ސުނެޕްޗެޓަކީ އެ ބޭނުން ކުރާ މީހުން ގަބޫލުކުރާ ގޮތުގައި ސްކުރީންޝޮޓެއް ނެގިޔަސް ނުވަތަ ސްރުކީން ރެކޯޑް ކުރިޔަސް އެކަން އަންގައިދޭ އެޕްލިކޭޝަނެކެވެ. އެހެންކަމުން ޒުވާނުންނާއި ގިނަ ދިވެހިން ބިރެއްނެތި، ލަދެއްނެތި މި ސޯޝަލް މީޑިއާ އެޕްލިކޭޝަންގެ ޖެހުނުހާ އެއްޗެއް އަންނަނީ ފޮނުވަމުންނެވެ. އެ މީހުން ފޮނުވާ ފޮޓޯ އަދި ވީޑިއޯ ރެކޯޑް ކޮށްފިނަމަ އެކަން އެނގޭނެ ކަމަަށް ދެކިގެންނެވެ. ދުވަސްކޮޅެއް ކުރިން ދިވެހި ފަންނާނުންނާއި މަޝަހޫރު އެތައް ބައެއްގެ ހުތުރު މަންޒަރުތައް ލީކުވެ އެފަރާތްތަކުގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސަސްއިން ބަލާ ހިސާބަށް ދިޔައީވެސް މިބުނާ ސްނެޕްޗެޓްގެ ތެރެއިން އެފަދަ މަންޒަރުތައް ލީކްވެގެންނެވެ.
މީ އަދި ކުޑަ މިންވަރެކެވެ. ސުނެޕްޗެޓް މަޝަހޫރުވެގެން ދިޔައީ މަތީގައި ބުނި ރައްކާތެރިކަން ހުރިކަމަށް ދެކި ކުރަން ނުޖެހޭ މިންވަރަށް އިތުބާރު ކުރެވިގެންނެވެ. ޓެކްނޮލޮޖީގެ މިފަދަ ޒަމާނެއްގައި ކޮންމެ ފަދަ ލަނޑެއްވެސް ލިބިދާނެކަން އިންޓަނެޓް ބޭންކިންގެ ތެރެއިން މީހުންނަށް ލިބޭ ބޮޑެތި ގެއްލުންތަކުން ސާފުވާނެއެވެ. އެއީ އުމުރު ދުވަހު ރައްކާކުރި ފައިސާކޮޅު އެހެން އެކައުންޓަކަށް ޓުރާސްފާކޮށްލާ މަންޒަރު ފެންނާތީއެވެ. އޭގެ ފަހަތަށް މި ވެއްޓެނީ މީހާގެ އަމިއްލަ ނަފުސާއި ކަރާމާތެވެ. އިތުބާރު ކޮށްގެން، ޖެހުނުހާ މަންޒަރެއް ޖެހުނުހާ މީހަކަށް ފޮނުވަމުންދާ ދިވެހިން ވިސްނައިނުލައި އޮތްކަމަކީ މީ ކިހާވަރެއްގެ ގޯސް އަމަލެއްކަމެވެ. ދިވެހީންނަކީ ސައްތައިން ސައްތަ މުސްލިމުންނަށްވާއިރު ރައްޓެހިވެގެން އުޅޭ މީހާއަށާއި އެ ނޫންވެސް މީހުންނަށް ބަރަހަނާ ވީޑިއޯއާއި ފޮޓޯ ފޮނުވުމުގެ ކުރިން ހަމަ އެއްވެސްވަރަކަށް ވިސްނައިލުމެއް ނެތެވެ.
ސުނެޕްޗެޓް ފަރުމާ ކޮށްފައިވާ ގޮތުން ފޮނުވާ ފޮޓޯ އަދި ވީޑިއޯ އެއްފަހަރު ބެލުމުން އެ ފޮޓޯ އަދި ވީޑިއޯ ފުހެވޭނެއެވެ. ނުވަތަ ދެވަނަ ފަހަރަކަށް ނުފެންނާނެއެވެ. މިހާރުގެ ސުނެޕްޗެޓަކީ މޯބައިލްގެ އިތުރުން ވެބްސައިޓްގައިވެސް ބޭނުންކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ އެޕްލިކޭޝަނެކެވެ. އެހެން ކަމުން ސްނެޕްޗެޓް ވެގެން ގޮސްފައިވަނީ ދިވެހިން މިހާރު އެންމެ ގިނައިން ބޭނުން ކުރާ އެއް ސޯޝަލްމީޑިއާ އެޕްލިކޭޝަނަށެވެ. ނަމަވެސް ގިނަ ބަޔަކަށް މި އެޕްލިކޭޝަން ދަސްވެފައި ވަނީ ޖެހުނުހާ ހުތުރު މަންޒަރެއް ފޮނުވޭނެ އެޕްލިކޭޝަނެއްގެ ގޮތުގައެވެ. ބައެއް ޒުވާނުން މި އެޕްލިކޭޝަންގެ ބޭނުން ހިފަމުންދަނީ އެމީހުން ހިތަށްއެރި ކޮންމެ މަންޒަރަކާއި ފޮޓޯއެއް ފޮނުވާ އެއްޗެއްގެ ގޮތުގައެވެ.
ސުނެޕްޗެޓް މިހާރު ވެފައި ވަނީ މިހާރު ބައެއް މީހުން އެމީހުންގެ އަސްލު އޮޅުވައިލައިގެން ތިބެ ބަރަހަނާ މަންޒަރުތަކާއި ފޮޓޯ ފޮނުވައިގެން ފައިސާ ހޯދާ ވަސީލަތަކަށެވެ. ކޮފީ މޭޒުތަކުގައި އެފަދަ އެތައް ވާހަކަތަކެއް އަޑުއިވެއެވެ. އެހެން ނަމަވެސް ހިތާމައަކީ ބައެއްފަހަރު އަސްލު އޮޅުވާލައިގެން ފޮޓޯ އަދި ވީޑިއޯ ފޮނުވާ މީހާ އެ ފޮނުވާ މަންޒަރާއި ފޮޓޯގައި ގިނަފަހަރަށް ބޭނުން ކުރަނީވެސް ހަމަ މި ދިވެހިން ދަންނަ ނުވަތަ ދިވެހިރައްޔިތުންގެ ބަރަހަނާ ވީޑިއޯ އާއި މަންޒަރުކަމަށް ވުމެވެ. ސުނެޕްޗެޓުން ފޮނުވާ ވީޑިއޯ އަދި ފޮޓޯ ފެނިގެއްލޭ ކަމަށް ދެކި އެ މަންޒަރުތަކާއި ވީޑިއޯތައް ރެކޯޑް ކޮށްފި ނަމަ އެކަންވެސް އެނގޭނެ ކަމަށް ދެކިގެން އަމިއްލައަށް ބަރަހަނާ ވަމުންދާއިރު ސިއްރުން އެ ވީޑިއޯ އަދި ފޮޓޯ ރެކޯޑް ކުރާކަން އެނގެނީ މަދު ބަޔަކަށެވެ.
މޯބައިލް ފޯނުތައް ހިންގާ އެންޑުރޮއިޑް އޯއެސް ފޯނު ތަކުގައި ބައެއް ސްކުރީން ރެކޯޑަތައް ބޭނުންކޮށްގެން ސުނެޕްޗެޓުން ފޮނުވާ އެއްޗެހި ރެކޯޑްކުރިޔަސް އެ ފޮނުވާ މީހާއަށް ރޭކައެއް ނުލައެވެ. އައިފޯނުތަކުގައި މިކަން ކުރަން އުނދަގޫ ވުމުން އިތުރު ފޯނަކުން ނުވަތަ އެހެން ކެމެރާ އަކުން ފޯނުގެ މަންޒަރު ފޮޓޯ ނަގާ ފަހަރުވެސް ވަކި މަދެއް ނޫނެވެ. އޭރުންވެސް އެ ފޮނުވި މީހާއަކަށް އެކަމެއް ނޭނގެއެވެ.
މީގެން އެއްވެސް ކަމަަކަށް ސަމާލުކަން ނުދެވި ރައްޓެހިވެގެން އުޅޭ ކުއްޖާއަށް ނުވަތަ އެހެންވެސް މީހުނަށް އަމިއްލަ މީހާ ބަރަހަނާވެ ފޮނުވާ ފޮޓޯ އާއި ވީޑިއޯ އެކިއެކި ގުރޫޕްތަކުގައި ދައުރުވާ މަންޒަރު މިހާރު ވަނީ ގިނަވެފައެވެ. އެކަން ވަނީ ހައްދުންނެއްޓިފައެވެ. ސުނެޕްޗެޓަކީ ހަމައެކަނި ބަރަހަނާ ޗެޓްކުރަން ބޭނުން ކުރާ އެޕްލިކޭޝަނެއް ކަމަށް ދެކޭ މީހުންވެސް ވަނީ ގިނަވެފައެވެ.
ހަށިވިއްކާ ބައެއް މީހުން ވިޔަފާރީގެ އުސޫލުން އެމީހުންގެ އަސްލު އޮޅުވާލައިގެން ނުވަތަ އެކިއެކި ފިލްޓަރުތައް ލައިގެން ތިބެ ސުނެޕްޗެޓްގެ ތެރެއިން އެ ވިޔަފާރިވެސް ދަނީ ފުޅާ ކުރަމުންނެވެ. މީ މިއަދު އެންމެން ދަންނަ ބޮޑެތި ސިއްރުތަކެވެ. އެހެން ނަމަވެސް މި ވާހަކަ ދައްކަން ޖެހޭ ހިސާބަށް ގޮސްފިކަމަށް ގަބޫލު ކުރާ މީހުން ވަރަށްވެސް މަދެވެ. ޓެކްނޮލޮޖީއާ ގުޅިގެން އާންމު ވަމުންދާ މިފަދަ އެތައް މައްސަލަތަކެއް ހައްލުވާނީ މީހުން މިކަމަށް ހޭލުންތެރިކުރުވި ވަރަކުންނެވެ. އެހެން ނޫންނަމަ ހަލާކު ވެގެންދާ މިޖީލުގެ ދަރިންތަކުގެ ތެރޭގައި ހިމެނޭނީ އަހަރެމެންގެ ދަރިންނާއި އެދަރިންގެ ދަރީންނެވެ.