އިންޓަރނޭޝަނަލް މޯބައިލް ސެޓްލައިޓް އޯގަނައިޒޭޝަން (އިމްސޯ)ގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމެޓީން ރުހުންދީފިއެވެ.
އޮމްސޯގައި ރާއްޖޭން ބައިވުމާމެދު، ރައްޔިތުންގެ މަޖިލީހުގެ ލަފަޔަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ހުށަހެޅުއްވުމުން، އެ މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ފޮނުއްވީ ހުސްވި ފެބްރުއަރީމަހުގެ 13 ގައެވެ.
ރާއްޖެއަކީ ބައިނަލްއަގްވާމީ ކަނޑުދަތުރުފަތުރާއިބެހޭ ޖަމިއްޔާ، އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)ގެ މެންބަރު ގައުމެކެވެ. އިމްސޯ އުފައްދާފައި ވަނީ 1979 ވަނަ އަހަރު އައިއެމްއޯގެ އެހީތެރިކަމާއެކު އެ ޖަމިއްޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
އިމްސޯއިން ކުރާ މައިގަނޑު މަސައްކަތަކީ ގްލޯބަލް މެރިޓައިމް ޑިސްޓްރެސް އެންޑް ސޭފްޓީ ސިސްޓަމް (ޖީއެމްޑީއެސްއެސް) އާއި ލޯންގް ރޭންޖު އައިޑެންޓިފިކޭޝަން އެންޑް ޓްރެކިންގ އޮފް ޝިޕްސް (އެލްއާރުއައިޓީ)ގެ އެންމެހައި ކަންކަން ކުރުމަށް މަގުފަހިކުރުމެވެ. ޖީއެމްޑީއެސްއެސް އަދި އެލްއާރުއައިޓީ އަކީ ބައިނަލްއަގްވާމީ ކަނޑުދަތުރުފަތުރާއިބެހޭ ޖަމިއްޔާ، އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންގެ މުއާހަދާއެއް ކަމުގައިވާ "އިންޓަރނޭޝަނަލް ކޮންވެންޝަން ފޯ ދަ ސޭފްޓީ އޮފް ލައިފް އެޓް ސީ (ސޯލާސް) 1974" އިން އެކަންކަން މި މުއާހަދާގައި ބައިވެރިވާ ގައުމުތަކަށް ލާޒިމުކުރާ ކަމެކެވެ.
ރާއްޖެއަކީވެސް އައިއެމްއޯ އަދި ސޯލާސްގައި ބައިވެރިވެފައިވާ ގައުމެކެވެ. އަދި އިމްސޯގައި ބައިވެރިވުމަށް އައިއެމްއޯ މެންބަރު ސްޓޭޓް އޮޑިޓްގައި ވަނީ ލަފާދީފައެވެ.
އިމްސޯގައި ރާއްޖެއިން ބައިވެރިވުމަށް ކޮމިޓީން ރުހުން ދިނުމަށްފަހު އެކަމާމެދު މަޖިލިސް ތަޅުމުން ގޮތެއް ނިނުމަށްޓަކައި އެ މައްސަލައިގެ ދިރާސީ ރިޕޯޓު ކޮމިޓީން ވަނީ މަޖިލިސް ތަޅުމަށް ފޮނުވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު