ އާއި އަތޮޅުތެރޭގައި ވެސް އެފަދަ މައްސަލަތަކާ ގުޅިގެން އަމަލުކުރާނެ ހާއްސަ ޕްރޮޓޮކޯލެއް އެކުލަވާލާފައިވާ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު