އަމީނީ މަގުގައި ތާރު އަޅާފައި އޮތް ހިސާބުގައި ރޭ ފެންބޮޑުވީ މަސައްކަތް އެއްކޮށް ނުނިމި އޮތުމުން ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ.

މާލެއަށް ރޭ ވެހުނު ވާރޭގައި އަމީނީ މަގުގައި ތާރު އަޅައިފައި އޮތް ހިސާބުގައި ފެންބޮޑުވުން އާންމުންގެ ފާޑުކިޔުން އާރުޑީސީއަށް އަމާޒުވިއެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން އާރުޑީސީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، އަމީނީ މަގު އެއްކޮށް ނިމުމުން މެދުނުކެނޑި ބޯކޮށް ވާރޭވެހޭ ދުވަހެއްގައި އެ މަގުގައި ފެންބޮޑުވިޔަސް، ވާރޭ ހުއްޓާލާއިރަށް ފެންގަނޑު ވަރަށް އަވަހަށް ހިނދޭނެ ކަމަށެވެ.

"އަމީނީ މަގު ނިމޭއިރު ފެން ހިންދާ ނިޒާމު އެއްކޮށް ފުރިހަމަވެގެން އަންނާނީ. އަދި މުޅި މަގުގެ މަސައްކަތް ނިމޭއިރު ފެން ހިންދާ ނިޒާމު އަޕްގްރޭޑް ކުރެވި އާ ޕަންޕުތައްވެސް ބަހައްޓާނެ،" އޮފިޝަލް ވިދާޅުވިއެވެ.

ޕްލޭނިން މިނިސްޓްރީން އަމީނީ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 3 ޖުލައި 2022ގަ އެވެ. އެއީ 210 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް 84.4 މިލިއަން ރުފިޔާއަށެވެ. އަމަލީ މަސައްކަތް ފެށީ އެ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ.

މި މަސައްކަތް ހަތް މަސް ދުވަސް ތެރޭގައި ނިންމަން އެއްބަސްވި ނަމަވެސް، މަސައްކަތް ނުނިންމުނެވެ. އެހެންވެ ޕްލޭނިން މިނިސްޓްރީން މިހާރު ވަނީ މަސައްކަތް ނިންމަން ދީފައިވާ މުއްދަތު ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހަށެވެ.