Close
ޚަބަރު

ތަންފީޒު ކުރާ ކޮންމެ ސިޔާސަތެއްގައި، މުޅި ރައްޔިތުން ބައިވެރިކުރުވުން އަމާޒަކަށް ވާންވާނެ: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

ކުރާ ކޮންމެ މަސައްކަތެއްގައި، ހިންގާ ކޮންމެ ހަރަކާތެއްގައި، ތަންފީޒު ކުރެވޭ ކޮންމެ ސިޔާސަތެއްގައި، ރާއްޖޭގެ ހުރިހާ ރައްޔިތުން ބައިވެރިކުރުމަކީ އަޅުގަނޑުމެން އެންމެންގެ ވެސް އަމާޒަކަށް ވާންވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި، އިޝާރާތް ބަސް ދަސްކޮށްދިނުމުގެ މަސައްކަތު ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތު ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަ މިއަދު ދައްކަވަމުންނެވެ.

ރާއްޖޭގެ ރައްޔިތުންގެ ތެރެއިން 10 ވަރަކަށް ޕަސެންޓް ރައްޔިތުންނަކީ ނުކުޅެދުންތެރިކަން ހުރި ރައްޔިތުންކަން ފާހަގަ ކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ، ކުރާ މަސައްކަތެއް އިތުބާރާ އެކީގައި ހީވާގިކަމާއެކީގައި ކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށެވެ.

މަޖިލީހުގެ ޖަލްސާތައް އިޝާރާތު ބަހުރުވައިން ލައިވްކޮށް މިހާރު ގެނެސްދެއްވަނީ، މަރިޔަމް ފަޒްނީ އެކަނިކަން ފާހަގަ ކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ، މި ޕްރޮގްރާމަކީ އެކަމަށް އިތުރު މީހުން ތަމްރީނު ކުރުމަށް ފައްޓަވާ ޕްރޮގްރާމެއް ކަމަށެވެ.

"މަރިޔަމް ފަޒްނީ އަޅުގަނޑުމެނަށް އިންޓަޕްރީޓް ކުރަމުން ގެންގޮސް ދެއްވައިފި އަހަރެއްހާ ދުވަހު އެބޭފުޅާ އެކަނި، މަޖިލިސް އޮންނަ ކޮންމެ ދުވަހަކު މަޖިލިސް އޮންނަ ކޮންމެ ގަޑިއެއްގައި އެކަން އެބަ ކުރައްވަމުން ގެންދަވާ، ދެން ބައެއް ބޭފުޅުން އައްސަވާ އަޅުގަނޑުވެސް މަޖިލިސް ރިޔާސަތުގައި މި އިންނަނީ 11 ޖަހަންދެނޭ އެއަށްފަހު އެހެން މީހުންނަށް ރިޔާސަތުވެސް އެބަ ބަދަލު ކުރެޔޭ،"

މަޖިލިސް ރައީސް ވިދާޅުވީ، މަޖިލީހުގެ ތަޅުން ބަލަހައްޓަމުން ގެންދިއުމާއި، ތަޅުމުގައި ހިނގަމުން އަންނަ ކަންތައްތައް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަބަދު ފޯރުކޮށްދެމުން ގެންދިއުމަކީ ފަސޭހަ މަސައްކަތެއްނޫން ކަމަށެވެ.

"އެހެންވީމަ މަރިޔަމް އަށްވެސް އަޅުގަނޑުމެން އެބަ ލުއިކޮށްދޭން ޖެހޭ، އަދި އޭގެ އިތުރުން ސައިން ލޭންގުއޭޖުން ވާހަކަ ދައްކާނެ ގިނަ ބަޔަކު ތަމްރީނު ކުރުމަކީ ބޭނުންތެރިކަމެއް،"