އެތުލީޓުންނަށް ބާރު ލިބޭ ގޮތަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން އެކުލަވާލާފައިވާ އެތުލީޓްސް ކޮމިޝަންގެ މަސައްކަތް މިދިޔަ އަހަރު އެންމެ ފުރިހަމައަށް ކުރިއަށް ނުގެންދެވުނު ނަމަވެސް، މިއަހަރު އެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކަމަށް އޮލިމްޕިކްސް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު (ތަމޫ) އިއްޔެ ވިދާޅުވެއްޖެއެވެ.
ހެންވޭރު މީރުމާގެ ކާނިމާ މާލަމުގައި އިއްޔެ ބޭއްވި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގައި ތަމޫ ވިދާޅުވީ މިދިޔަ އަހަރު ގޭމްސްތަކަށް ވަގުތު ދޭން ޖެހިފައި އޮތްލެއް ބޮޑުކަމުން އެތުލީޓްސް ކޮމިޝަންގެ ދައުރު ދިޔައީ ކުޑަކޮށް ނަމަވެސް، މިއަހަރަށް މިހާރު އެކްޓިވިޓީ ކަލަންޑަރު އެކުލަވާލައި، ގިނަ ހަރަކާތްތަކެއް ރޭވިފައިވާ ކަމަށެވެ.
"އައިއޯސީން ބޯމަތި ކޮށްފައި އޮތް ކަމެއް އެތުލީޓްސް ކޮމިޝަނެއް އެކުލަވާލުމަކީ. އާ އެކްސްކޯއިން އައިސް އެންމެ ފުރަތަމަ ކުރި އެއް ކަންތައް އެއީ އެތުލީޓްސް ކޮމިޝަނެއް އެކުލަވާލުން. ކަން ދިމާކުރިގޮތުން ގޭމްސްތައް ގިނަވެފައި، ރާއްޖޭގައި ބާއްވަމުންދިޔަ އިންޓަނޭޝަނަލް މުބާރާތްތައް ގިނަކަމުން އެތުލީޓްސް ކޮމިޝަނުގެ މެންބަރުން ވަރަށް ބުރަކޮށް ދިޔައީ. ތާށިވެގެން ދިޔައީމަ މިދިޔަ އަހަރު ޕްރޮގްރާމެއް ނުހިންގުނު ނަމަވެސް، މިއަހަރު އަލަށް ފަށައި، މިހާރު ކޮންމެ ކުޅިވަރެއްގެ ލީޑަރުން ނެގި، ބައްދަލުވުމެއް ބޭއްވިއްޖެ. އެ ބައްދަލުވުމާއެކު އެކްޓިވިޓީ ކަލަންޑަރެއް ހެދި، މިހާރު ވަނީ އެމްއޯސީއަށް ހުށަހަޅާފައި. މި އަންނަ ހަފުތާގައިވެސް އެއް ހަރަކާތް އެބައޮތް. އެކަންކަން މިހާރު ކުރިއަށް އެބަދޭ،" ތަމޫ ވިދާޅުވިއެވެ.
އޮލިމްޕިކްސް ކޮމިޓީގެ އާ އެކްސްކޯއާއެކު އެކުލަވާލި އެތުލީޓްސް ކޮމިޝަން އެކުލެވެނީ ފަސް މެންބަރުންގެ މައްޗަށެވެ. އެއީ އޮލިމްޕިކްސްގައި ވާދަކޮށްފައިވާ ދެ އެތުލީޓުން ހިމެނޭ ގޮތަށެވެ. އަނެއް ތިން މެންބަރުން ވާން ޖެހޭނީ އޮލިމްޕިކް ކުޅިވަރުތަކަށް ނިސްބަތްވާ އެތުލީޓުންނަށެވެ.
އެތުލީޓްސް ކޮމިޝަނަކީ 2009 ވަނަ އަހަރު އޮލިމްޕިކް ކޮމިޓީއަށް މެންބަރުން އިންތިހާބުކުރަން ފެށުނު އިރުން ފެށިގެން ހިމެނޭ ބައެއް ނަމަވެސް، އެތުލީޓްސް ކޮމިޝަނަށް ބާރުތައް ދޭގޮތަށް ފާސްކޮށްފައިވަނީ 2019 ވަނަ އަހަރު ބޭއްވި އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގައެވެ.
އެތުލީޓްސް ކޮމިޝަންގެ އެންމެ އިސްމަގާމުގައި ރާއްޖޭގެ އެންމެ ކާމިޔާބު ފިރިހެން އެތުލީޓް، ހަސަން ސާއިދު ހުރި އިރު، ކޮމިޝަންގައި ދެން ހިމެނެނީ ކާމިޔާބު ފެތުންތެރިޔާ، އައިމިނަތު ސަޖަން އާއި ބާސްކެޓުން އަހުމަދު ޒަބީރުގެ އިތުރުން ހޭންޑް ބޯޅައިން ނަޝްފާ އާމިރު އަދި ތަޖުރިބާކާރު ބެޑްމިންޓަން ކުޅުންތެރިޔާ ނީލާ އަހުމަދު ނަޖީބެވެ.
ތަމޫ އިއްޔެ ވިދާޅުވީ އެތުލީޓްސް ކޮމިޝަންގެ މަސައްކަތް މިހާރުވެސް ފެންނަމުންދާ ކަމަށާއި، އެމްއޯސީއާއި އެތުލީޓުންނާ ދެމެދު އެޅިގެންދާ ރަނގަޅު ފާލަމަކަށް އެތުލީޓްސް ކޮމިޝަން ވެގެންދާނެ ކަމަށެވެ.
"އެތުލީޓްސް ކޮމިޝަނަކީ އެތުލީޓުން އެމްއޯސީއާ ދައްކަން ޖެހޭ ވާހަކަތައް ދެއްކުމަށް އަޅައިދެވޭނެ ފާލަމެއް. މިހާރު ހޮވިފައި ތިބި އެތުލީޓްސް ކޮމިޝަނުގެ މެންބަރުންނަކީ އެކަމަށް މަސައްކަތް ކުރާނެ ބައެއް. އެތުލީޓުން ތަމްސީލުކުރާ އެތުލީޓްސް ކޮމިޓީގެ މެންބަރެއް އެކްސްކޯގައިވެސް ހިމެނޭ. އެހެންކަމުން ބައިވެރިވުން ވަރަށް ރަނގަޅަށް މިހާރު ދަނީ. އެޓެންޑެންސާއި ކޮމެންޓްކުރުމުގެ އިތުރުން ހިޔާލު ދިނުމުގައިވެސް ވަރަށް ރަނގަޅަށް ފެންނަނީ،" ތަމޫ ފާހަގަކުރެއްވިއެވެ.
ތަމޫ އިއްޔެ އިތުރަށް ވިދާޅުވީ އެތުލީޓްސް ކޮމިޝަންގެ މެންޑޭޓް ތެރެއިން ހޭލުންތެރިކަން އިތުރު ކުރުމާއި އޮލިމްޕިޒަމް ކުރިއަރުވަން އެތުލީޓުންނަށް ކޮށްދެވޭނެ ކަންކަން ހިންގުމަށް ރާވަމުންދާ ކަމަށާއި، އަންނަ ހަފުތާގައި ތައިލެންޑްގައި އޮންނަ އެތުލީޓްސް ފޯރަމްގައި ރާއްޖޭގެ އެތުލީޓްސް ކޮމިޝަންގެ ފަރާތުން ބައިވެރިވާނެ ކަމަށެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ