Close
ޚަބަރު

މައިނާ ހޮޓެލްސް އިން ފަރެހުގައި ހަދާ ރިސޯޓް އަންނަ މަހު ހުޅުވަނީ

ތައިލެންޑުގެ މައިނާ ހޮޓެލްސް އިން ބ. ފަރެހުގައި ހަދާ މަތީ ފެންވަރުގެ ރިސޯޓް އަންނަ މަހު ހުޅުވަން ނިންމައިފިއެވެ.

ހަތްދިހަ މިލިއަން ޑޮލަރު (ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ) ހަރަދުކޮށްގެން އެ ރިސޯޓެއް ހެދުމުގެ މަސައްކަތް ފެށީ 2011 ވަނަ އަހަރެވެ. އޭރު ރާވާފައި އޮތީ 2019 ވަނަ ރިސޯޓު ހުޅުވުމަށެވެ.

"އަވާނީ ފަރެސް މޯލްޑިވްސް ރިސޯޓް"ގެ ނަމުގައި ތަރައްގީކޮށްފައިވާ އެ ރިސޯޓަކީ ރާއްޖޭގައި މިހާރުވެސް ހަ ރިސޯޓްތަކެއް ހިންގާ މައިނާ ހޮޓެލްސްގެ އަވާނީ ބްރޭންޑުގެ ދަށުން ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީޕްލޭނެއްގައި ފުރައިގެން 35 މިނެޓުން ދެވޭ ދުރުމިނުގައި އޮންނަ މި ރިސޯޓުގައި ސްޓޫޑިއޯސް, ބީޗް ވިލާސް އަދި މޫދު ކޮޓަރިތައް ހިމެނޭ ގޮތުން 176 ކޮޓަރި ހުންނާނެއެވެ.

އޭގެ އިތުރުން އަވާނީ ފިޓްސްގެ ޖިމަކާއި އަވާނީ ސްޕާ އާއި އަވާނީ ކިޑްސް ކްލަބެއް ހުންނާނެއެވެ. އަދި ބޮޑު ސްވިމިން ޕޫލަކާއި ޕޫލް ބާއެއްވެސް ހަދާފަައި ހުރެއެވެ.

މައިނާ ހޮޓެލްސްގެ ދަށުން ހިންގާ އަނަންތާރާގެ ދަށުން މިހާރުވެސް ފަސް ރިސޯޓެއް ހިންގައެވެ. އެއީ ދިގުރަށް ރިސޯޓް, ކިހަވަށް ވިލާސް, ނަލަދު ޕްރައިވެޓް އައިލެންޑް, ވެލި ރިސޯޓް އަދި ނިޔަމަ ޕްރައިވެޓް އައިލެންޑެވެ.