ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެ ރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްގެން ހިންގެވި ހިޔާނާތުގެ މައްސަލަތަކުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުުދުލްގައްޔޫމަށް ހުކުމް އިއްވެވި، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ފަރާތުން ހުށަހަޅައިފިއެެވެ.
އެ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ، ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.
އެ މައްސަަލަ ކޮމިޓީއަށް ހުށަހެޅުއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވައި މެންބަރު ޝަރީފް ފޮނުއްވި ސިޓީގައި ވަނީ ޔާމީނަށް ހުކުމް ކުރުމުގައި ކޮރަޕްޝަންގެ ކަންކަން ހިމެނޭ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.
ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނިކޮށް، އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް ކުރި އިސް ގާޒީ އަހުމަދު ޝަކީލް ހައި ކޯޓުގެ މަގާމަކަށް ކުރިއެރުން ދިނުމަކީ ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ މައްސަލައަށް އިންސާފު ލިބުމަށް ހުރަސް އަޅައި، އެ މައްސަލައަށް ސަރުކާރުގެ ނުފޫޒު ސިއްރާއި ފާޅުގައި ފޯރުވައި، ސަރުކާރު ބޭނުންވާ ގޮތަކަށް ހުކުމްކުރުމަށް ހިންގާފައިވާ ކަމެއް ކަމަށްވެސް އެ ސިޓީގައި ޝަރީފް ވިދާޅުވެފައިވެއެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހައިކޯޓުގެ ފަނޑިޔާރުކަމަށް ޝަކީލް އައްޔަންކުރަން އެ ކޮމިޝަންގެ އިއްޔެގެ ބައްދަލުވުމުގައި ނިންމީ "ފަނޑިޔާރުން އައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ" އޭނާއާ އިންޓަވިއުކުރުމަށްފަހު، އެ މަގާމަށް އައްޔަންކުރަން ކޮމިޝަނަށް ލަފާއެރުވުމުން ކަމަށެވެ.
ފަނޑިޔާރުކަމަށް 23 މާޗު 2003 ގައި އައްޔަންކުރެއްވި، ޝަކީލަކީ ގާނޫނީ ދާއިރާއިން ވިލާ ކޮލެޖުން ބެޗެލާ އޮފް ޝަރީއާ އަދި މާސްޓާ އޮފް ޝަރީއާ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. 19 އަހަރު ފަނޑިޔާރުކަން ކުރައްވާފައިވާ އިރު، އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓާއި ޖުވެނައިލް ކޯޓާއި ފެމެލީ ކޯޓު އަދި ކްރިމިނަލް ކޯޓުގައި ޝަކީލް މަސައްކަތްކުރެއްވިއެވެ.