މަސްތުވާ ތަކެއްޗާއި ގޭންގުތައް ހިންގުމުގެ ކުށުގައި ބައިވެރިވާ ފަރާތްތަކަށް އެއްވެސް ލުޔެއް ނުލިބޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.
ޑްރަގް ޓްރެފިކް ކުރުމުގެ ކުށުގައި ދިގު މުއްދަތަށް ޖަލަށް ހުކުމްކޮށްފައި ތިބި ގިނަ މީހުން މުއްދަތަށްވުރެން މާލުއިކޮށް ޖަލުން މިނިވަންކޮށްފައިވާ ކަމަށާއި، އެކަން ހިނގާފައިވަނީ މިނިސްޓަރުގެ ބައިވެރިވުމާ އެނގުމުގެ ތެއިން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިމަރަފުށީ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، "މަސްތުވާ ތަކެއްޗާއި ގޭންގުތައް ހިންގުމުގެ ކުށުގައި ބައިވެރިވާ ފަރާތްތަކަށް އަޅުގަނޑުގެ ފަރާތުން އެއްވެސް ލުޔެއް ނުލިބޭނެ،" ކަމަށެވެ.
"ރާއްޖޭގައި ހާއްސަކޮށް މަސްތުވާތަކެއްޗާއި ގޭންގުތައް ހިންގުމުގެ ކުށުގައި ބައިވެރިވާ ފަރާތްތަކަށް ލިބެން ޖެހޭ އަދަބަށް އަޅުގަނޑުމެންގެ ފަރާތުން އެއްވެސް ލުޔެއް ލިބޭނެގޮތެއް އިރާދަ ކުރެއްވިއްޔާ މެދުވެރިއެއް ނުވާނެ، އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ގޭންގުތަކާއި ޑްރަގް ޓްރެފިކިންގެ މައްސަލަ ތަކަކީ އެކަމާ އަޅައިނުލައި ދޫކޮށްލާނެ ކަމެއްނޫން ކަމަށެވެ.
"އޭގެ ތެރޭގައި ޝާމިލުވާ އެއްވެސް ފަރާތެއްގެ ކުރިމަތީގައި އަޅުގަނޑު، އިރާދަ ކުރެއްވިއްޔާ ތިރިއެއް ނުވާނެ، މިކަމުގެ ޔަގީންކަން ތި ހުރިހާ މެންބަރުންނަށް ވަރަށް ޔަގީންކަމާއެކު އަރުވަން،"
މިނިސްޓަރު ވިދާޅުވީ، މި މައްސަލަތައް ހައްލު ކުރުމަށް ފުލުންނާ އެކީގައި ވަރަށްގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، އޭގެ ދަށުން މިފަހުން ހިންގާފައިވާ ބޮޑެތި މައްސަލަތަކެއްވެސް އިތުރަށް ބަލައި ދިރާސާ ކުރަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު