މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން މިއަހަރަށް އަންދާޒާ ކުރާ ބަޖެޓަކަށް 72 މިލިއަން ރުފިޔާގެ އަދަދެއް ފާސްކޮށްފިއެވެ.

ހެންވޭރު މީރުމާގެ ކާނިމާ މާލަމުގައި އިއްޔެ ބޭއްވި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގައި މިއަހަރަށް އެމްއޯސީން ބަޖެޓް ފާސްކޮށްފައިވަނީ މެންބަރު 12 އެސޯސިއޭޝަނުގެ ބައިވެރިވުމާއެކުގައެވެ. އެމްއޯސީން އިއްޔެ ބުނެފައި ވަނީ މިއަހަރުގެ ބަޖެޓްގެ ބޮޑުބައެއް ހަމަޖައްސާނީ ސަރުކާރުން ލިބޭ ފަންޑުން ކަމަށެވެ.

އިއްޔެގެ އާންމު ބައްދަލުވުމުގައި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ވިދާޅުވީ މިހާރު ޔޫތު މިނިސްޓްރީއަށް ބަޖެޓް ހުށަހަޅާފައިވާނެ ކަމަށާއި، މިނިސްޓްރީއާއެކު މިހާރު ބަޖެޓަށް ވާހަކަ ދެކެވެމުން އަންނަ ކަމަށެވެ.

"މިއަހަރުގެ ބަޖެޓް އަޅުގަނޑުމެން ވާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް ހުށަހަޅާފައި. ދެން އެބޭފުޅުންނާ ޑިސްކަސް ކުރަމުން މިދަނީ އަޅުގަނޑުމެންގެ ބަޖެޓާ ބެހޭގޮތުން. ބޮޑުބައެއް އެބޭފުޅުން އަތުން ލިބޭނެ ކަމަށް ބަލައިގެން، ކޮން ކުޅިވަރުތަކަކަށްތޯ ދާނީ. މިގޮތަށް ނިމުނީމަ ފުލް ބަޖެޓެއް އެނގޭނީ، އެއަށް އެބޭފުޅުން އެތިބީ އަޅުގަނޑުމެންނާ އެއްކޮށް ވޯކް ކުރާ ގޮތަށް،" ޗަމްޕީ ފާހަގަކުރެއްވިއެވެ.

އޮލިމްޕިކްސް ކޮމިޓީގެ ބަޖެޓުގެ ބޮޑުބައެއް ސަރުކާރުން ހިއްސާކުރާ އެއް ސަބަބަކީ ރާއްޖެއިން ވާދަކުރާ ގޭމްސްތައް މިއަހަރު ގިނަ ވުމެވެ. ރާއްޖެއިން މިއަހަރު ފަސް ގޭމެއްގައި ވާދަކުރަން ހަމަޖައްސާފައިވާ އިރު، އެއީ ޓްރިންޑާޑް އެންޑް ޓޮބޭގޯގައި ބާއްވާ ކޮމަންވެލްތު ޔޫތު ގޭމްސްއާއި އިންޑޮނީޝިއާގައި ބާއްވާ އެނޮކް ވޯލްޑް ބީޗް ގޭމްސްގެ އިތުރުން މަޑަގަސްކަރާގައި ހޯސްޓްކުރާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)އާއި ޗައިނާގައި ބާއްވާ އޭޝިއަން ގޭމްސް އަދި ތައިލެންޑްގައި ކުރިއަށްދާ އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސްއެވެ.

އޭގެ އިތުރުންވެސް އެސޯސިއޭޝަންތަކަށް ކުރިން އަހަރު ތަކެކޭ އެއްގޮތަށް މިއަހަރުވެސް އެމްއޯސީގެ އެހީތެރިކަން އެކިއެކި ގޮތްގޮތުން ފޯރުކޮށްދޭނެ ކަމަށް އެމްއޯސީން ބުނެފައިވެއެވެ.

އޮލިމްޕިކްސް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު އިއްޔެ ވިދާޅުވީ މިދިޔަ އަހަރުން ފެށިގެން އެސޯސިއޭޝަންތައް އިތުރަށް ޕްރޮމޯޓުކޮށް، ކުރިއެރުވުމަށް އޮލިމްޕިކްސް ކޮމިޓީގެ ފަރާތުން ހާއްސަ އެހީތެރިކަމެއް ފޯރުކޮށްދޭން ފަށާފައިވާ ކަމަށާއި، ކުރިއަށް މިއޮތް އަހަރުވެސް އެކަން ހިނގާނެ ކަމަށެވެ.

ރާއްޖޭގެ ކުޅިވަރުތަކުގެ ކުރިމަގާ ގުޅޭ ގޮތުން އެމްއޯސީގެ ރައީސް ޗަމްޕީ އިއްޔެ އިތުރަށް ވިދާޅުވީ ވަސީލަތްތައް އިތުރުވެ، ކުޅިވަރު އިތުރު ހަރުފަތަކަށް ޖެހުމަށް ޖާގަ ލިބިގެން ހިނގައްޖެ ކަމަށެވެ.

"ކުޅިވަރުގެ ވަސީލަތްތަކެއް ބިނާކުރެވިގެން ދިޔުމާއެކު ނަތީޖާތައް އިތުރު ހަރުފަތަކަށް ޖެހިލައިފި. އައިއޯއައިޖީގައިވެސް ނަތީޖާތައް ރަނގަޅު ވެގެންދާނެ ކަމަށް ފެންނަނީ. އަދި އޭގެ އިތުރުންވެސް އިތުރު ގޭމްސްތަކުގައިވެސް އެ ނަތީޖާތައް ރަނގަޅު ވެގެންދާނެ ކަމަށް ފެންނަނީ،" ޗަމްޕީ ވިދާޅުވިއެވެ.