މާލީ ގޮތުން ރާއްްޖެ ބަނގުރޫޓު ނުވާ ކަމަށާއި ޕްލޭނާ އެއްގޮތަށް މިއަހަރުގެ ބަޖެޓް ތަންފީޒު ކުރެވޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިިމް އަމީރު ވިދާޅުވެއްޖެއެއެވެ.
މިނިސްޓަރު އަމީރު މިހެން ވިދާޅުވީ، ރާއްޖެ ބަނގުރޫޓު ވެއްޖެކަން އިއުލާންކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެންބަރުންގެ ހޫނު ބަހުސްތައް ކުރެވެމުންދާއިރު، ރާއްޖެ ބަނގުރޫޓު ވެއްޖެކަން އިއުލާންކޮށްފިނަމަ، ރާއްޖެއަށް އޮތް ނުރައްކަލަކީ ކޮބައިތޯއާއި އެކަމާ ގުޅިގެން ނިކުންނާނެ އާންމު ނަތީޖާއަކީ ކޮބައިތޯ އޮޅުން ފިލުވުމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ރާއްޖޭގެ ދަރަނި ރީސްޓްރަކްޗާ ކުރަން ގޮވާލައި ސަރުކާރާ ދެކޮޅު، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން މަޖިލީހަށް ހުށަހެޅި ގަރާރުގައި ކަނޑައަޅާފައިވާ ގޮތަށް، ސަރުކާރުން ކަންތައްތައް ކުރަން ގޮވާލައި، ހަމަ އެ ފެކްޝަނުން، މަޖިލީހުގެ ނާއިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވަނީ އިތުރު ގަރާރެއް ހުށަހަޅުއްވައިފައެވެ. އެ ގަރާރުގެ ބަހުސްގެ ތެރެއިން، ރާއްޖެ ބަނގުރޫޓުވެފައިވާކަމަށް އެ މެންބަރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވައެވެ. އަދި ދަރަނި ރީސްޓްރަކްޗާ ކުރުމަކީވެސް ގައުމު މިއޮތީ ބަނގުރޫޓުވެފައޭ ބުނުން ކަމަށްވެސް ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ.
އެކަމާ ބެހޭގޮތުން މެންބަރުން ކުރެއްވި ސުވާލާ ގުޅިގެން މިނިސްޓަރު އަމީރު ވިދާޅުވީ، ސަރުކާރުން ކުރިން ނަގާފައިވާ ދަރަނި ރާއްޖެއަށާއި، ރާއްޖޭގެ އިގްތިސޯދަށް އެންމެ ރަނގަޅުވާގޮތަށް ދައްކަމުން އަންނަ ކަމަށެވެ. އަދި ދުނިޔޭގެ މާކެޓް ގަބޫލުކުރާގޮތަށް މިހާރުވެސް ދަރަނި ރީސްޓްރަކްޗާ ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން "އިތުރު ގޮތަކަށް ރީ ސްޓްރަކްޗާ ކުރުމުގެ ވިސްނުމެއް އަޅުގަނޑުގެ ނެތް،" ކަމަށްވެސް ވިދާޅުވިއެވެ.
މި ސަރުކާރުން ދަރަންޏަށް ފައިސާ ނަގާ މިންވަރު އިތުރުކަމަށް ބުނެ، ބައެއް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ކޮވިޑާ ގުޅިގެން ދަރަންޏަށް ފައިސާ ނަގަން ޖެހުނު ކަމަށެވެ. ނަމަވެސް އެއީ ގައުމުގެ އިގްތިސާދު ސަލާމަތްކުރަން އަޅަން ޖެހުނު ފިޔަވަޅެއްކަމަށްވެސް ވިދާޅުވިއެވެ.
"އޭގެ ނަތީޖާ ފެންނަމުން މިދަނީ، ޕްރޮޖެކްޓްތައް ހިނގަމުން އެބަދޭ، ގައުމުގެ އިގްތިސާދު ރައްކާތެރިކޮށް ސަލާމަތްކުރެވިފައި މިވަނީ، މި ހަތަރު އަހަރުތެރޭ ލޯނުގެ ގޮތުގައިވެސް ހިލޭ އެހީގެގޮތުގައިވެސް ނަގައިގެން މަސައްކަތްތަކެއް ކުރީމަ،"
ޚަބަރު
ޚަބަރު
ޚަބަރު