ޖުމްހޫރީ ޕާޓީން މާދަމާ ބާއްވާ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމާމެދު ގޮތެއް ނިންމުމަށް އެޖެންޑާގައި ހިމަނާފައިނުވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.
ޖުމްހޫރީ ޕާޓީން މިދިޔަ މަހު ބޭއްވި އެ ޕާޓީގެ ގައުމީ ކޮންފަރެންސްގައި ފާސްކޮށްފައި ވަނީ އިންތިހާބުގައި ވާދަކުރުމަށް، ކައުންސިލަށް ލަފާ ދިނުމަށެވެ. ރިޔާސީ އިންތިހާބާ މެދު އެ ޕާޓީން އަމަލު ކުރާނެ ގޮތެއް ނިންމާނީ ގައުމީ ޖަލްސާގައި އިންތިހާބު ކުރާ އާ ކައުންސިލުންނެވެ.
ގައުމީ މަޖިލީހުން އެގޮތަށް ފާސްކުރި ފަހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގެ މާބޮޑު ތަފުސީލެއް މިހާތަނަށް ހާމަކޮށްފައިނުވިޔަސް އެ ބައްދަލުވުމަށްފަހު ރައީސް ސޯލިހު، ތ. ހިރިލަންދުއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ވިދާޅުވެފައިވަނީ ކޯލިޝަން މަޝްވަރާއިން ރަނގަޅު ގޮތްތަކެއް ހޯދޭނެ ކަމަށެވެ.
އާ ކައުންސިލުގެ ފުރަތަމަ ބައްދަލުވުން މާދަމާ މެންދުރު 2:00 ގައި ކުނޫޒުގައި ބޭއްވުމަށް ވަނީ ޖުމްހޫރީ ޕާޓީން ނިންމައިފައެވެ.
ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު "ވަން" އަށް މިރޭ ވިދާޅުވީ އެ ބައްދަލުވުމުގައި ކޯލިޝަން ހެދުމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް އެޖެންޑާގައި ހިމަނާފައިނުވާ ކަމަށެވެ.
"އެޖެންޑާގައި ހިމަނާފައެއް ނުވާނެ، ހިމަނާފައިވާ ކަންކަން ކުރިއަށްދާނީމ" އަލީ ސޯލިހު ވިދާޅުވިއެވެ.
މާދަމާ ބާއްވާ ކައުންސިލް ބައްދަލުވުމުގެ އެޖެންޑާގައި ހިމަނާފައިވަނީ އެ ޕާޓީގެ މެމްބާޝިޕް ކޮމިޓީ އަދި އިސްތިއުނާފު ކޮމިޓީގެ އިންތިހާބުތަކަށް ހުޅުވާލުމާމެދު ގޮތެއް ނިންމުމާއި އެ ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ މަގާމުތަކަށް މީހުން އައްޔަން ކުރުމާ މެދު ގޮތެއް ނިންމުމަށެވެ. އެ ކައުންސިލް ބައްދަލުވުން ކުރިއަށް ގެންދަން ނިންމާފައިވަނީ ސިއްރު ކޮށްގެންނެވެ.
ޖުމްހޫރީން ޕާޓީން ކުނޫޒުގައި މިދިޔަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހު ބޭއްވި "ތައްޔާރު ޖަލްސާގައި" ގާސިމް ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށާއި ސިޔާސީ ޕާޓީއެއްގެ މަގުސަދަކީ ރިޔާސީ އިންތިހާބުގައި ވާދަކޮށް އެ އިންތިހާބު ކާމިޔާބުކުރުން ކަމަށެވެ.
ގާސިމް ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ފަރާތެއް ކަނޑައަޅާނީ ކައުންސިލުން ކަމަށެވެ. ކެންޑިޑޭޓަކު ކަނޑައަޅާނީ ޕްރައިމަރީއަކަށް ގޮސްކަން ނުވަތަ ނޫންކަން ވެސް ކަނޑައަޅާނީ ޕާޓީގެ ކައުންސިލުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު