ހުޅުމާލޭގެ "ޖޫސް ޓައިމް" ކެފޭއަށް ވަދެ، އެތަނަށް ގެއްލުންދިން މައްސަލައާ ގުޅިގެން އެޕާޓުމެންޓެއް ބަލައި ފާސްކޮށް ބަޔަކު ހައްޔަރުކުރި ނަމަވެސް އެ މީހުންގެ ތެރޭގައި އެތަނަށް ގެއްލުންދިން އެއްވެސް މީހަކު ނެތް ކަމަށް ފުލުހުން ބުނެފިއެވެ.
ޖޫސްޓައިމް އަށް ވަދެ ބަޔަކު އެތަނަށް ގެއްލުންދިނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުގެރޭގެ ވަގުތެއްގައެވެ.
ފުލުހުން މީގެ ކުރިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ޖޫސް ޓައިމަށް ވަދެ ގެއްލުން ދިން މައްސަލައާ ގުޅިގެން ހުޅުމާލޭގެ އެޕާޓުމަންޓެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެތަނުގެ ތެރެއިން މާރާމާރީ ހިންގުމަށް ބޭނުންކުރާ ބައެއް ތަކެއްޗާއި މަސްތުވާތަކެތި ފެނުމާ ގުޅިގެން އަންހެނަކު ހިމެނޭހެން ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
މި ހަތް މީހުންގެ ތެރޭގައި އެ ކެފޭއަށް ގެއްލުންދިން މީހުން ހިމެނޭތޯ ފުލުހުންގެ މީޑިއާއާ "ވަން" އިން މިއަދު ސުވާލުކުރުމުން ބުނީ މި ހަތް މީހުންގެ ތެރޭގައި އެމީހުން ހިމެނޭތޯ ޗެކް ކުރުމަށްފަހު މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާކަން ފުލުހުން ވަނީ ޔަގީކޮށްދީފައެވެ.
ފުލުހުން ބުނީ މި ހަތް މީހުން ހައްޔަރުކުރީ އެމީހުން ތިބި އެޕާޓުމަންޓުތެރެއިން މަސްތުވާތަކެއްޗާއި މާރާމާރީ ހިންގުމަށް ބޭނުންކުރާ ބައެއް ތަކެތި ފެނުމުން ކަމަށެވެ.
ހުޅުމާލޭގައި ހިންގާ އެ ކެފޭއަށް ވަދެ، ގެއްލުން ދޭ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. މޫނު ނުފެންނަހެން ހެލްމެޓު އަޅައިގެން ތިބި ދެ ފިރިހެނަކު ކެފޭގެ ތެރެއަށް ވަދެ، މަރުތޭލަކުން ގެއްލުން ދޭ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. އަދި ކެފޭގެ ވަތްގަނޑުން އެއްޗެއް ނަގައި، ޖީބަށް ލާ ތަންވެސް ފެނެއެވެ.
އެ ކެފޭއަށް ގެއްލުން ދިނުމަށްފަހު، އެމީހުން ސައިކަލަކަށް އަރައިގެން ދާ މަންޒަރު ވެސް އެހެން ވީޑިއޯއަކުން ފެނެއެވެ. އެ ކެފޭއަށް ވަދެ އެ ދެ މީހުން ގެއްލުން ދިން އިރު، އެ ސަރަހައްދުގައި މީހުން ވެސް ތިއްބެވެ. އެމީހުން ދުއްވި ސައިކަލް މީގެ ކުރިން ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު