މި ސަރުކާރުގެ ތެރެއިން ކުޅިވަރު ކުރިއެރުވުމުގެ މަސައްކަތްތައް ކުރަމުންދަނީ ސިޔާސީނުވެ، ވަކި ކުލައެއްގެ ފިކުރަކަށް ނުބަލައި ކަމަށާއި އެކަމުގެ ހެޔޮ ނަތީޖާ މިހާރުވެސް ފެންނަމުންދާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހުލޫފް އެގޮތަށް ވިދާޅުވީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން މިއަދު ބޭއްވި އަހަރީ އާންމު ޖަލްސާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން، ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރު މަހުލޫފް މިއަދު ވިދާޅުވީ ރާއްޖޭގެ ކުޅިވަރަށް މީގެ ކުރިން ނުގެނެވޭފަދަ ހެޔޮ ބަދަލެއް މިދިޔަ ހަތަރުވަރަކަށް އަހަރު ދުވަހު ގެނެވިފައިވާ ކަމަށާއި އެ ބަދަލަކީ ގުޅިގެން ގެނެވުނު ބަދަލެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް މިނެރެވޭ ނަތީޖާތަކާއި ކާމިޔާބީތަކުގައި އެންމެ އިސް ދައުރެއް އަދާކޮށްދޭ ފަރާތަކީ ކުޅިވަރު އެސޯސިއޭޝަންތައް ހިންގަން ތިއްބެވި ފަރާތްތައް. އެންމެން އެއްކޮށް މި ކުރެވޭ ބުރަ މަސައްކަތުގެ ނަތީޖާއަކީ އެތުލީޓުންނާއި އެފަރާތްތަކުގެ ބެލެނިވެރިން އެކޮށްދޭ މަސައްކަތުން އެ ލިބޭ ރަން ވަނަތައް. ޖުމްލަ ގޮތެއްގައި މިފެންނަނީ ހުރިހާ ބައެއް ކުރާ މަސައްކަތުގެ ނަތީޖާ،" މިނިސްޓަރު ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ އެއްވެސް އެސޯސިއޭޝަނަކަށް ސިޔާސީ ތަފާތުކުރުން ގެންގުޅުއްވާފައި ނުވާނެ ކަމަށާއި އެއީ ކުޅިވަރުގެ ނަތީޖާތައް ރަނގަޅުވެގެންދާ އެއް ސަބަބު ކަމަށެވެ.

"އަޅުގަނޑަށް ކެރޭ ބުނަން، މީގެ ކުރިން ރާއްޖޭގެ ކުޅިވަރަށް ނުކޮށްދެވޭ ވަރަށް އަޅުގަނޑުމެންނަށް މަސައްކަތްތަކެއް ކުރެވިއްޖޭ. އެއީ މި އެންމެންގެ މަސައްކަތުން އެކަން މިކުރެވުނީ. ކުޅިވަރު ތެރެއަށް ސިޔާސީ ކަންތަކެއްވެސް ނުވައްދަން. އެކަން ނުވެސް ކުރާނަން. މިތާ އެބަ ތިއްބެވި އެކިއެކި ސިޔާސީ ވިސްނުމުގެ ބޭފުޅުން. އެކަމަކު އެއްވެސް ބޭފުޅަކަށް ނުބުނެވޭނެ ސިޔާސީ ކުލަ ތަފާތުވެގެން ކަމެއް ނުކޮށްދީ އޮތް ކަމަށް ބުނާކަށް. އެބައި ދުރުކޮށްފައި ގައުމީ ވިސްނުމުގައި މަސައްކަތް ކޮށްގެން ރަނގަޅު ނަތީޖާ މިފެނިގެންދަނީ،" މަހުލޫފް ވިދާޅުވިއެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ "ހިތުގައި ވަރަށް ބޮޑު ޝައުގުވެރިކަމާއި ލޯތްބެއް" ކުޅިވަރަށް އަބަދުވެސް އޮންނާތީ ކުޅިވަރުގެ ތެރެއަށް ވަންނަން ނުޖެހޭ ވަރަށްވެސް ބައެއް ފަހަރު ވަދެވޭ ކަމަށެވެ. އެހެން ނަމަވެސް އެ ވިސްނުމުގައި މަސައްކަތް ކުރަނީ ކުރިއަށް އޮތް ތަނުގައި ރަނގަޅު ސިސްޓަމެއްގެ ތެރެއިން ކުޅިވަރުތައް ހިންގޭނެ އުސޫލުތަކެއް ދަމަހައްޓަން ކުރާ މަސައްކަތުގެ ތެރެއިން ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު އެސޯސިއޭޝަންތަކަށް ކުރާ ހޭދަ ބޮޑުތަނުން އިތުރުވުމުގެ ނަތީޖާއެއްގެ ގޮތުން އެތުލީޓުންނަށް ރަނގަޅު ކާމިޔާބީތަކާ ހަމައަށް ވާސިލުވާން ހިތްވަރު ލިބިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ފެންނާނެ މީގެ ކުރިން އެބަހުރި ބައެއް އެސޯސިއޭޝަންތަކަށް އެއްވެސް ވަރަކަށް ފައިސާ ނުދެވި އިހުމާލުވެފައި އޮތް ތަން. ވަކި ސަރުކާރެއް ގޯސްކުރަނީއެއް ނޫން. މިސާލަކަށް ހަމައެކަނި 25000 ރުފިޔާ ދީފައިވެސް މީގެ ކުރިން އެބަހުރި. މިއަދު އެއަދަދުތައް އިތުރު ކުރުމުގެ ނަތީޖާއަކީ ކުޅިވަރު ކުރިއަރައި އެތުލީޓުން ރަނގަޅު ވަނަތަކެއް ހޯދުން،" 12 މެމްބަރު އެސޯސިއޭޝަނަކުން ބައިވެރިވި މިއަދުގެ އެމްއޯސީ އާންމު ޖަލްސާގައި މަހުލޫފް ފާހަގަކުރެއްވިއެވެ.

މަހުލޫފްގެ ވާހަކައިގައި ކުޅިވަރަށް ގެނައި ހެޔޮ ބަދަލުތަކުގެ ތެރެއިން ބޭރުގެ ކޯޗުން ގެނައުން ފާހަގަކުރައްވާފައިވާ އިރު، އޭނާ ވިދާޅުވީ އެކަމަށް އެދި މިނިސްޓަރާ ހަމައަށް ވަޑައިގެން އެއްވެސް އެސޯސިއޭޝަނަކަށް އެކަން ނުކޮށްދެއްވައި ނޯންނާނެ ކަމަށެވެ. އޭގެ އިތުރުން ކުޅުންތެރިންގެ ބޭނުމަށް މިހާރުވެސް އެމްއޯސީގެ އޮލިމްޕިކް ސްކޯލާޝިޕްގެ އިތުރުން އަރުތަ ޕްރޮގްރާމް ކާމިޔާބުކަމާއެކު ހިންގެމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ވަރަށް އަވަހަށް އަރުތަ ޕްރޮގްރާމް ރަސްމީ ސިފައެއްގައި ފެށޭނެ ކަމަށެވެ.

އޭގެ އިތުރުން ކުރިއަށް އޮތް އައިއޯއައިޖީ ގޭމްސްއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މަހުލޫފް ވިދާޅުވީ މި ސަރުކާރު އައިތާ ހަވަރަކަށް މަސް ތެރޭގައި 2019 ވަނަ އަހަރުގެ އައިއޯއައިޖީގައި 15 ވަރަކަށް މެޑަލް ހޯދި ކަމަށާއި އަމާޒަކީ މިފަހަރު އެއަށްވުރެ ރަނގަޅު ކާމިޔާބެއް ހޯދުމަށް ކަމަށެވެ.

"އެންމެން ގަބޫލުކުރާ ގޮތުގައި އައިއޯއައިޖީއަކީ ހެޔޮވަރު ވަރެއްގައި ވާދަކޮށްލަން ލިބޭ މިނީ އޮލިމްޕިކްސްއެއް، އެހެންވީމަ އަޅުގަނޑު ވެސް ހިސާބެއް ޖަހަން ބޭނުންވޭ. ފެށިއިރާއި ނިމޭއިރު ވަނީ ކިހިނެއްތޯ ބަލަން. އެހެންވީމަ މިގޭމްސްގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް ފެށުނީއްސުރެ މިއަންނަނީ އެ ވާހަކަތައް ދައްކަމުން. އެއަށް އެންމެން މަސައްކަތް ކުރަމުން މި އަންނަނީ. ދެން މި އޮތް ހަމަސް ދުވަހުވެސް އެއަށް ތައްޔާރުވާން ހުރިހާ ފަރާތަކުންވެސް އުޅުމަކީ އަޅުގަނޑުގެ އެދުން،" މިނިސްޓަރު މަހުލޫފް ވިދާޅުވިއެވެ.

މިފަހަރުގެ އައިއޯއައިޖީ ގޭމްސް މިއަހަރު މަޑަގަސްކަރައިގައި އޮތް އިރު، އަހަރު ތެރެއިން އަންނަ އެކިއެކި ގޭމްސްތަކުގެ ތެރެއިން ރާއްޖޭގެ ފޯކަސް އެންމެ ބޮޑަށް ހުއްޓިފައި އޮތީ އައިއޯއައިޖީއަށެވެ. އޭގެ އިތުރުންވެސް ރާއްޖެއިން މިއަހަރު ހަތަރު ގޭމްސްއަކުން ވާދަކުރާނެއެވެ.

މިނިސްޓަރު މިއަދު އެސޯސިއޭޝަންތަކަށް އިރުޝާދު ދެއްވީ "އެއްބައެއްގެ ގޮތުގައި، ގައުމީ ޖޯޝުގައި، ގައުމީ ދިދަ ހިފައިގެން،" ކުޅިވަރުގެ މަސައްކަތް ކުރުމަށެވެ.