އަނެއްކާވެސް ގްރެފިޓީތައް ފުހެ، މާލޭގެ ފާރުތައް ސާފުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

ސިޓީ ކައުންސިލުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ސިޓީ ކައުންސިލުން ފާރުތައް ސާފު ކުރުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން ކުރިއަށްގެންދާ ކަމަށެވެ.

"މާލެ ސިޓީ ކައުންސިލާއި ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުގެ ފާރުތަކުގައި އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ހުރި ކުރެހުންތަކާއި ލިޔުންތައް، ފޮހެލުމުގެ މަސައްކަތް ދަނީ ކުރެވެމުން،" ސިޓީ ކައުންސިލުން ބުންޏެވެ.

ގްރެފިޓީތައް ފުހުމުގެ މަސައްކަތް ސިޓީ ކައުންސިލުގެ މުވައްޒަފުން ކުރަމުން އަންނަ އިރު، ފުލުހުން ތިބެނީ އެ ސަރަހައްދުގެ އަމާން ބެލެހެއްޓުމަށެވެ.

ސިޓީ ކައުންސިލުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުވެސް ވަނީ ގްރެފިޓީތައް ފުހުމުގެ މަސައްކަތްކޮށްފައެވެ. އެ ފަހަރު ސިޓީ ކައުންސިލުން ގްރެފިޓީތައް ފުހެ، ސާފުކޮށްފައި ވަނިކޮށް އެތަންތަނުގައި އަނެއްކާވެސް ވަނީ ގްރެފިޓީތައް ކުރަހަން ފަށައިފިއެވެ.

މާލޭގެ އެކި ސަރަހައްދުތަކުގެ ފާރުތަކުގައި ގޭންގުތަކުގެ ނަމާއެކު އެކަމަށް ހިތްވަރުދޭ އެކިއެކި ގްރެފިޓީތައް ކުރެހުމަކީ އާންމު ކަމެކެވެ. ނަމަވެސް އެކަން ހުއްޓުވުމަށް އެދެވޭ ފިޔަވަޅެއް އެޅިފައެއް ނުވެއެވެ.